(7 ނޮވެމްބަރުގެ އަދަދާ ގުޅޭ)

އެދުވަހު މީހަކު އައިސް އަޅުގަނޑުމެންނަށް އެޚަބަރު ދީފިއެވެ. އޭރު އަޅުގަނޑު އޮތީ އަޅުގަނޑުމެންގެ ކަދުރު ބަގީޗާއެއްގެ ކަދުރު ރުކެއްގެ ކުރީގައެވެ. މަސައްކަތުގައި މަޝްޣޫލުވެގެންނެވެ. އަޅުގަނޑުގެ ބޮޑުދައިތަ خــالــدة بـــنت الحـــارث ރުއްދޮށުގައި އިންނެވިއެވެ. رســـول اللّــــه صـلّـــــى اللّــــه عــلـيــــه وسـلّـــــم ވަޑައިގެންނެވި ޚަބަރު އިވޭއިރަށް އަޅުގަނޑަށް ބާރަށް ތަކުބީރުކިޔާން ފަށައިގަނެވިއްޖެއެވެ. ބޮޑުދައިތަޔަށް އަޅުގަނޑުގެ ތަކްބީރުގެ އަޑު އިވިވަޑައިގެންނެވުމާއެކު ވިދާޅުވިއެވެ. "މާތް اللّــــه ތިބާ ގެއްލެނި ކުރައްވާށިއެވެ. مـــوســى بـــن عــمـــــران ވަޑައިގެންނެވި ޚަބަރު އިވުނަސް ތިބާ ތިޔައަށްވުރެ ބޮޑަކަށް އުފާފާޅެއް ނުކުރީމުހެވެ." އަޅުގަނޑު ބުނެފީމެވެ. "ލޯބިވާ ބޮޑުދައިތާފުޅާއެވެ! މާތް اللّــــه ގަންދެމެވެ! މިއީ مـــوســى بـــن عــمـــــران ގެ އަޚެކެވެ. ތަބާވެވަޑައިގަންނަވަނީ مـــوســى بـــن عــمـــــران ވެސް ގެންނެވި ދީނަށެވެ. ގޮވައިލައްވަނީ ހަމަ އެދީނަށެވެ." ބޮޑުދައިތަ ވިދާޅުވެއްޖެއެވެ. "އޭ އަހަރެންގެ އަޚާގެ ދަރިފުޅާއެވެ! މިއީ ޤިޔާމަތާ ކައިރިވުމުން ފޮނުއްވާނެކަމަށް އަހަރެމެންނަށް ޚަބަރުދެވިގެންދާ ނަބިއްޔާ ހެއްޔެވެ؟" އަޅުގަނޑު ދެންނެވީމެވެ. "އާދޭހެވެ. މިއީ އެ ނަބިއްޔާއެވެ." ދެން އަޅުގަނޑު މާތް اللّــــه ގެ ދަޢުވަތާއިގެން ވަޑައިގެންނެވި ސާހިބާގެ އަރިހަށް ހާޒިރުވެ އިސްލާމްވެއްޖައީމެވެ. އެއަށްފަހު ގެއަށްއައިސް އަޅުގަނޑުގެ ޢާއިލާގެ މީހުންނަށްވެސް އިސްލާމްދީނަށް ދަޢުވަތު ދީފީމެވެ. އެބައިމީހުންވެސް އިސްލާމްދީން ޤަބޫލުކޮށްފިއެވެ." (ސީރަތު އިބްނު ހުޝާމް، ޖިލްދު ދޭއް، ޞަފުޙާ 139، 138)

މި އައު މުސްލިމް ޢާލިމަކީ ޔަހޫދީންގެ ބަލިފައިތައް ނިކަން ރަނގަޅަށް ދެނެވަޑައިގަންނަވާ ބޭކަލެކެވެ. ޔަހޫދީންގެ ހަސަދަވެރި ނަފްސިއްޔާތާއި ވިޔާނުދާ ޠަބީޢަތު ފިސާރިއަށް ދެނެވަޑައިގެން ހުންނެވި ބޭކަލެކެވެ. އެހެންކަމުން އެކަލޭގެފާނުގެ ވިސްނުންފުޅަށްއައި އިންޤިލާބާ ވިދިގެން ޔަހޫދީން ޢަމަލުކުރާނެގޮތް ރަނގަޅަށް އެނގިވަޑައިގަންނަވައެވެ. އެޒަމާނުގައިވެސް މިޒަމާނުގައިވެސް ފާސިދުކަމުގެ ބިންގަލުގައި ގްރޫޕްތަކެއް އުފެދިއްޖެކަމުގައިވާނަމަ އެބައެއްގެ ޝަޚްޞިއްޔަތު ވެއްޓިގެންދަނީ ނުހަނު ދަށުދަރަޖަޔަކަށެވެ. ރަނގަޅަށް ރަނގަޅޭ ބުނުމުގެ ބަދަލުގައި ޢަމަލުކުރެވެނީ އޭގެ އިދިކޮޅަށެވެ. ތިމާއާއި ތިމާގެ ޖަމާޢަތުގެ ނުބައި ރަނގަޅުކުރެވެނީއެވެ. އަނެކުންގެ ރަނގަޅު ނުބައިކުރެވެނީއެވެ. ތިމާމެންގެ ކޮށީގެ ކަޅު ކަންބަޅިތައް ފެންނަނީ ނިކަން ހުދު ކަންބަޅީގެ ގޮތުގައެވެ. އަނެކުންގެ ކޮށީގެ ހުދު ކަންބަޅިތައް ފެންނަނީ ކަޅުކޮށެވެ. ތިމާގެ ކޮށީގެ ހުދު ކަންބަޅިއެއް ބަކަރި ފުޅައްގަނޑުމަތީން އަރައިގެން ބޭރަށް ނުކުމެއްޖެކަމުގައިވާނަމަ އެ ކަންބަޅީގެ ކުލަ ކަޅުވެދެއެވެ. މާދުރަށްގޮސް ތާރީޚުގެ ފަތްފުށްތައް ނުހޭވިކަމުގައިވިޔަސް މިބީދައިގެ ދަންނަބޭކަލުން އަޅުގަނޑުމެން އިސްއުފުލައިލާއިރަށްވެސް ފެންނަފަށުގައިވެސް އެބަތިއްބެވިއެވެ. މިފަދަ ޢިލްމުވެރީންނަށް ބަޔަކު އެބައިމީހުންގެ ފަހަތުން ހިނގާހައި ހިނދަކު ނުވަތަ ތިމާގެ މަގަށްއެޅޭ ހުރަހަކަށް ނުވާހައި ހިނދަކު އެބަޔަކު ވަރަށް ރަނގަޅެވެ. އެބަޔެއްގެ ފަސްބައި ވަރަށް ސާފެވެ. ނިކަން ހުދެވެ. އެބަޔެއްގެ ރަނގަޅުކަމާ ހެޔޮލަފާކަމަށް ހިތުގެ އަޑީން އިޢުތިރާފްވެއެވެ. އަދި ކީއްތޯއެވެ؟ އެބަޔެއްގެ ތަންދޮރުދަތުމާ ސުލޫކު ރަނގަޅުކަމާއި ޚުލުޤު ހެޔޮކަމުގެ ވާހަކަ ފޮނިތޮށި ކާފޫރުތޮޅި ލައިފައި ދައްކައި އުޅުމުގައި އުޑާއި ކަނޑު އެއްކުރެއެވެ. އެކަމަކު މަސްރަޙަށް އަންނަ ކުޑަކުޑަ ލޮޅުމަކުން އެއްކަލަ މާތް މީހާއަކީ ތިމާގެ މަޒްހަބީ މާރުކޭޓުގެ ވިޔަފާރިޔަށް ގެއްލުންހުރި މީހަކު ކަމުގައި ވެއްޖެކަމުގައިވާނަމަ އެމީހަކު ސިފަކުރާން ފަށަނީ ލަޢުނަތްލެއްވި އިބްލީސަށްވުރެވެސް ނުބައިކަމުގައި ހަތްދަރަޖަ އަރައިހުރި މީހެއްގެ ގޮތުގައެވެ. އެއްކަހަލަ އަރައިހުރި ޢާލިމު ބަދަލުކޮށްލަނީ މުރައްކަބު ޖާހިލަކަށެވެ. ކުރީގެ މުއުމިނާ ބަދަލުކޮށްލަނީ މިހާރުގެ ފާސިޤަކަށެވެ. ކާފަރަކަށެވެ. ކުރީގެ ދީނީ ޚާދިމު ބަދަލުކޮށްލަނީ މީހުން މަގުފުރައްދާ މީހަކަށެވެ. ކުރީން އަދަބު އިޙްތިރާމުއަދާކުރުން ޙައްޤުކަމުގައި ބެލިމީހާ ބަދަލުވަނީ އެއްޗެހިގޮވައި މައްލަވަކޮށް މަލާމާތްކޮށް ހާރުވަން ވާޖިބު މީހެއްކަމުގައެވެ.

عـبــد اللّــــه بـــن ســـلام رضـــى اللّـــه عــنـــه ވިސްނައިވަޑައިގެންނެވީ ޔަހޫދީންގެ ފާސިދު ޠަބީޢަތާ މެދުގައެވެ. ކަމީނާކަމާ މެދުގައެވެ. އެކަލޭގެފާނު ގަސްދުކުރެއްވީ ޔަހޫދީންގެ އަޑިނުބައިކަމުގެ ފަރުދާ ކަޝްފުކުރައްވާށެވެ. އެކަމަށްޓަކައި ކުޅުއްވާނެ ޑްރާމާއެއް އެކަލޭގެފާނުގެ ހިތްޕުޅުގައި ރާވާލެއްވުމަށްފަހު އެކަލޭގެފާނު އިސްލާމްވެވަޑައިގެންނެވިކަން ވަންހަނާ ކުރައްވައިފިއެވެ.

عـبــداللّـــه بـــن ســـلام رضـــى اللّـــه عــنـــه އަކީ يــوسف عــلــيـــه الـسّــلام ގެ އައުލާދުން ވަޑައިގެން ހުންނެވި ސައްޔިދެކެވެ. އެޒަމާނުގައި ޔަހޫދީންގެ ތެރޭގައި ނެތްފަދަ ޢިލްމުވެރި ތަޤްވާވެރި ބޭކަލެކެވެ. މިވާހަކައިގެ ރާވީ އެކަލޭގެފާނަށް ޙަވާލާދެއްވައި އިތުރަށް ވިދާޅުވެފައިވެއެވެ. عـبــد اللّــــه بـــن ســـلام ވިދާޅުވެފައިވެއެވެ.

"ދުވަސްވަރަކީ ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم، أبــــو أيّـــوب الأنـصــارى رضــى اللّــــه عـــنــــه ގެ ގެކޮޅުގައި ހުންނެވި ދުވަސްވަރެވެ. އަޅުގަނޑު މުނާސަބު ދުވަހެއް ބަލައިފައި އިންސާނިއްޔަތުގެ މުޙުސިން صـلّـــــى اللّــــه عــلـيــــه وسـلّـــــم ގެ އަރިހަށް ހިނގައްޖައީމެވެ. އަޅުގަނޑު ދެންނެވީމެވެ. އޭ މާތް اللّــــه ގެ ރަސޫލާއެވެ. ޔަހޫދީންނަކީ ބާޠިލުކަން އެބައެއްގެ ކަށީގައި ހިފައިފައިތިބި ބަޔެކެވެ. އެބައިމީހުންގެ ފާސިދުކަމުގެ ފަރުދާ ކަޝްފުކުރެއްވުމަށްޓަކައި މިގޭގެ ކޮންމެވެސްތަނެއްގައި އަޅުގަނޑަށް ވަންހަނާވެ ހުރެވޭނެގޮތް ހަމަޖައްސަވައިދެއްވައިފައި ޔަހޫދީންގެ ދަންނަބޭކަލުންނަށް ދަޢުވަތު ދެއްވާށެވެ. އެބައިމީހުން އައުމުން އަޅުގަނޑާ ބެހޭގޮތުން އެބައިމީހުނާ ސުވާލުކުރައްވާށެވެ. އަޅުގަނޑު އިސްލާމްވިކަން ނޭނގޭއިރު އެބައިމީހުން އަޅުގަނޑާ ބެހޭގޮތުން ދައްކާ ވާހަކައިގެ ފޭރާން ހުންނަގޮތް ބައްލަވާށެވެ. އަޅުގަނޑު އިސްލާމްވެއްޖެކަން އެނގޭއިރަށް އެމީހުން އަޅުގަނޑާ ބެހޭގޮތުން ބުހުތާނު ދޮގުތައް ހަދާން ފަށާނެއެވެ. އަޅުގަނޑުގެ އައިބު ކިޔާން ފަށައިފާނެއެވެ.

ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم، عـبــد اللّــــه بـــن ســـلام رضـــى اللّـــه عــنـــه ދެންނެވިގޮތަށް ޢަމަލުކުރައްވައި ޔަހޫދީންގެ ބޮޑުން ބަލައި ފޮނުއްވިއެވެ. އެބައިމީހުން އައުމުން އެމީހުނާ ދީނުގެ ވާހަކަ ދެއްކެވިއެވެ. ޙަދީޘުކުރެއްވިއެވެ. "އޭ ތައުރާތުގެ އަހުލުވެރީންނޭވެ! ތިޔަބައިމީހުން މާތް اللّــــه އަށް ބިރުވެތިވާށެވެ! ތިމަންކަލޭގެފާނަށާއި ތިމަންކަލޭގެފާނުގެ މައްޗަށް ބާވައިލައްވާ ޤުރްއާނަށް އީމާންވާށެވެ. ތިމަންކަލޭގެފާނަކީ މާތް اللّــــه ފޮނުއްވި ރަސޫލެއްކަމާއި ޤުރްއާނަކީ އެކަލާނގެ ކަލާމުފުޅުކަން ތިޔަބައިމީހުންނަށް ރަނގަޅަށް އެނގޭނެއެވެ." ޔަހޫދީންގެ ޢިލްމުވެރީން ދެންނެވިއެވެ. "އަދި މިއުޅެނީ ތިޔަކަންކަން ރަނގަޅަށް ޔަޤީން ނުވެގެންނެވެ." އިތުރު ސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم އެންމެފަހުން ސުވާލު ކުރެއްވިއެވެ. "حصـيــن بــــن ســـلام އަކީ ތިޔަބައިމީހުންގެ ތެރޭގައި ކޮންކަހަލަ ބޭކަލެއް ހެއްޔެވެ؟" ޔަހޫދީން ދެންނެވިއެވެ. "އެކަލޭގެފާނަކީ އަޅުގަނޑުމެންގެ މާތް ބޮޑެކެވެ. މަތިމަތިފުށުން ވަޑައިގެންހުންނެވި މާތް ސައްޔިދެކެވެ. އަޅުގަނޑުމެންގެ ތެރެއިން އެންމެ އަރައިހުންނެވި އެއް ޢާލިމެވެ." އިތުރު ސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم ޙަދީޘުކުރެއްވިއެވެ. "އޭނާ އަހުރެންގެ ބަސް ތެދުކުރައްވައި އަހުރެންގެ މައްޗަށް އީމާންވެވަޑައިގެންފި ކަމުގައިވާނަމަ ތިޔަބައިމީހުންގެ ބަހަކީ ކޮބައިހެއްޔެވެ؟" ޔަހޫދީން އިރުކޮޅަކު ތިބެލައިފައި ދެންނެވިއެވެ. "ތިޔައިރުން އަޅުގަނޑުމެންނަށްވެސް ޖެހޭނީ ތެދުކޮށް އީމާންވާށެވެ."

عـبــد اللّــــه بـــن ســـلام رضـــى اللّـــه عــنـــه ޔަހޫދީންގެ ވާހަކަތައް ނިމުމުން އެބައިމީހުންގެ ތެރެޔަށް ނުކުމެވަޑައިގެންފިއެވެ. އެކަލޭގެފާނު ޔަހޫދީންނާ މުޚާޠަބުކުރައްވައި ވާހަކަފުޅު ދެއްކެވިއެވެ. ވިދާޅުވިއެވެ.

"އޭ ޔަހޫދީންގެ ޖަމާޢަތުގެ މީހުންނޭވެ! މާތް اللّــــه އަށް ބިރުވެތިވާށެވެ! މިއިންނެވި ސާހިބާ މެދުވެރިކުރައްވައި އެކަލާނގެ ބާވައިލައްވާ ދީނަށް ތަބާވާށެވެ. އެހެނީ މާތް اللّــــه ގަންދެމެވެ. މިކަލޭގެފާނަކީ މާތް اللّــــه ފޮނުއްވި ރަސޫލެއްކަން ތިޔަބައިމީހުންނަށް ރަނގަޅަށް އެނގޭނެއެވެ. އެކަލޭގެފާނުގެ ނަންފުޅާއި ސިފަފުޅުތަކުގެ ވާހަކަ ތައުރާތުގައި ލިޔެވިފައިވަނިކޮށް ތިޔަބައިމީހުންވާނީ ދެކެފައެވެ. އެހެންކަމުން އަހަރެން ހެކިވަމެވެ. މިއިންނެވީ މާތް اللّــــه ގެ ރަސޫލެކެވެ. އަހަރެން އެކަލޭގެފާނު ތެދުކޮށް އެކަލޭގެފާނަށް އީމާންވަމެވެ."

عـبــد اللّــــه بـــن ســـلام رضـــى اللّـــه عــنـــه ޔަހޫދީންގެ ޙަޤީޤަތް ފާޅުކުރައްވާން ކުޅުއްވި ޑްރާމާ ފެނި އެކަލޭގެފާނުގެ ވާހަކަފުޅު އިވުމުން ޔަހޫދީންގެ ބޮޑުންނާއި ދަންނަބޭކަލުން ވަރަށްބޮޑަށް ލަދުގަތެވެ. ރަކިވިއެވެ. އެކަމަކުވެސް އެބައިމީހުން ޙައްޤު ޤަބޫލެއް ނުކުރިއެވެ. އެއުރެން ޖަވާބު ދިނެވެ. "ކަލެޔަކީ ބޮޑު ދޮގުވެރިޔެކެވެ." ޔަހޫދީންތައް އެދުވަހަށްފަހު عـبــد اللّــــه بـــن ســـلام رضـــى اللّـــه عــنـــه ގެ ފަހަތްޕުޅުން އަޅައިގެންފިއެވެ. ހަމަ އެ މަޖްލިސްގައި އޭގެ ކުޑަކުޑަ އިރުކޮޅެއްގެ ކުރީން ތިމަންމެންގެ މާތް ބޮޑެކޭ މަތިމަތިފުށުށް ވަޑައިގެން ހުންނެވި ސައްޔިދެކޭ އެންމެ އަރައިހުންނެވި އެއް ޢާލިމެކޭ" ބުނި ދޫތަކުން އެކަލޭގެފާނަށް ހެއްދެވި ނުހެއްދެވިޔަށް ގޮވާން ފަށައިގެންފިއެވެ.

عـبــد اللّــــه بـــن ســـلام رضـــى اللّـــه عــنـــه އިތުރު ސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم ގެ އަރިހުގައި ދެންނެވިއެވެ. "މިބައިމީހުންނަކީ ބާޠިލު އެބައެއްގެ ލެޔާ އެކުވެފައިވާ ބަޔެކޭ އަޅުގަނޑު ދެންނެވީމެއް ނޫންތޯއެވެ. މިބައިމީހުންގެ ގަހަނާއަކީ ބޯހަރުކަމެވެ. ނުކިއްސަރުކަމެވެ. ދޮގުވެރިކަމެވެ. ނުބައި ނުލަފާކަމެވެ." عـبــد اللّــــه بـــن ســـلام رضـــى اللّـــه عــنـــه އެކަލޭގެފާނާއި އެކަލޭގެފާނުގެ ޢާއިލާގެ މެންބަރުން އިސްލާމްވެވަޑައިގެންނެވިކަން އިޢުލާންކުރެއްވީ ބަޔާންވެދިޔަ ޝައުޤުވެރި ގޮތަށެވެ. ޔަހޫދީންގެ ހިތްތަކަށާއި ސިކުނޑިތަކަށް މި ހާދިސާއިން ކުރާނެ އަސަރަކީ ވަންހަނާވެގެންވާ ކަމެއް ނޫނެވެ. (ސީރަތެ އިބްނު ހުޝާމް ޖިލްދު: 2، ޞަފުޙާ 139-138)

(ނުނިމޭ)