ފަލަސްތީނުގެ ދިފާއުގައި، ފުވައްލުމަކު ސިޓީގެ ޒުވާނުން އިސްނަގައިގެން ހިނގާލުމެއް ބާއްވައިފިއެވެ.

އިއްޔެ ބޭއްވި އެ ހިނގާލުމުގައި 200 އަށްވުރެ ގިނަ މީހުން ބައިވެރިވި ކަމަށް އެ ހިނގާލުން އިންތިޒާމު ކުރުމުގައި ހަރަކާތްތެރިވި މީހަކު "ވަން" އަށް މައުލޫމާތު ދެމުން ބުންޏެވެ. އޭނާ ބުނީ ވިސްނުމަކީ ހިނގާލުން ސިލްސިލާ ގޮތެއްގައި ބޭއްވުން ކަމަށެވެ.

"ބޭނުންވަނީ ފަލަސްތީނިގައި އެ ހިނގާ ލާއިންސާނީ އުދުވާނުގެ ވާހަކަ ހުއްޓުމެއް ނެތި ދައްކަން. އެކަންކަން އެއްވެސް މީހެއްގެ ހަނދާނުން ފިލައިގެން ނުދާން" އޭނާ ކިޔައިދިނެވެ.

އެ ހިނގާލުމުގައި ބައިވެރި މީހުން ތިބީ އިޒްރޭލު ބޮއިކޮޓް ކުރުމަށާއި ފަލަސްތީނު މިނިވަން ކުރުމަށް ގޮވާލައި ބޯޑުތަކެއް ހިފައިގެންނެވެ. އަދި ފަލަސްތީނުގައި ހުންނަ އަގްސާ މިސްކިތް ސަލާމަތް ކުރުމަށްވެސް ގޮވާލާފައިވެއެވެ.

ރާއްޖޭގެ އެކި ރަށްރަށުގައި ފަލަސްތީނުގެ ދިފާއުގައި އެކި ހަރަކާތްތައް ދަނީ ބާއްވަމުންނެވެ. އަދި އިޒްރޭލު ޕާސްޕޯޓު ބޭންކުރުމަށް ގޮވާލާ ޕެޓިޝަނެއްވެސް ދައުރުވަމުންދާ އިރު، މިދިޔަ ހަފުތާގެ ނިޔަލަށް މާލެއިން އެކަނިވެސް 5،000 އަށްވުރެ ގިނަ މީހުން އެ ޕެޓިޝަނުގައި ސޮއިކޮށްފައިވެއެވެ.