މަހަށް ނުކުމެ އުޅުނު މަސްދޯންޏެއް ބިންދައިގެން ހިނގައްޖެއެވެ.

މިއީ ގއ. ގެމަނަފުށީ 111 ފޫޓުގެ އޯކިޑު 707 މަސް ދޯންޏެވެ.

ވަން އޮންލައިންއަށް މައުލޫމާތު ދެމުން އެ ދޯނީގެ އޮޑީވެރިޔާ ފަރީދު ބުނީ، ދޯނި އޮތީ މުވައްމުލަކު ސިޓީއާ ގާތް ގަނޑަކަށް ވިއްސަކަށް މޭލު ބޭރުގައި ކަމަށެވެ. ދޯނި ބިންދައިގެން ދިޔައީ މަހަށް ނުކުމެ އުޅެނިކޮށް ކަނޑު ގަދަވެގެން ކަމަށްވެސް އޭނާ ބުންޏެވެ.

ދޯނީގައި 35 ވަރަކަށް މީހުން އެބަތިބި ކަމަށާއި އެންމެންގެ ހާލު ރަނގަޅު ކަމަށްވެސް އޭނާ ބުންޏެވެ. ދޯނި އޮތީ ފެންމަތީގައި ކަމަށާއި ބިންދައިގެން ދިއުން ނޫން އިތުރު ގެއްލުމެއް ލިބިފައިނުވާ ކަމަށްވެސް އޭނާ ބުންޏެވެ.

ފަރީދު ބުނީ ދޯނި ގެންނަން ޖެހޭނީ އެހެން ދޯނިތަކެއްގައި ކަފު ޖަހައިގެން ކަމަށެވެ. ނަމަވެސް ބައެއް ދޯނިތައް އެ ދޯންޏާ ހަމައަށް ދަތުރުކުރަމުންދާ ކަމަށާއި މިހާތަނަށް އަދި އެދޯންޏާ ހިސާބަށް ނުދެވޭ ކަމަށްވެސް ބުންޏެވެ. އޭނާ ބުނީ މިއަދު 11 ޖަހަން އުޅެނިކޮށް ހިނގި މިހާދިސާގެ މައުލޫމާތު ކޯސްޓް ގާޑަށްވެސް ދީފައިވާނެ ކަމަށެވެ.

"ބިންދައިގެން ދިއުން ނޫން އެހެންކަމެއް ނެތް، ދޯނީގައި ތިބި ހުރިހާ މީހުންގެ ހާލުވެސް ރަނގަޅު ދޯނިވެސް އޮތީ ހަމަ ފެންމަތީގައި، ދެން އޮންނާނީ ދޯނި ގެނައުން އެކަމަށް މިހާރު މަސައްކަތް މިކުރަނީ، އެކަމަށް އޮންނާނެ ގޮތަކީ، ދޯނި ގެންނަން ދާނެ ވަގުތާއި ދާނެ ހަރަދު، އަދި އެކަމަށް ދާނެ ވަގުތެއް އަދި ވާނެ ހަރަދެއް ބުނާކަށް ނޭނގެ އެކަމާ މިއުޅެނީ،" ފަރީދު ބުންޏެވެ.

އޭނާ ބުނީ އެންމެ ދޯންޏެއްގައި ކަފު ޖަހައިގެން އެ ދޯނި ގެންނަން އުނދަގޫ ވާނެ ކަމަށާއި އެކަމުގައި އެއް ދޯންޏަށް ވުރެ ގިނަ ދޯނި ބޭނުން ކުރަން ޖެހޭނެ ކަމަށެވެ.

އެމްއެންޑީއެފުން ދެންމެ ބުނީ އައްޑޫ ސިޓީގެ ހުޅަނގު އުތުރުން ގާތްގަނޑަކަށް 25 ނޯޓިކަލް މޭލު ބޭރުން އޯކިޑް 707 މަސްދޯނި ބިންދައިގެން ދިއުމާ ގުޅިގެން އެ ދޯންޏަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް، އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ފޯތު ސްކޮޑްރަން އިން ފަށާފައިވާ ކަމަށެވެ.

މި ހާދިސާގައި ދޯނީގެ ކުރީކޮޅާއި ފަހަތުކޮޅު އެއްކޮށް ވަކިވެފައިވާ ކަމަށާއި ނަމަވެސް ދޯނީގައި ތިބި 10 ދިވެހިންނާއި 13 ބިދޭސީންގެ ހާލު ރަނގަޅު ކަމަށެވެ. އަދި މި ސަރަހައްދުގައި މިހާރު ކޯސްޓްގާޑުގެ ފާސްޓް އިންޓަސެޕްޓާ ކްރާފްޓް "ދޮށިމޭނާ" ހަރަކާތްތެރިވަމުންދާ ކަމަށްވެސް ބުންޏެވެ.