އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު، ރައީސުލްޖުމްހޫރިއްޔާކަމުގެ ހުވާ ކުރެއްވުމާ ހަމައަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހިފަހައްޓައިލެވޭނެ ކަމުގެ އިޝާރާތެއް އެ މަނިކުފާނު ދެއްވައިފިއެވެ.
މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އަށް އާލާސްކަންފުޅެއް ޖެހިވަޑައިގެން ސަލާމް ފޮނުއްވާތީ، ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހުގެ ތެރެއިން ކުރިއަށް ނުގެންގޮސް މަޖިލިސް ހުއްޓުމަކަށް އައުމުން، އެކަން ހައްލުކުރަން އެމްޑީޕީން ސްޕްރީމް ކޯޓަށް ހުށަހެޅު ދުސްތޫރީ މައްސަލައި އެ ކޯޓުން މިއަދު ވަނީ ހުކުމްކޮށްފައެވެ.
ފަސް ފަނޑިޔާރުންގެ އަގުލަބިއްޔަތުން ކުރި ހުކުމުގައި ބުނީ، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 205 ވަނަ މާއްދާގެ (ބ) އަށް ރިއާޔަތްކޮށް، މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމުގެ ގަރާރެއް މަޖިލީހަށް ހުށަހަޅަން ހަމަޖެހިފައިވާ ނުވަތަ ހުށަހެޅިފައިވާ ޖަލްސާގެ ރިޔާސަތު ބެލެހެއްޓޭނީ ހަމައެނި މަޖިލީހުގެ ނައިބު ރައީސަށް ކަމަށް ކަނޑައަޅައި ރައީސް ނަޝީދު މަޖިލިސް ރައީސްކަމުގެ ކަމާމުން ވަކިކުރުމުގެ މައްސަލަ މަޖިލީހުގެ އިދާރާއިން ކުރިއަށް ގެންގޮސްފައި ނުވަނީ ގާނޫނުއަސާސީގެ 82 ވަނަ މާދާގެ (ށ)އާ ހިލާފަށް ކަމަށެވެ. އަދި ނައިބު ރައީސް ނެތަސް އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދެވޭނެ ކަމަށް ބުނެފައިވެއެވެ.
ސްޕްރީމް ކޯޓުގެ ހުކުމާ ގުޅިގެން ހިތްހަމަނުޖެހުން ފާޅުކުރައްވައި މަޖިލީހުގެ ވަޓްސްއަޕް ގްރޫޕަށް ނަޝީދު ފޮނުއްވި މެސެޖެއްގައި ވަނީ، ކޯޓުން މައްސަލަ ބަލަން ހޭދަވި ފަސް ދުވަހަކީ އެ މައްސަލަ ދިގު ދައްމާލުމަށް އެ މަނިކުފާނަށް ވެދިން އެހީއެއްގެ ގޮތުގައި ސިފަކުރައްވައިފައެވެ.
"ހުކުމްގައި އޮތީ ހަތް ދުވަހު ހިފަހައްޓާށޯ. ސްޕްރީމް ކޯޓުންވެސް ފަސް ދުވަސް ކުޅެދީފީމޯ،" ނަޝީދު ވިދާޅުވެފައިވެއެވެ.
ނަޝީދު އިތުރަށް ވިދާޅުވީ، އެ މަނިކުފާނުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދަން މިހާރު އުޅެނީ ގިނަވެގެން އަށް މެންބަރުން ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު