އެ މަނިކުފާނުގެ ސަރުކާރުގައި 22 މިނިސްޓްރީ ހުންނާނެ ކަމަށާއި މިނިސްޓްރީތައް އިތުރުވިޔަސް ހިންގުމުގެ ހަރަދު ބޮޑު ނުވާނެ ކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މިއަދު ފާހަގަކުރަމުން މިދާ ރާއްޖޭގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ޕީއެސްއެމްއަށް ދެއްވި އިންޓަވިއުއެއްގައި ރައީސް މުއިއްޒު ވިދާޅުވީ، މިނިސްޓްރީތަކުގެ އަދަދު އިތުރުވަނީ ބައެއް މިނިސްޓްރީތައް ވަކިކުރާތީ ކަމަށެވެ. މުޅިން އަލަށް އުފެއްދެވުމަށް ނިންމަވާފައި ވަނީ ތިން މިނިސްޓްރީ ކަމަށާއި އޭގެ ތެރޭގައި ކައުންސިލްތަކާބެހޭ މިނިސްޓްރީއެއް ހިމެނޭކަން އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ.

މުއިއްޒު ވިދާޅުވީ މިނިސްޓްރީތައް ގިނަވުމަކުން ދައުލަތުގެ ރިކަރަންޓް ހަރަދު އިތުރުވެގެންނުދާނެ ކަމަށެވެ. އެއީ މިނިސްޓްރީތައް އިތުުރުވިޔަސް އެތަންތަން ހިންގުމަށް އިތުރު އިމާރާތްތައް ނަގަން ބޭނުން ނުވާތީ އާއި މާގިނަ މުވައްޒަފުންތަކެއް ނަގަން ނުޖެހޭނެތީ ކަމަށްވެސް ވިދާޅުވިއެވެ.

"ސަރުކާރުގެ އޮފީސްތައް މިހާރު ހިންގަން ބޭނުންކުރާ އިމާރާތްތަކަށްވުރެ އިތުރަކަށް އަމިއްލަ އެއްވެސް ތަނަކުން ކުއްޔަ އެއްވެސްތަނެއް ނުނަގާނަން. އަޅުގަނޑުމެން މިނިސްޓްރީތައް ސްޕްލިޓްކޮށް ހަދައިފައި ހުރީމަ މިނިސްޓްރީތަކުގެ އަދަދު އިތުރުވާނެ އެއީ ފޯކަސްޑް މަސައްކަތްތަކެއް ކުރަންވެގެން ނަތީޖާ ނެރެން، ސީރިއަސް މަސައްކަތްތަކެއް ކުރަން ބޭނުންވާތީ، އެމަސައްކަތްތައް ކުރަން ސްޕްލިޓްކޮށް ހަދާއިރުވެސް ސަރުކާރު ފައިސާ ހަރަދު ކޮށްގެން ޕްރައިވެޓް މީހެއްގެ ގެއަކުން ތަނެއް ކުއްޔަށް ހިފަން ހަރަދުކޮށް ރިކަރަންޓް ހަރަދު އިތުރެއްނުވާނެ، މިހާރުހުރި ތަންތަނުން މެނޭޖު ކުރަން،"

މުއިއްޒު ވިދާޅުވީ، މިނިސްޓްރީތައް އިތުރުވުމާ ގުޅިގެން ސިވިލްސާވިސްވެސް އޭގެ ޒާތުގައި ބޮޑެއްނުވާނެ ކަމަށެވެ. އިތުރުވާ މިނިސްޓްރީތަކަށް ބޭނުންވާ ޕީއެސް އާއި ބިއުރޯ ސްޓާފުން ހިމަނައިގެން ސިވިލްސާވިސްއަށް އިތުރުވާނީ ފަސްވަރަކަށް ޕަސެންޓް ކަމަށްވެސް ވިދާޅުވިއެވެ.

މިސަރުކާރު ވެގެންދާނީ، ޖުމްލަ 22 މިނިސްޓްރީ އާއި ކުންފުނިތަކާއެކު، ސަރުކާރުގެ ޓޮޕް މެނޭޖުމެންޓްގައި އެންމެ ގިނަ އަންހެން ބޭފުޅުން ހިމެނޭ ސަރުކާރުކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ. އަދި މިހާރު އޮތް، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި 1000 އަށްވުރެ ގިނަ ސިޔާސީ މަގާމު ހިމެނޭ އިރު، ވައުދުވެވަޑައިގެންފައިވާ ގޮތަށް އެމަނިކުފާނުގެ ސަރުކާރުގެ ފަސް އަހަރު ނިންމާލާނީ 700 ސިޔާސީ ވަޒީފާއިން ކަމަށްވެސް ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރު އެކުލަވާލާނީ ނަތީޖާ ނެރުމަށް ފޯކަސްކޮށްގެން ކަމަށެވެ.