ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުން، ރައީސް މުހައްމަދު ނަޝީދު ވަކިކުރަން ކުރި މަސައްކަތް ކުރިއަށް ނުގޮސްގެން އެމްޑީޕީން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގައި ބުރާސްފަތި ދުވަހު ވަނީ ހުކުމް ކޮށްފައެވެ.

އެމްޑީޕީން ސުޕްރީމް ކޯޓަށް ދިޔައީ ރައްޔިތުންގެ މަޖިލީހާ ދެކޮޅަށެވެ. ނަމަވެސް ހަގީގަތަކީ މި މައްސަލައަކީ އެމްޑީޕީން ވަކިވި މަޖިލިސް މެންބަރުން، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިރުޝާދުގެ ދަށުން އުފެއްދި ދަ ޑިމޮކްރެޓްސް އާއި އެމްޑީޕީއާ ދެމެދު ހިނގަމުންދާ ކުރިމަތިލުންތަކުގެ ތެރެއިން ކުރިމަތި ލުމެކެވެ.

މަޖިލީހުގެ ރައީސް ކަމުން ނަޝީދު ވަކިކުރަން އެމްޑީޕީގެ 49 މަޖިލިސް މެންބަރުން ސޮއި ކުރައްވައި މަޖިލީހަށް ފޮނުވީ އޮކްޓޫބަރު މަހުގެ 8 ވަނަ ދުވަހުއެވެ.

މަޖިލިސް ރައީސް މަގާމުން ވަކި ކުރުމުގެ އިޖުރާއަތްތައް ބަޔާންކޮށްފައިވަނީ މަޖިލިސް ގަވާއިދުގެ 205 މާއްދާގައެވެ. އިތުބާރު ނެތްކަމަށް ހުށަހަޅާ މައްސަލައިގެ ގަރާރު މަޖިލީހަށް ލިބޭތާ ތިން ދުވަހުގެ ތެރޭގައި އެ ގަރާރާބެހޭ ނޯޓިސް މަޖިލީހުގެ އަމީން އާއްމު މަޖިލިސް މެންބަރުންނަށާއި މަޖިލިސް ރައީސަށް ފޮނުވުމަށާއި، އެއަށް 14 ދުވަހުގެ މުއްދަތެއް ދިނުމަށްފަހު އެންމެ އަވަހަށް އަންނަ ރަސްމީ ބަންދުނޫން ދުވަހަކު ބާއްވާ ޖަލްސާއަކަށް އެ ގަރާރު ހުށަހެޅުމަށް އެ މާއްދާގެ (ނ)ން ވަނީ ލާޒިމް ކޮށްފައެވެ.

މި މާއްދާގައި ބުނާ އިޖުރާއަތްތައް ފުރިހަމަ ކުރުމުގެ ގޮތުން ނަޝީދު މަގާމުން ވަކި ކުރުމުގެ މައްސަލަ ފުރަތަމަ އެޖެންޑާ ކުރީ 29 އޮކްޓޫބަރުގަ އެވެ. ނަމަވެސް ސިއްހީ ހާލަތު ތަންނުދިމުގެ ސަބަބުން، ޖަލްސާގެ ރިޔާސަތު ބަލަހައްޓަވަން ހަމަޖެހިފައިވާ މަޖިލީހުގެ ނާއިބު ރައީސް އީވާ އަބުދުﷲ ހާޒިރުވެވަޑައެއްނުގެންނެވިއެވެ. އީވާ އަކީ ރައީސް ނަޝީދުގެ ޑިމޮކްރެޓްސްގެ މެންބަރެކެވެ.

އެކަމާ ގުޅިގެން އެމްޑީޕީ މެންބަރުން މަޖިލީހުގައި އިހުތިޖާޖުކުރިއެވެ. އެމްޑީޕީން ބުނަނީ، މަޖިލީހުގެ ރިޔާސަތު ބެލެހެއްޓުމަށް މަޖިލީހުގެ ނާއިބުރައީސް ނުކުޅެދިއްޖެ ހާލަތުގައި، މަޖިލިސް ގަވާއިދުގެ 44 ވަނަ މާއްދާއަށް ރުޖޫއަވެ އެ މާއްދާގައި ބުނާގޮތަށް އަމަލު ކުރަންޖެހޭނެ ކަމަށެވެ.

މަޖިލިސް ގަވާއިދުގެ 44 ވަނަ މާއްދާގެ (ހ)ގައި ބުނަނީ، ރައްޔިތުންގެ މަޖިލީހުގެ ރައީސާއި ނާއިބު ރައީސް މަޖިލީހުގެ ޖަލްސާގެ ރިޔާސަތު ބެލެއްޓުމަށް އުޒުރުވެރިވެއްޖެ ހާލަތެއްގައި، ގާނޫނުއަސާސީގެ ދަށުން އެކަމަށް ކަނޑައަޅާފައިވާ މަޖިލީހުގެ ފަސް މެންބަރުންގެ ތެރެއިން މެންބަރަކަށް ރިޔާސަތު ބެލެހެއްޓޭނެ ކަމަށެވެ.

ނަމަވެސް މަޖިލީހުގެ އަމީންއާއްމުގެ ހިޔާލު އެކަމުގައި ތަފާތެވެ. އަމީން އާއްމު ވިދާޅުވަމުން ގެންދެވީ ގަވާއިދުގެ 44 ވަނަ މާއްދާގައި އެހެނެ އޮތް ނަމަވެސް މަޖިލީހުގެ ރައީސް މަގާމުން ވަކި ކުރުމާ ގުޅޭ ވަކި ބާބެއް މަޖިލިސް ގަވާއިދުގައި ހިމަނައި، މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމުގެ ގަރާރެއް މަޖިލީހަށް ހުށަހަޅަން ހަމަޖެހިފައިވާ ނުވަތަ ހުށަހެޅިފައިވާ ޖަލްސާއެއްގެ ރިޔާސަތު ބަލަހައްޓަވާނީ މަޖިލީހުގެ ނާއިބު ރައީސްކަމަށް އެ ގަވާއިދުގެ 205 ވަނަ މާއްދާގެ (ބ) ގައި ބަޔާންކޮށްފައިވާ ކަމަަށެވެ. އަދި މަޖިލިސް ރައީސް މަގާމުން ވަކި ކުރުމާ ބެހޭ ބަހުސެއް ހިނގާ މަޖިލިސް ޖަލްސާއެއްގެ ރިޔާސަތު ރައްޔިތުންގެ މަޖިލީހުގެ ރައީސް ބަލަހައްޓައިގެން ނުވާނެ ކަމަށް ގާނޫނުއަސާސީގެ 82 ވަނަ މާއްދާގައި ބަޔާން ކޮށްފައިވާކަންވެސް އަމީން އާއްމު މެންބަރުންގެ ސަމާލުކަމަށް ގެންނެވިއެވެ. އެކަންކަމަށް ރިއާޔަތް ކުރައްވައި އަމީން އާއްމު ނިންމެވީ، އީވާ ރިޔާސަތަށް ވަޑައިނުގަންނަވާ ނަމަ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށެވެ.

އެކަމުގައި ކުރިއަށް ދެވޭނެ އެހެން ގޮތެއް ނެތުމުން ސުޕްރީމް ކޯޓަށް ދާން ނިންމައި އެމްޑީޕީން ހަމަ އެދުވަހު ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅިއެވެ. އޭގެ ފަހުން އޮކްޓޫބަރު 30 ވަނަ ދުވަހާއި މި ނޮވެމްބަރު މަހުގެ އެއްވަނަ ދުވަހާއި ދެވަނަ ދުވަހަށް ވެސް އެ މައްސަލަ މަޖިލީހަށް އެޖެންޑާ ކުރިނަމަވެސް އީވާ ވަޑައެއްނުގެންނެވިއެވެ. އެންމެ ފަހުން މިމަހުގެ ފަސްވަނަ ދުވަހު އެ މައްސަލަ މަޖިލީހަށް އެޖެންޑާ ކުރުމުން އެކަމާ ގުޅިގެން ސިޓީއަކުން އީވާ އަމީން އާއްމަށް ދެންނެވީ، އެމްޑީޕީން ދުސްތޫރީ މައްސަލައެއް ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާތީ، ނަޝީދު ވަކިކުރާ މައްސަލައިގެ ޖަލްސާގެ ރިޔާސަތު ބަލަހައްޓަވަން އުޒުރުވެރިވެ ވަޑައިގަންނަވާ ކަމަށެވެ.

އެމްޑީޕީން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގައި ބުނެފައިވަނީ، މަޖިލިސް ރައީސް މަގާމުން ވަކި ކުރުމުގެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓޭނީ ހަމައެކަނި ނާއިބުރައީސްކަމަށް މަޖިލިސް އިދާރާއިން ނިންމާފައި ވަނީ ގާނޫނުއަސާސީގެ 82 ވަނަ މާއްދާގެ (ށ) އާއި މަޖިލިސް ގަވާއިދުގެ 44 ވަނަ މާއްދާއާ ހިލާފަށް ކަމަށެވެ.

ގާނޫނުއަސާސީގެ 82 ވަނަ މާއްދާގެ (ށ) ގައި ބުނަނީ، މަޖިލިސް ޖަލސާގެ ރިޔާސަތު ބަލަހައްޓާނީ މަޖިލިސް ރައީސް ކަމަށެވެ. އަދި މަޖިލީހުގެ ރައީސް ހާޒިރު ނުވާނަމަ ރިޔާސަތު ބަލަހައްޓާނީ ނާއިބުރައީސް ކަމަށާއި، އެ ދެބޭފުޅުން ހާޒިރު ނުވާނަމަ މަޖިލިސް ގަވައިދުގައިވާ ގޮތުގެމަތިން އެ ޖަލްސާގެ ރިޔާސަތު ބަލަހައްޓާނޭ މީހަކު ކަނޑައަޅަން ޖެހޭނެކަމަށްވެސް ބުނެފައިވެއެވެ. މީގެ އިތުރުން މިއީ ސުޕްރީމް ކޯޓުން ބަލަން ޖެހޭ މައްސަލައެއްކަން ޔަގީން ކޮށްދިނުމަށް، މި މައްސަލައަކީ ކޯޓުތަކުގެ ގާނޫނުގެ 11 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދަ، ސުޕްރީމް ކޯޓުގެ އަސްލީ އިހްތިސާސް ލިބިފައިވާ މައްސަލައެއް ކަންވެސް ފާހަގަކުރިއެވެ. އަދި މިއީ ގައުމު ދުސްތޫރީ ހުސްކަމަކަށް ހިނގައިދާނެ، ނުވަތަ ދުސްތޫރީ ނިޒާމުން ބޭރުވެދާނެ ފަދަ ގާނޫނީ ސަބަބުތަކެއް އެކުލެވިގެންވާ މައްސަލައެއް ކަމަށްވެސް ބުނެފައިވެއެވެ. އޭގެ އިތުރުން މިއީ ގައުމުގެ އާއްމު މަސްލަހަތާ ގުޅުން ހުރި މައްސަލައެއް ކަމަށްވެސް އެމްޑީޕީން ބުނެފައިވެއެވެ.

މި މައްސަލައިގައި އެމްޑީޕީން ތިންކަމަކަށް އެދިފައިވެއެވެ.

އެއްކަމަކީ، މަޖިލިސް ޖަލްސާ ކުރިއަށް ނުގެންދެވޭނެ ކަމަށް އަމީން އާއްމުގެ ނިންމުމަކީ ގާނޫނުއަސާސީ އާއި މަޖިލިސް ގަވާއިދާ ހިލާފަށް ނިންމަވާފައިވާ ނިންމުމެއް ކަމަށް ކަނޑައަޅައިދެއްވުމެވެ. ދެވަނަ ކަމަކީ އެ ޖަލްސާގެ ރިޔާސަތަށް ނާއިބު ރައީސް ހާޒިރު ނުވާ ހާލަތުގައި މަޖިލިސް ހަވާއިދުގެ 44 ވަނަ މާއްދާގައިވާ ގޮތުގެމަތިން މަޖިލިސް ރައީސް ވަކި ކުރުމުގެ ޖަލްސާ ކުރިއަށް ގެންދަން ޖެހޭނެކަމަށް ކަނޑައަޅައިދިނުމެވެ. ތިންވަނަ ކަމަކީ މަޖިލިސް ރައީސް މަގާމުން ވަކިކުރުމުގެ ގަރާރު ހުށަހެޅިފައިވާ ނަމަ، އެހެން އެއްވެސް ކަމަކާމެދު ބަހުސް ކުރެވޭނީ ނުވަތަ ގޮތެއް ނިންމަން ވާނީ، މަޖިލިސް ރައީސް މަގާމުން ވަކިކުރުމުގެ ގަރާރާމެދު ގޮތެއް ނިންނުމަށްފަހުގައި ކަމަށް މަޖިލިސް ގަވާއިދުގެ 205 ވަނަ މާއްދާގެ (ރ) ގައި ބުނެފައިވާތީ، އެނޫން ގޮތަކަށް ޖަލސާ ކުރިއަށް ނުގެންދެވޭނެ ކަަމަށް ކަނޑައަޅައި ދިނުމަށެވެ.

މި މައްސަލައަށް ދެ ފަރާތަކުން ތަދައްހުލުވިއެވެ. އެއް ބަޔަކީ ދަ ޑިމޮކްރެޓްސް އެވެ. އަނެއް ބަޔަކީ ޕީޕީއެމް/ޕީއެންސީއެވެ.

މަޖިލިސް ރައީސަކީ އެ ޕާޓީ ތަމްސީލު ކުރާ ފަރާތެއްކަން ފާހަގަކޮށް ޑިމޮކްރެޓްސްއިން ބުނެފައި ވަނީ، މި މައްސަލައަކީ ސިޔާސީ ޕާޓީތަކުގެ ގާނޫނުން އެ ޕާޓީއަށް ކަށަވަރު ކޮށްދީފައިވާ ހައްގުތަކާއި، މަސްއޫލިއްޔަތުތަކަށް އަސަރު ކުރާނެ މައްސަލައެއް ކަމަށެވެ. އެހެންކަމުން މި މައްސަލައިގައި ޑިމޮކްރެޓްސްގެ ފަރާތުން އިޖުރާއީ ތިން އިއުތިރާޒެއް ހުށަހެޅިއެވެ.

އެއް އިއުތިރާޒަކީ މި މައްސަލައަކީ ކޯޓުތަކުގެ ގާނޫނުގެ 11 ވަނަ މާއްދާގެ (ހ) ގެދަށުން ސުޕްރީމް ކޯޓަށް ބެލޭނެ މައްސަލައެއްނޫން ކަމަށެވެ. ދެވަނަ އިއުތިރާޒަކީ ގާނޫނު އަސާސީ އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހާ ހިނދަކު ރައްޔިތުންގެ މަޖިލީހުގެ އެއްވެސްކަމެއް ހިނގި ގޮތުގެ ސައްހަކަން ބެލުމަށް ޓަކައި، އެއްވެސް ކޯޓަކަށް މައްސަލަ ހުށަހަނޭޅޭނެ ކަމަށް ގާނޫނުއަސާސީގެ 88 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާއިރު އެ އަކުރު މި މައްސަލަ ކުރިއަށް ގެންދިއުމަށް ހުރަސް އަޅާ ކަމަށެވެ. ތިންވަނަ އިއުތިރާޒަކީ ގާނޫނުގައި ކަން އޮތް ގޮތާމެދު އުފެދޭ މުހިއްމު ސުވާލުތަކާމެދު ނުވަތަ، ގާނޫނީގޮތުން ކަމެއް އޮތް ގޮތާމެދު މަޖިލީހުގައި އުފެދޭ ދެބަސްވުންތައް ސުޕްރީމް ކޯޓަށް ހުށަހަޅާނެގޮތުގެ އިޖުރާއަތު ގާނޫނުއަސާސީގެ 95 ވަނަ މާއްދާގައި ބަޔާން ވެފައިވާއިރު މި މައްސަލައަކީ އެ އިޖުރާއަތުން ބޭރުން ހުށަހަޅާފައިވާ މައްސަލައެއް ކަމަށެވެ.

މީގެ އިތުރުން އީވާ ޖަލްސާގެ ރިޔާސަތަށް ވަޑައިނުގަތުމުގެ ސަބަބުން ނަޝީދުގެ އިތުބާރުނެތްކަމުގެ މައްސަލަ ކުރިއަށް ގެންގޮސްފައި ނުވުމަކީ، ގާނޫނުއަސާސީގެ 82 ވަނަ މާއްދާގެ (ށ) އާއި މަޖިލިސް ގަވާއިދުގެ 44 ވަނަ މާއްދާއާ ހިލާފު ނިންމުމެއް ނޫން ކަންވެސް ޑިމޮކްރެޓްސް އިން ވަނީ ފާހަގަކޮށްފައެވެ.

ޑިމޮކްރެޓްސް އިންވެސް ތިންކަމަކަށް ސުޕްރީމްކޯޓުގައި އެދުނެވެ. އެއްކަމަކީ މި މައްސަލައަކީ ސުޕްރީމް ކޯޓުގައި ކުރިއަށް ގެންދެވޭނެ ދުސްތޫރީ މައްސަލައެއްނޫން ކަމަށް ކަނޑައަޅައި ދިނުމެވެ. ދެވަނަ ކަމަކީ މައްސަލަ ކުރިއަށް ގެންދެވޭނެކަމަށް ކަނޑައަޅާ ހާލަތުގައި މި މައްސަލައަކީ "ޕޮލިޓިކަލް ކުއެސްޝަން ޑޮކްޓަރިން" ގެ ދަށުން ސުޕްރީމް ކޯޓުން ގޮތެއް ކަނޑައެޅުމުގެ ބާރު ލިބިގެންވާ މައްސަލައެއް ނޫންކަމަށް ކަނޑައަޅައި ދިނުމެވެ. އަދި ތިންވަނަ ކަމަކީ މަޖިލިސް ގަވާއިދުގެ 205 ވަނަ މާއްދާ މާނަ ކުރުމަކީ، ގާނޫނުއަސާސީގެ 70 ވަނަ މާއްދާގެ (ހ) އާއި 88 ވަނަ މާއްދާއާ ހިލާފު އަދި ސުޕްރީމް ކޯޓަށް ލިބިގެންވާ ބާރެއްނޫން ކަމަށް ކަނޑައަޅައި ދިނުމެވެ.

މި މައްސަލަ ބެއްލެވި ސުޕްރީމްކޯޓުގެ ފަސް ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތުގައި އިންނެވި ފަނޑިޔާރު މަހާޒް އަލީ ޒާހިރުގެ ރައުޔުގައި އެ އިއުތިރާޒު ތަކާ ބެހޭގޮތުން، ވިދާޅުވެފައި ވަނީ، އެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓޭނީ ނާއިބު ރައީސަށް އެކަނި ކަމަށް ކަނޑައެޅުމާ ގުޅިގެން މަޖިލިސް ޖަލްސާތައް ކުރިއަށް ނުގެންދެވި މަޖިލީހުގެ މަސައްކަތްތަކަށް ހުރަސްއެޅިފައިވާ ކަން އެ މައްސަލައާ ގުޅުން ހުރި އެހެން ފަރާތްތައް ކަމަށްވާ ޕީޕީއެމް/ޕީއެންސީންނާއި އެޓާނީ ޖެނެރަލްގެ އޮފީހުން ފާހަގަކޮށްފައިވާ ކަމަށެެވެ. މަޖިލީހަށް ހުށަހެޅިފައިވާ އާއްމު މަސްލަހަތާ ގުޅުން ހުރި ކަންކަމަށް ބަލާއިރު، އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓާއި މިއަހަރުގެ ސަޕްލިމެންޓްރީ ބަޖެޓް މަޖިލީހަށް ހުށަހެޅިފައިވީ ނަމަވެސް ގާނޫނު ލާޒިމުކުރާ ބަޖެޓާ ގުޅުން ހުރި މަސައްކަތްތައް އެކަމުގެ ސަބަބުން މަޑުޖެހިފައިވާ ކަން ވެސް ފާހަގަކޮށްފައި ވެއެވެ. މީގެ އިތުރުން ރައްޔިތުންގެ މަޖިލީހަކީ ދައުލަތުގެ އެއްބާރު ކަަމަށްވާއިރު، މަޖިލީހުގެ މަސައްކަތް ހުއްޓި ގައުމު ދުސްތޫރީ ހުސްކަމަކަށް ހިނގައިދާނެ ހާލަތެއް އޮތްކަމަށް ބުނެފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

އެހެންކަމުން މި މައްސަލައަކީ ކޯޓުތަކުގެ ގާނޫނުގެ 11 ވަނަ މާއްދާގެ (ހ) ގެ ދަށުން ސުޕްރީމް ކޯޓުގެ އަސްލީ އިހްތިސާސް ލިބިގެންވާ މައްސަލައެއް ކަމަށް ވެސް ވިދާޅުވެފައިވެއެވެ.

މި މައްސަލައިގައި ބަހުސް އުފަން ވެފައި ވަނީ މަޖިލިސް މެންބަރުން މަޖިލިސް ތަޅުމުގައި، މުޅި މަޖިލީހަށް ނިސްބަތްވާ ގޮތަށް ނިންމާފައިވާ ނިންމުމެއްގެ ސަބަބުން ނޫން ކަމަށާއި، މިއީ މަޖިލިސް މުވައްޒަފަކު މަޖިލިސް ގަވާއިދުގެ މާއްދާއެއް މާނަ ކުރުމުގެ މައްޗަށް މަޖިލިސް އިދާރާއިން އަމަލުކޮށްފައިވާ ގޮތް ގާނޫނުއަސާސީއާ ހިލާފު ކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލައެއް ކަމަށާއި، އެކަމުގެ ސަބަބުން ގާނޫނުއަސާސީއާ ހިލާފު ނަތީޖާއެއް ނިކުމެދާނެ ފަދަ ހާލަތެއް ފާހަގަ ކުރެވިދާނެ ކަމަށްވެސް ވިދާޅުވެފައި ވެއެވެ. އަދި ގާނޫނުއަސާސީގެ 95 ވަނަ މާއްދާއަކީ މަޖިލީހުގެ ނިންމުމެއް ގާނޫނު އަސާސީއާ ހިލާފު ކަމަށް ގަބޫލު ކުރެވިގެން ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހެޅުން މަނާކުރާ މާއްދާއެއް ނޫން ކަމަށްވެސް ވިދާޅުވިއެވެ.

އެހެންކަމުން ފަނޑިޔާރު މަހާޒް އަލީ ޒާހިރުގެ ރައުޔުގެ މައްޗަށް ދެން ތިއްބެވި ހަތަރު ފަނޑިޔާރުން ބުރަވެ ވަޑައިގެން ޑިމޮކްރެޓްސްއިން ހުށަހެޅި އިޖުރާއީ އެެއްވެސް އިއުތިރާޒެއް ބަލައި ނުގަތުމަށް ފަނޑިޔާރުންގެ އިއްތިފާގުން ނިންމިއެވެ.

މި މައްސަލައިގައި ދައުލަތުގެ ވަކީލުގެ ގޮތުގައި މަޖިލިސް ތަމްސީލު ކުރެއްވި އެޓާނީ ޖެނެރަލް އޮފީހުގެ ވަކީލުންގެ ހުށަހެޅުންތައް ހުރީ މަޖިލީހުގެ ނިންމުންތަކާ ދެކޮޅަށް އެމްޑީޕީގެ ހުށަހެޅުންތަކާ އެއްގޮތަށެއެވެ.

ޕީޕީއެމް/ޕީއެންސީން އެދިފައި ވަނީ ވެސް މަޖިލިސް ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލައިގެ ޖަލްސާގެ ރިޔާސަތަށް ނާއިބު ރައީސް އުޒުރުވެރިވާ ހާލަތުގައި، މަޖިލިސް ގަވާއިދުގެ 205 ވަނަ މާއްދާގެ (ބ) ގައި ބަޔާންކުރާ ހާއްސަ އިޖުރާއަތުން ދުރަށް ގޮސް ގަވާއިދުގެ 44 ވަނަ މާއްދާގައިވާ އާއްމު އިޖުރާއަތަށް ރުޖޫއަ ވާން ޖެހޭނެ ކަމަށް ކަނޑައަޅައިދިނުމަށެވެ. އޭގެ އިތުރުން މަޖިލިސް ގަވާއިދުގެ 205 ވަނަ މާއްދާގެ (ރ) އެެހެން އޮތް ނަމަވެސް ގާނޫނުއަސާސީ އާއި ގާނޫނުގައިވާ ޒިންމާއެއް ނުވަތަ މަސްއޫލިއްޔަތެއް އަދާ ކުރުމަށް ހުރަސް ނޭޅޭނެ ކަމަށް ކަނޑައަޅައިދިނުމަށްވެސް އެދިފައިވެއެވެ.

އެ މައްސަލައިގައި ހުކުމްގައި ފަސް ފަނޑިޔާރުންގެ އަގުލަބިއްޔަތުން ކަނޑައަޅާފައި ވަނީ، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 205 ވަނަ މާއްދާގެ (ބ) އަށް ރިއާޔަތްކޮށް، މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމުގެ ގަރާރެއް މަޖިލީހަށް ހުށަހަޅަން ހަމަޖެހިފައިވާ ނުވަތަ ހުށަހެޅިފައިވާ ޖަލްސާގެ ރިޔާސަތު ބެލެހެއްޓޭނީ ހަމައެނި މަޖިލީހުގެ ނައިބު ރައީސަށް ކަމަށް ކަނޑައަޅައި ރައީސް ނަޝީދު މަޖިލިސް ރައީސްކަމުގެ މަގާމުން ވަކިކުރުމުގެ މައްސަލަ މަޖިލީހުގެ އިދާރާއިން ކުރިއަށް ގެންގޮސްފައި ނުވަނީ ގާނޫނުއަސާސީގެ 82 ވަނަ މާދާގެ (ށ)އާ ހިލާފަށް ކަމަށެވެ. އެފަދަ ޖަލްސާއެއްގެ ރިޔާސަތު ބެލެހެއްޓުމަށް މަޖިލީހުގެ ނާއިބު ރައީސް އުޒުރުވެރިވާ ހާލަތުގައި، މަޖިލިސް ގަވާއިދުގެ 44 ވަނަ މާއްދާގައިވާ ތަރުތީބުން، މަޖިލިސް ރައީސް މަގާމުން ވަކިކުރުމުގެ ޖަލްސާގެ ރިޔާސަތު ބަލަހައްޓައި އެ ޖަލްސާ ކުރިއަށް ގެންދަން ޖެހޭނެ ކަމަށްވެސް ހުކުމުގައިވެއެވެ.

ނަމަވެސް މަޖިލިސް ރައީސް މަގާމުން ވަކިކުރުމުގެ ގަރާރު މަޖިލިސް ޖަލްސާއަށް ހުށަހެޅުމަށްފަހު، އެ ވަގުތު މަޖިލީހަށް ހުށަހަޅާފައިވާ އެހެން އެއްވެސް ކަމަކާމެދު ބަހުސް ކުރެވޭނީ ނުވަތަ ގޮތެއް ނިންމަން ވާނީ، މަޖިލީހުގެ ރައީސް މަގާމުން ވަކި ކުރުމުގެ ގަރާރާ މެދު ގޮތެއް ނިންނުމަށްފަހުގައި ކަމަށް ބުނާ މައްސަލައިގައި މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ރައުޔު ވަނީ ތަފާތުވެފައެވެ.

ފަނޑިޔާރު ހުސްނުއްސުއޫދުގެ ރައުޔުގައި ވިދާޅުވީ، ގާނޫނުއަސާސީއާއި މަޖިލީހުގެ ގަވާއިދުގެ ދަށުން ކުރަން ޖެހޭ ކަންކަން ކުރުމަށް ހުރަސް އެެޅޭ ގޮތަށް ރާއްޖޭގެ އެެއްވެސް ގާނޫނެއް ނުވަތަ ގަވާއިދެއް މާނަ ނުކުރެވޭނެ ކަމަށެވެ. އެހެންކަމުން މަޖިލިސް ރައީސް މަގާމުން ވަކިކުރާ ޖަލްސާއެއް، ލަސްކުރަން ޖެހޭ ޒަރޫރީ ހަލާތެއް މެދުވެރިވިޔަސް ގާނޫނުތަކުންނާއި މަޖިލީހުގެ ގަވާއިދުގެ ދަށުން ލާޒިމުކުރާ އެހެން ކަންކަން ކުރުމަށް މަޖިލީހަށް ހުރަހެއް ނެތް ކަމަށްވެސް ފަނޑިޔާރު ސުއޫދު ވިދާޅުވިއެވެ.

އެގޮތުން އިންތިހާބީ ރައީސް ހުވާކުރުމާއި މަޖިލީހުން ބަޖެޓް ފާސްކުރުމާއި އާ ސަރުކާރުގެ ވަޒީރުންނަށް ރުހުން ދިނުމުގެ މަސައްކަތް މަޖިލީހުގައި ކުރިއަށް ގެންދެވޭނެ ކަމަށް ފަނޑިޔާރު ސުއޫދު ވިދާޅުވިއެވެ. މި ނުކުތާގައި ފަނޑިޔާރު ސުއޫދުގެ ރައުޔަށް، ފަނޑިޔާރު އަޒްމިރާލްދާ އާއި ފަނޑިޔާރު އަލީ ރަޝީދު ތާއީދުކުރެއްވިއެވެ.

އެހެންކަމުން ޕީޕީއެމް/ ޕީއެންސީން އެދިަފއިވާގޮތަށް އިތުބާރު ނެތްކަމުގެ މައްސަލަ އެއްވެސް ސަބަބަކާ ހުރެ މަޖިލިސް ޖަލްސާއެއް ލަސްކުރަން ޖެހޭ ޒަރޫރަތްތެރި އެއްވެސް ހާލަތެއް މެދުވެރިވި ނަމަވެސް ގާނޫނުއަސާސީންނާއި މަޖިލީހުގެ ގަވާއިދުން ލާޒިމުކުރާ އެހެނިހެން ކަންކަން ކުރަން މަޖިލީހަށް އެއްވެސް ހުރަހެއް ނެތް ކަމަށް ފަނޑިޔާރުންގެ އަގުލަބިއްޔަތުން ކަނޑާއަޅާ ހުކުމްކުރިއެވެ.

އެހެންކަމުން ފުރަތަމަ ހާފްގައި ކުރިއަށްދިޔަ މި މައްސަލައިގައި ޑިމޮކްރެޓްސް އަށް ލިބުނީ ސުމެކެވެ. އެމްޑީޕީއަށް އެކެއް އަދި ޕީޕީއެމް/ޕީއެންސީއަށްވެސް ވަނީ ޕޮއިންޓެއް ލިބިފައެވެ.

ސުޕްރީމް ކޯޓުގެ މި ހުކުމަށް ބަލާއިރު، ނަޝީދުގެ އިތުބާރުނެތްކަމުގެ މައްސަލަ މަޖިލީހުގައި ކުރިއަށް ގެންދަން ޖެހެއެވެ. އެހެންކަމުން ދެން އޮތީ ދެވަނަ ހާފެވެ. އެއީ ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހުގައި ކުރިއަށް ގެންގޮސްގެން ނިކުންނަ ނަތީޖާއެއް ބެލުމެވެ. އެއްގޮތަކުން ބަލާނަމަ މިއަދު އެކަން މަޖިލިސް ތަޅުމުގައި ތަމްސީލް ވާނެއެވެ. އެ މައްސަލަ މިއަދުގެ ޖަލްސާއަށް ވަނީ އެޖެންޑާ ކޮށްފައެވެ.