ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް ނެތަސް، ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދެވޭނެ ކަމަށް ސުޕްރީމް ކޯޓުން ދާދި ދެންމެ ހުކުމްކޮށްފިއެވެ.

އެމްޑީޕީން ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅީ، އެ ޕާޓީގެ 48 މެންބަރަކު ސޮއި ކުރައްވައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި އެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ، މަޖިލީހުގެ ނާއިބު ރައީސް އީވާ އަބްދުﷲ ރިޔާސަތު ބަލަހައްޓަވާ ޖަލްސާ ނޫން އެހެން ޖަލްސާއެއްގައި ކުރިއަށް ނުގެންދެވޭނެ ކަަމަށް މަޖިލިސް އިދާރާއިން ކަނޑައެޅުމާ ގުޅިގެންނެވެ.

މަޖިލީހުގެ އަމީންއާންމު ފާތިމަތު ނިއުޝާ އެގޮތަށް ނިންމެވީ މަޖިލިސް ގަވާއިދުގެ 205 ވަނަ މާއްދާއާ ހަވާލާދެއްވައެވެ. އެ މާއްދާގައި ބުނަނީ، މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމުގެ މައްސަލަ ހުށަހަޅާ ޖަލްސާގެ ރިޔާސަތު ބަލަހައްޓާނީ މަޖިލީހުގެ ނައިބު ރައީސް ކަމަށެވެ. ނަމަވެސް މި މައްސަލައިގައި އެއްވެސް ކަމަކާ ގުޅިގެން އެއިން ބޭފުޅަކަށް ރިޔާސަތު ނުބެލެހެއްޓިއްޖެ ނަމަ ދެން ކަންތައް ކުރަންވީ ގޮތެއް އެ މާއްދާގައި ބުނެފައެއް ނުވެއެވެ.

އެ މައްސަލައިގައި، އެމްޑީޕީ މެންބަރުން ދައްކަވަނީ، މަޖިލިސް ގަވާއިދުގެ 44 ވަނަ މާއްދާއެވެ. އެ މާއްދާގައި ބުނަނީ، މަޖިލީހުގެ ރައީސާއި ނާއިބު ރައީސް މަޖިލީހުގެ ޖަލްސާގެ ރިޔާސަތު ބެލެއްޓުމަށް އުޒުރުވެރިވެއްޖެ ހާލަތެއްގައި، ގާނޫނުއަސާސީގެ ދަށުން އެކަމަށް ކަނޑައަޅާފައިވާ މަޖިލީހުގެ ފަސް މެންބަރުންގެ ތެރެއިން މެންބަރަކަށް ރިޔާސަތު ބެލެހެއްޓޭނެ ކަމަށެވެ.

އެހެންކަމުން އެމްޑީޕީ މެންބަރުން ވިދާޅުވަނީ، މަޖިލީހުގެ ނައިބު ރައީސަށް ޖަލްސާގެ ރިޔާސަތަށް ވަޑައިނުގެންނެވިއްޖެ ނަމަ މި މާއްދާގައި ބުނާ ގޮތަށް، ރިޔާސަތު ބަލަހައްޓަވަން ކަނޑައެޅުއްވާފައި ތިއްބަވާ ފަސް މެންބަރުންގެ ތެރެއިން މެންބަރަކު ރިޔާސަތަށް ވަޑައިގެން ޖަލްސާ ކުރިއަށް ގެންދެވޭނެ ކަމަށެވެ.

އޭގެ އިތުރުން އިތުބާރު ނެތްކަމުގެ މައްސަލައިގެ 14 ދުވަހުގެ ނޯޓިސް މަޖިލިސް ރައީސްއާއި މަޖިލީހުގެ މެންބަރުންނަށް ދިނުމަށްފަހު، މަޖިލިސް ރައީސް މަގާމުން ވަކިކުރުމުގެ ގަރާރު މަޖިލިސް ޖަލްސާއަށް ހުށަހެޅުމަށްފަހު، އެ ވަގުތު މަޖިލީހަށް ހުށަހަޅާފައިވާ އެހެން އެއްވެސް ކަމަކާމެދު ބަހުސް ކުރެވޭނީ ނުވަތަ ގޮތެއް ނިންމަންވާނީ، މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމުގެ ގަރާރާމެދު ގޮތެއް ނިންނުމަށްފަހުގައި ކަމަށް މަޖިލިސް ގަވާއިދުގެ 205 ވަނަ މާއްދާގައި ބުނެފައިވާ މާއްދާވެސް އެމްޑީޕީ މެންބަރުން ސަމާލު ކަމަށް ގެންނަވައެވެ.

އެހެންވެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހުގައި ކުރިއަށް ނުގެންދަނީ ގާނޫނުއަސާސީއާއި މަޖިލީހުގެ ގަވާއިދާ ހިލާފަށް ކަމަށް ބުނެ، އެމްޑީޕީން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގައި ދެ ކަމަކަށް އެދިފައިވެއެވެ. އެއްކަމަކީ އިތުބާރު ނެތްކަމުގެ މައްސަލައިގެ ރިޔާސަތު ބެލެހެއްޓެވުމަށް މަޖިލީހުގެ ނައިބު ރައީސް ހާޒިރު ނުވާ ހާލަތުގައި، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު 44 ވަނަ މާއްދާއަށް އަމަލުކުރުން، މަޖިލީހުގެ މައްޗަށާއި މަޖިލީހުގެ އިދާރާއަށް ލާޒިމުވާނެ ކަމަށް ކަނޑައަޅުވައިދެއްވުމެވެ. ދެވަނަ ކަމަކީ ރައްޔިތުން މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމަށް މިހާރު ހުށަހަޅާފައިވާ ގަރާރާމެދު ގޮތެއް ނިންމެވުމަށްފަހު ނޫނީ މަޖިލީހުގެ އެހެން އެއްވެސް ޖަލްސާއެއް ކުރިއަށް ނުގެންދެވޭނެ ކަމަށް ކަނޑައަޅުއްވައި ދެއްވުމަށެވެ.

އެ މައްސަލައިގައި ފަސް ފަނޑިޔާރުންގެ އަގުލަބިއްޔަތުން ކުރި ހުކުމުގައި ބުނީ، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 205 ވަނަ މާއްދާގެ (ބ) އަށް ރިއާޔަތްކޮށް، މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމުގެ ގަރާރެއް މަޖިލީހަށް ހުށަހަޅަން ހަމަޖެހިފައިވާ ނުވަތަ ހުށަހެޅިފައިވާ ޖަލްސާގެ ރިޔާސަތު ބެލެހެއްޓޭނީ ހަމައެނި މަޖިލީހުގެ ނައިބު ރައީސަށް ކަމަށް ކަނޑައަޅައި ރައީސް ނަޝީދު މަޖިލިސް ރައީސްކަމުގެ ކަމާމުން ވަކިކުރުމުގެ މައްސަލަ މަޖިލީހުގެ އިދާރާއިން ކުރިއަށް ގެންގޮސްފައި ނުވަނީ ގާނޫނުއަސާސީގެ 82 ވަނަ މާދާގެ (ށ)އާ ހިލާފަށް ކަމަށެވެ.

އަދި އެފަދަ ޖަލްސާއެއްގެ ރިޔާސަތު ބެލެހެއްޓުމަށް މަޖިލީހުގެ ނާއިބު ރައީސް އުޒުރުވެރިވާ ހާލަތުގައި، މަޖިލީހުގެ ގަވާއިދުގެ 44 ވަނަ މާއްދާއިން ރައްޔިތުންގެ މަޖިލީހުގެ ރައީސާއި ނައިބު ރައީސް މަޖިލިސް ޖަލްސާގެ ރިޔާސަތު ބެލެހްޓުމަށް އުޒުރުވެރިވާ ހާލަތެއްގައި ރިޔާސަތު ބަލަހައްޓާނެ މެންބަރުންގެ ގޮތުގައި، ކަނޑައަޅާފައިވާ މެންބަރުންގެ ތެެރެއިން މަޖިލިސް ގަވާއިދުގެ 44 ވަނަ މާއްދާގައިވާ ތަރުތީބުން، މަޖިލިސް ރައީސް މަގާމުން ވަކިކުރުމުގެ ޖަލްސާގެ ރިޔާސަތު ބަލަހައްޓައި އެ ޖަލްސާ ކުރިއަށް ގެންދަން ޖެހޭނެ ކަމަށްވެސް ހުކުމުގައިވެއެވެ.

ނަމަވެސް މަޖިލިސް ރައީސް މަގާމުން ވަކިކުރުމުގެ ގަރާރު މަޖިލިސް ޖަލްސާއަށް ހުށަހެޅުމަށްފަހު، އެ ވަގުތު މަޖިލީހަށް ހުށަހަޅާފައިވާ އެހެން އެއްވެސް ކަމަކާމެދު ބަހުސް ކުރެވޭނީ ނުވަތަ ގޮތެއް ނިންމަންވާނީ، މަޖިލީހުގެ ރައީސް މަގާމުން ވަކި ކުރުމުގެ ގަރާރާމެދު ގޮތެއް ނިންނުމަށްފަހުގައި ކަމަށް ބުނާ މައްސަލައިގައި މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ރައުޔު ވަނީ ތަފާތުވެފައެވެ.

ފަނޑިޔާރު ހުސްނުއްސުއޫދުގެ ރައުޔުގެ ވިދާޅުވީ، ގާނޫނުއަސާސީއާއި މަޖިލީހުގެ ގަވާއިދުގެ ދަށުން ކުރަންޖެހޭ ކަންކަން ކުރުމަށް ހުރަސް އެެޅޭ ގޮތަށް ރާއްޖޭގެ އެެއްވެސް ގާނޫނެއް ނުވަތަ ގަވާއިދެއް މާނަ ނުކުރެވޭނެ ކަމަށެވެ. އެހެންކަމުން މަޖިލިސް ރައީސް މަގާމުން ވަކިކުރާ ޖަލްސާއެއް، ލަސްކުރަންޖެހޭ ޒަރޫރީ ހަލާތެއް މެދުވެރިވިޔަސް ގާނޫނުތަކުންނާއި މަޖިލީހުގެ ގަވާއިދުގެ ދަށުން ލާޒިމުކުރާ އެހެން ކަންކަން ކުރުމަށް މަޖިލީހަށް ހުރަހެއް ނެތް ކަމަށްވެސް ފަނޑިޔާރު ސުއޫދު ވިދާޅުވިއެވެ.

އެގޮތުން އިންތިހާބީ ރައީސް ހުވާކުރުމާއި މަޖިލީހުން ބަޖެޓް ފާސްކުރުމާއި އާ ސަރުކާރުގެ ވަޒީރުންނަށް ރުހުން ދިނުމުގެ މަސައްކަތް މަޖިލީހުގައި ކުރިއަށް ގެންދެވޭނެ ކަމަށް ފަނޑިޔާރު ސުއޫދު ވިދާޅުވިއެވެ. މި ނުކުތާގައި ފަނޑިޔާރު ސުއޫދުގެ ރައުޔަށް، ފަނޑިޔާރު އަޒްމިރާލްދާއާއި ރަނޑިޔާރު އަލީ ރަޝީދު ތާއީދުކުރެއްވިއެވެ.

އެހެންކަމުން އިތުބާރު ނެތްކަމުގެ މައްސަލަ އެއްވެސް ސަބަބަކާހުރެ މަޖިލިސް ޖަލްސާއެއް ލަސްކުރަންޖެހޭ ޒަރޫރަތްތެރި އެއްވެސް ހާލަތެއް މެދުވެރިވި ނަމަވެސް ގާނޫނުއަސާސީންނާއި މަޖިލީހުގެ ގަވާއިދުން ލާޒިމުކުރާ އެހެނިހެން ކަންކަން ކުރަން މަޖިލީހަށް އެއްވެސް ހުރަހެއް ނެތް ކަމަށް ފަނޑިޔާރުންގެ އަގުލަބިއްޔަތުން ކަނޑާއަޅާ ހުކުމްކުރިއެވެ.