ރާއްޖޭން ބޭރުގައި ހުންނަ ރާއްޖޭގެ މިޝަންތަކުގައި މަސައްކަތް ކުރައްވާ 61 ޑިޕްލޮމެޓަކު ރާއްޖެ އައުމަށް ފޮރިން މިނިސްޓްރީން އަންގައިފިއެވެ.

ފޮރިން މިނިސްޓްރީގެ ކޮމިއުނިކޭޝަން ސްޓްރެޖިސްޓް ސަފާތު އަހުމަދު ޒާހިރު "ވަން" އަށް މިއަދު ވިދާޅުވީ މިޝަންތަކުގައި މަސައްކަތް ކުރައްވާ ބޭފުޅުން މި މަހުގެ 18 ވަނަ ދުވަހުގެ ކުރިން ރާއްޖެއަށް އެނބުރި ވަޑައިގަންނަވާ ގޮތަށް ހަމަޖައްސަވައި ދިނުމަށް އިންތިހާބީ ރައީސްގެ އޮފީހުން އެދިފައިވާ ކަމަށެވެ.

"މިގޮތަށް އެދިވަޑައިގެންނެވި 61 ބޭފުޅަކު އެ ދުވަހުގެ ކުރިން ވަޑައިގަތުމަށް މިހާރު ވަނީ ދެންނެވިފައި،" ސަފާތު ވިދާޅުވިއެވެ.

މިޝަންތަކުގައި މަސައްކަތް ކުރައްވާ ބޭފުޅުންނަކީ ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުންނެވެ. ސިޔާސީ މަގާމުތަކުގައ ތިބި މީހުން ވަޒީފާއިން ވަކިކުރެއްވުމަކީ ކޮންމެ ސަރުކާރަކުންވެސް ކުރާ ކަމެކެވެ.

އެގޮތުގެ މަތިން އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުވެސް ވަނީ މި ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުން ވަޒީފާއިން ވަކިކުރައްވާނެ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް އެ މަނިކުފާނުގެ ސަރުކާރުގައި މިޝަންތަކުގައި މަސައްކަތް ކުރައްވާ މީހުންގެ އަދަދު ބޮޑުތަނުން މަދުކުރައްވާނެ ކަމަށް ވިދާޅުވިއެވެ.