ރައްޔިތުން މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު އެ މަގާމުން ވަކިކުރުމުގެ މައްސަލައިގެ އިތުރު ޖަލްސާއެއް މިއަދުގެ 11:30 އަށް މަޖިލިސް އިދާރާއިން އެޖެންޑާ ކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުން ރައީސް މުހައްމަދު ނަޝީދު ވަކިކުރަން އެމްޑީޕީގެ 49 މެންބަރުން ސޮއިކުރައްވައި، މަޖިލީހަށް ހުށަހަޅާފައިވާ އިތުބާރު ނެތްކަމުގެ މައްސަލައަކީ، މަޖިލީހުގެ ގަވާއިދާ ހިލާފަށް ހުށަހަޅާފައިވާ މައްސަލައެއް ކަމަށް ބުނެ، އެ މައްސަލަ ކުރިއަށް ނުގެންދަން ނިންމަވައި، މިއަދު ހެނދުނު ބޭއްވި މަޖިލިސް ޖަލްސާގެ ރިޔާސަތުގައި އިންނެވި ރައްޔިތުންގެ މަޖިލީހުގެ ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފު އެ ޖަލްސާ ވަނީ ނިންމަވައިލައްވައިފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުގެ މަގާމުން ރައީސް މުހައްމަދު ނަޝީދު ވަކިކުރަން އެމްޑީޕީން މަޖިލީހަށް ހުށަހަޅާފައިވާ ގަރާރަކީ މަޖިލިސް ގަވާއިދާ ހިލާފު، ޝަރުތު ފުރިހަމަ ނުވާ ގަރާރެއް ކަމަށް ބުނެ ނިޒާމީ ނުކުތާ ނަންގަވާފައި ވަނީ ދަ ޑިމޮކްރެޓްސްގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު، މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމެވެ.

ނަމަވެސް މަޖިލިސް އިދާރާއިން ވަނީ އެ މައްސަލަ އަލުން އެޖެންޑާކޮށްފައެވެ. އެގޮތުން މިއަދުގެ 11:30 އަށް މަޖިލިސް ޖަލްސާއެއް ބާއްވަން ވަނީ އެޖެންޑާ ކޮށްފައެވެ.

ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް "ވަން" އަށް ވިދާޅުވީ މި ގަރާރު ކުރިއަށް ގެންދެވޭނެ ކަމަށް މަޖިލީހުގެ އިދާރާއިންވެސް ގަބޫލުރާ ކަމަށާއި މަޖިލިސް އިދާރާއިވެސް ލަފާ ދީފައިވަނީ މިއަދުގެ މައްސަލަ ކުރިއަށް ގެންދަން ކަމަށެވެ.

އަސްލަމް ވިދާޅުވީ މިއީ އިދާރީ ހުރިހާ މަރުހަލާއެއް ނިންމައި، ގަވާއިދަށް ފެތޭ ކަމަށް މަޖިލީހުގެ އިދާރާއަށް ފެނިގެން މަޖިލީހުގެ ޖަލްސާއަކަށް އެޖެންޑާ ކޮށްފައިވާ ގަރާރެއް ކަމަށާއި މަޖިލިސް އިދާރާއިން ވެސް ގަބޫލުކުރާ ގޮތުގައި މައްސަލަ ބޭރު ނުވާ ކަމަށާއި މި މައްސަލަ ކުރިއަށް ގެންދެވޭނެ ކަމަށެވެ.

އަސްލަމް ވިދާޅުވީ މަޖިލިސް އިދާރާއިން އެގޮތަށް ނިންމާފައި ވަނިކޮށް، ރިޔާސަތުން އެމައްސަލަ ބޭރުކޮށްނުލެވޭނެ ކަމަށާއި އެއީ މަޖިލިސް ގަވާއިދާ ހިލާފު ކަމެއް ކަމަށާއި އެ ބާރު ރިޔާސަތަށް ލިބިގެން ނުދާ ކަމަށެވެ. އަދި އަފީފްގެ އެ ނިންމުމަކީ މަޖިލިސް ގަވާއިދާ ހިލާފަށް ނިންމި ހުދުމުހުތާރު ނިންމުމެއް ކަމަށާއި އެހެންވެ، އަފީފާ ގުޅޭ އިމްތިޔާޒީ މައްސަލައެއް މަޖިލީހުގެ އިމްތިޔާޒް ކޮމިޓީއަށް ހުށަހަޅާފައިވާ ކަމަށްވެސް އަސްލަމް ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު މަގާމުން ވަކިކުރަން އެމްޑީޕީން މަޖިލީހަށް ހުށަހަޅާފައިވާ އިތުބާރު ނެތްކަމުގެ ގަރާރު ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ ދަށުން ކުރިއަށް ނުގެންދެވޭނެ އެއްވެސް ސަބަބެއް ނެތް ކަމަށް އެމްއެންޕީގެ ނައިބު ރައީސް އަދި ވިލިމާލެ ދާއިރާގެ މަޖިލިސް މެންބަރު އަހުމަދު އުޝާމް ވެސް ވަނީ މިއަދުގެ ޖަލްސާގައި ވިދާޅުވެފައެވެ.