ގާޒާގައި ހުންނަ ގަތަރީ ހޮސްޕިޓަލަށް ބޮންއަޅައި އެތަން ސުންނާފަތި ކުރުމަށްފަހު މަތިއޮމާންކުރުމުގެ ގޮތުން އިޒްރޭލުން ބުންޏެވެ. އެ ހޮސްޕިޓަލުގެ އަޑީގައިވަނީ ހަމާސްގެ ހަނގުރާމަވެރިން ބޭނުންކުރާ ވަރުގަދަ ބިންގަރާހެކެވެ. އެ ބިންގަރާހަކީ ހަމާސްގެ ކޮމާންޑް ސެންޓަރެކެވެ. ހަމަލާދިނީ އެހެންވެއެވެ. މިބުނުމަށް ބާރުދިނުމަށްޓަކައި ވީޑިއޯއެއްވެސް އާއްމުކުރިއެވެ. އެވީޑިއޯއިން ފެންނަނީ ވަށައިގެން ކޮންކްރީޓް ކުރެވިފައިވާ ވަޅެކެވެ. މި ހޮސްޕިޓަލަކީ އަރަބި ގައުމެއް ކަމަށްވާ ގަތަރުގެ އެހީގައި ދާދިފަހަކުން ބިނާކުރެވުނު ވަރަށް އައު ހޮސްޕިޓަލެކެވެ. މިތަން ހުޅުވައި ޚިދުމަތްދޭން ފަށާފައިވަނީވެސް 2019 ވަނަ އަހަރުގެ ތެރޭގައެވެ. މިއީ ގަތަރާ ވަރަށް ބޮޑަށް ގުޅިފައިވާ ތަނަކަށްވާތީ އިޒްރޭލުގެ ތުހުމަތުގެ ދޮގުކަން ދުނިޔެއަށް ހާމަކުރުމަށް ގަތަރުގެ ޖަޒީރާ ޓީވީން ވަނީ ވަރަށް ބޮޑު ތަހުގީގެއް ހިންގައިފައެވެ. އިޒްރޭލުން އާއްމުކުރި ވީޑިއޯ ތަހުލީލުކުރީ އަލްޖަޒީރާގެ ޑިޖިޓަލް އިންވެސްޓިގޭޝަން އެޖެންސީންނެވެ.

މި އެޖެންސީގެ ތަހުގީގުން އެނގުނު އެއްޗަކީ މި ވަޅަކީ ގަތަރީ ހޮސްޕިޓަލުގެ ހައިޑްރޯ ތެރަޕީއަށް ބޭނުންކުރާ އެކި ޕޫލްތަކަށް ފެން ނެގުމަށްޓަކައި ބިމުގެ އަޑީގައި ބިނާކުރެވިފައިވާ ފެންގަނޑެއްގެ އަނގަމަތި ކަމެވެ. އަދި މި ފެންގަނޑަކީ އިމަޖެންސީ ހާލަތުގައި ހޮސްޕިޓަލަށް ބޭނުންވާ ފެން ނެގުމަށްވެސް ފަރުމާކުރެވިފައިވާ ތަނެއްކަމެވެ. މިއީ އިޒްރޭލުން އެބުނާ ކަހަލަ ބިންގަރާހެއް ނޫނެވެ. ކޮމާންޑް ސެންޓަރެއްވެސް ނޫނެވެ. ހަނގުރާމަވެރިންނާ ބެހޭ ތަނެއްވެސް ނޫނެވެ. މިއީ ސިއްހީ ފަރުވާޔާއި ގުޅުންހުރި ތަނެކެވެ. މި ތަހުގީގުގައި ހޮސްޕިޓަލުގެ ކުރެހުންތަކާއި ސެޓެލައިޓް ފޮޓޯތަކާއި އަދި ހޮސްޕިޓަލް އެޅުމުގެ މަސައްކަތްކުރި ސިވިލް އިންޖިނޭރުންގެ ބަސްވެސް ބޭނުންކޮށްފައިވެއެވެ. ތަހުގީގުގެ ރިޕޯޓް އަލްޖަޒީރާއިން މިހާރުވަނީ މުޅި ދުނިޔެއަށް އާއްމުކޮށްފައެވެ. އިޒްރޭލުގެ ދޮގު ފަޅާއެރުމުން ބޮޑުވަޒީރު ބެންޖަމީން ނަތަންޔާހޫގެ ސަރުކާރުން އެކައްޗެކޭވެސް ނުބުންޏެވެ. ބިންގަރާހެއްގެ ގޮތުގައި ފެންވަޅެއް ފެނި، ހޮސްޕިޓަލެއް ފުނޑައިލީމާ ދެން އެކަން ރީތިކުރުމަށް ދެއްކޭނެ ހުއްޖަތެއް ނޯންނާނެތާއެވެ. އެހެންވެ ހިމޭންކަން އިޚުތިޔާރު ކުރީއެވެ.

ހޮސްޕިޓަލްތަކަކީ ހަނގުރާމައިގެ ހާލަތުގައިވެސް ބައިނަލްއަގުވާމީ ގާނޫނުތަކުގެ ދަށުން ރައްކާތެރިކަން ލިބިގެންވާ ތަންތަނެވެ. އެކަމަކު މިއިން ގާނޫނަކަށް ނުބަލައި އިޒްރޭލުން ގެންދަނީ ހަމަފާޅުގައި ތަކުރާރުކޮށް ގާޒާގެ ހުރިހާ ހޮސްޕިޓަލަކަށް ބޮން އަޅަމުންނެވެ. އައްޝިފާ ހޮސްޕިޓަލާއި އަލްއަހުލީ ހޮސްޕިޓަލެވެ. ގަތަރީ ހޮސްޕިޓަލާއި އަދިއެނޫންވެސް ހޮސްޕިޓަލްތަކަށެވެ. މިތަންތަނަށް ހަމަލަދީފައި ކޮންމެފަހަރަކުވެސް ބުނަނީ އެއްވާހަކައެކެވެ. ހަމާސްގެ ބިންގަރާސްތައް ވަނީ ހޮސްޕިޓަލްތަކުގެ އަޑީގައެވެ. ހޮސްޕިޓަލްތަކަކީ ބިންގަރާސްތައް ފޮރުވުމަށް ހަމާސްއިން ބޭނުންކުރާ އައްޑަނައެކެވެ. އެކަމަކު މި ބުނުމަށް ބާރުލިބިދޭ އެއްވެސް ހެއްކެއް މިހާތަނަށް ނުދެއްކެއެވެ. ގަތަރީ ހޮސްޕިޓަލަށް ބޮންއަޅައި އެތައްބަޔަކު މެރުމަށްފަހު އެ ހޮސްޕިޓަލުގެ ގޯތިތެރޭގައިހުރި ފެންވަޅުގެ ވީޑިއޯ އާއްމުކުރީ އެއީ އެބުނާ ބިންގަރާހަށް ފައިބާ ސިޑިކަމަށް ދުނިޔެއިން ގަބޫލުކޮށްފާނެ ކަމަށް ހީކޮށްފައެވެ. މިއީ ދުނިޔޭގެ ރައުޔު ބަދަލުވެދާނޭ ވަރުގަދަ ހެއްކަކަށް ހެދިދާނޭކަމަށް ގަބޫލުކޮށްފައެވެ.

ގާޒާގެ އެންމެ ބޮޑު ހޮސްޕިޓަލަކީ އައްޝިފާ ހޮސްޕިޓަލެވެ. ގާޒާގެ އެންމެ ގިނަބަޔަކު ފަރުވާ ލިބިގަންނަ ތަނަކީވެސް އެއީއެވެ. ހުސްވި އޮކްޓޫބަރުމަހުގެ ހަތްވަނަ ދުވަހު ގާޒާގެ ރައްޔިތުންނާ ދެކޮޅަށް އައު އުދުވާންތަކެއް އިޒްރޭލުގެ ޒަޔަނިސްޓުން ފެށިފަހުން ހަމައެކަނި އައްޝިފާ ހޮސްޕިޓަލަށްވެސް ވިއްސަކަށްފަހަރު ބޮން އަޅައިފިއެވެ. ކޮންމެފަހަރަކުވެސް ބުނަނީ ހަމާސްގެ ކޮމާންޑް ސެންޓަރަކާއި ބިންގަރާސް ވިޔުގައެއްގެ ވާހަކައެވެ. މިވާހަކަތަކަށް އައްޝިފާ ހޮސްޕިޓަލުގައި ކުރިން މަސައްކަތްކޮށްފައިވާ ޔޫރަޕުގެ ބައެއް ޑޮކްޓަރުންވެސް ވަނީ ރައްދު ދީފައެވެ. އެ ހޮސްޕިޓަލުގެ އަޑީގައިވެސް އަދި މަތީގައިވެސް ކޮމާންޑް ސެންޓަރެއް ނުހުންނަ ކަމާއި އެއީ ހަމާސްގެ މުޖާހިދުން ވަދެނުކުމެވާ ތަނެއް ނޫންކަމާއި އެއީ ހުރިހާގޮތަކުންވެސް މަދަނީ ހޮސްޕިޓަލެއްކަމަށް އެމީހުން ވަނީ ބުނެފައެވެ. ހިތްވަރަކާއި ތެދު ނިޔަތެއް ހުރިއްޔާ އައްޝިފާ ހޮސްޕިޓަލުގެ އަޑިން އެބުނާ ބިންގަރާހާއި ކޮމާންޑް ސެންޓަރު ދެއްކުމަށްވެސް ޑޮކްޓަރުން ވަނީ އިޒްރޭލުގެ އަސްކަރިއްޔާއަށް އިލްތިމާސްކޮށްފައެވެ.

ގާޒާގެ ހޮސްޕިޓަލްތަކާއި ކުލިނިކްތަކާއި އެމްބިއުލާންސްތަކަށް އިޒްރޭލުގެ ޒަޔަނިސްޓް ސިފައިން ދެމުންދާ ހަމަލަތަކަކީ ހަމަސީދާ ހަނގުރާމައިގެ ޖަރީމާއެވެ. މިއީ ބައިނަލްއަގުވާމީ ކޯޓުތަކުގައި އިޒްރޭލާ ދެކޮޅަށް ދައުވާކުރެވިދާނެ ޖަރީމާތަކެކެވެ. އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ އެމްނެސްޓީ އިންޓަރނޭޝަނަލް އާއި އިންސާނީ އެހީތެރިކަން ފޯރުކޮށްދޭ ބައިނަލްއަގުވާމީ ޖަމިއްޔާ ޖަމާއަތްތަކުންވެސް މިއީ ހަނގުރާމައިގެ ޖަރީމާކަމަށް ސިފަކުރެއެވެ. މިކަން މިގޮތަށް ނުފެންނަ ހަމައެކަނި ބަޔަކީ އިޒްރޭލާއި އިޒްރޭލަށް ވާގިވެރިވާ ހުޅަނގުގެ ގައުމުތަކެވެ. އިޒްރޭލުގެ ޖަރީމާތައް ކުށްވެރިކުރުމުގެ ބަދަލުގައި އެ ގައުމުތަކުން ގަދައަޅަނީ އިޒްރޭލުގެ ކުށްތައް ފޮރުވޭނެ ގޮތެއް ހޯދުމަށެވެ. ހަމާސްގެ ހަނގުރާމަވެރިން ހޮސްޕިޓަލްތަކުގެ އަޑީގައި ފިލާތިބެންޏާ މިހެންވެސް ވާނެޔޭ ބުނެފައި ޒިންމާއިން ރެކިގަތުން ނޫންކަމެއް ނުކުރެއެވެ. ހުޅަނގުގެ ސަރުކާރުތަކުގެ ދެފުށްދެގޮތްކަމަށް މިހާރު އެންމެ ބޮޑަށް ފާޑުކިޔައި ކުށްވެރިކުރަނީ އެތަންތާގެ އާއްމު ރައްޔިތުންނެވެ.

އޮކްޓޫބަރު ހަތަކުން ފެށިގެން މިހާތަނަށް ގާޒާގެ ޖުމްލަ 35 ހޮސްޕިޓަލުގެ ތެރެއިން 16 ހޮސްޕިޓަލެއް ވަނީ މުޅިން ބިމާހަމަވެފައެވެ. މާނަޔަކީ އެއްވެސް ޚިދުމަތެއް ނުލިބޭ ވެލިފުނިތަކަށް ބަދަލުވުމެވެ. މިހާރު ޚިދުމަތް ލިބެނީ ބާކީ 19 ހޮސްޕިޓަލުންނެވެ. އެތަންތަނުން ޚިދުމަތް ލިބެނީ ގެއްލުންތަކެއް ނުވާތީއެއް ނޫނެވެ. ގެއްލުން ނުވާ ހަމަ އެންމެ ތަނެއްވެސް ނެތެވެ. ޑޮކްޓަރުންނާއި ނަރުހުންގެ ހިތްވަރާއި ރައްޔިތުންގެ ދެގޮތެއްނުވާ އަޒުމުގެ ބާރުގައި މިތަންތަން ހިންގަނީއެވެ. އިޒްރޭލުގެ އުދުވާންތަކުގައި އެތައް ސަތޭކަ ޑޮކްޓަރުންނާއި ނަރުހުންވެސް ޝަހީދުވެއްޖެއެވެ. ސިއްހީ ޚިދުމަތްތެރިންގެ ތެރެއިން އިތުރު އެތައްހާސް ބަޔަކު ވަނީ ޒަޚަމްވެފައެވެ. ހޮސްޕިޓަލްތަކުގައި މަސައްކަތްކުރުމަކީ ނުހަނު ބިރުވެރި ކަމެކެވެ. ގާޒާގެ ޑޮކްޓަރުންނާއި ނަރުހުން މަސައްކަތް ކުރަމުންދަނީ އަމިއްލަ ފުރާނަޔާ ދޭތެރޭ ނުވިސްނައި އާއްމުންގެ ފުރާނަ ސަލާމަތް ކުރުމަށެވެ. ގާޒާގެ ސިއްހީ ޚިދުމަތްތެރިންގެ ފަރާތުން ފެންނަ ހިތްވަރާއި ކުލުނަކީ ދުނިޔޭގެ އެހެން އެއްވެސް ތަނަކުން ފަހަކަށް އައިސް ނުފެންނަ ކަހަލަ ހިތްވަރެކެވެ.