ގާޒާގައި އިޒްރޭލުން ހިންގަމުންދާ ގަތުލުއާންމު ނުހުއްޓައިފި ނަމަ އެ ގައުމާމެދު ދުނިޔެ ދެކޭ ގޮތް ދުވަހަކުވެސް ބަދަލު ނުވާހާ ގޯސް ވެދާނެ ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނަޝީދު އެހެން ވިދާޅުވީ، ހަމާސްއާ ދެކޮޅަށް އިޒްރޭލުން ހަނގުރާމަ އިއުލާންކުރުމަށްފަހު ގާޒާއަށް ހުއްޓުމެއް ނެތި ހަމަލާ ދެމުންދާތާ މަހެއް ފަހުން ކުރެއްވި ފުރަތަމަ ޕޯސްޓުގައެވެ.

ނަޝީދު އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގައި ގަތުލުއާންމު ވަގުތު ހުއްޓާލަންޖެހޭ ކަމަށެވެ. އަދި އިޒްރޭލުން ދެމުން ގެންދާ ބޮމުގެ ހަމަލާތަކާ މުޅި ދުނިޔެވެސް ދެކޮޅު ކަމަށް ހާމަކޮށްފައިވާއިރު، އެކަން ނުހުއްޓައިފި ނަމަ އިޒްރޭލާމެދު ދުނިޔޭގެ ވިސްނުން ބަދަލު ނުކުރެވޭހާ ގޯސްވެދާނެ ކަމަށް ވިދާޅުވިއެވެ.

އިޒްރޭލުން ގާޒާއަށް ދެމުންދާ ހަމަލާތަކުގައި މިހާތަނަށް 10،300 އަށްވުރެ ގިިނަ މީހުން ވަނީ މަރުވެފައެވެ. އަދި ގާޒާގެ އާބާދީގެ ދެބައިކުޅަ އެއް ބަޔަށްވުރެ ގިނަ މީހުން މަގުމަތިވެފައިވާއިރު، އދ. ގެ ސްކޫލުތަކުގައި ރައްކާތެރިކަން ވަދެ ތިބި މީހުން ކެޕޭސިޓީއަށްވުރެ ދެގުނަ އިތުރުވެ، ތޮއްޖެހިފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.