މިފްކޯގެ ފްލީޓަށް މި އަހަރު އިތުރުކުރާ މަސްކިރާ ބޯޓުތަކުގެ ތެރެއިން ދެވަނަ ބޯޓު، ރާއްޖެ އައުމަށް ދަތުރު ފަށާފައިވާ ކަމަށް އެ ކުންފުނިން ބުނެފިއެވެ.

މިފްކޯއިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ، އެ ކުންފުނީގެ ފްލީޓަށް މި އަހަރު އިތުރުކުރާ ހަތަރު ބޯޓުގެ ތެރެއިން ދެވަނަ ބޯޓު "ޖަޒީރާ 106" ތައިލެންޑުން ރާއްޖެއަށް އައުމަށް މިދިޔަ ހޮނިހިރު ދުވަހު ދަތުރު ފަށާފައިވާ ކަމަށެވެ. އެ ބޯޓުގެ އިތުރުން، އިތުރު ދެ ބޯޓުކަމަށްވާ "ޖަޒީރާ 104" އަދި "ޖަޒީރާ 105" މި އަހަރު ނިމުމުގެ ކުރިން ރާއްޖެ ގެނެވޭނެ ކަމަށްވެސް ބުންޏެވެ.

މިފްކޯއިން ބުނި ގޮތުގައި "ޖަޒީރާ ސީރީސް"ގެ މަސްކިރާ ބޯޓުތަކަކީ ދުވާލަކު 60 ޓަނު ބްރައިޒް ފްރީޒް ކުރެވޭ އަދި 200 ޓަނު މަސް ރައްކާކުރުމުގެ ގާބިލުކަން ލިބިފައިވާ ބޯޓުތަކެކެވެ. މި ތިން ބޯޓުގެ ސަބަބުން ދުވާލަކު އިތުރަށް 180 ޓަނުގެ މަސް ގަތުމުގެ ގާބިލުކަން މިފްކޯއަށް ލިބިގެންދާނެ ކަމަށްވެސް ބުންޏެވެ.

މަސްވެރިކަމުގެ މޫސުމުގައި އެންމެ ރަނގަޅަށް މަސްބާނާ ސަރަހައްދަކަށް ދަތުރުކޮށް މަސްވެރިން ބާނާ މަސް ކިރުމަށް ދިމާވާ ދަތިތަކަށް ހަލެއް ހޯދުމުގެ ގޮތުން މިފްކޯއިން މި އަހަރު ހަތަރު ބޯޓު ގަނެފައިވެއެވެ. އޭގެ ތެރެއިން ފުރަތަމަ ބޯޓު "ޖަޒީރާ 103" ވަނީ މިދިޔަ މާޗު މަހުގެ ތެރޭގައި ރާއްޖެ ގެނެސްފައިވާއިރު އެ ބޯޓު ބާއްވާފައިވަނީ ރާއްޖޭގެ ދެކުނުގައި މަސް ކިރުމުގެ މަސައްކަތަށެވެ.

މިފްކޯގެ "ޖަޒީރާ 103" އަކީ ދުވާލަކު 120 މެޓްރިކް ޓަނު މަސް ގަނެ، ފިނުކުރުމާއެކު ޖުމުލަ 420 މެޓްރިކް ޓަނުގެ މަސް ރައްކާކުރުމުގެ ގާބިލުކަން ލިބިފައިވާ ބޯޓެކެވެ.

މިފްކޯއިން ބުނި ގޮތުގައި މިދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި އެ ކުންފުނީގެ ފްލީޓަށް ވަނީ ޖުމުލަ ހަ ބޯޓު އިތުރުކޮށްފައެވެ.