މަސްވެރިންގެ އަތުން މަސް ގަންނަ އަގު 25 ރުފިޔާއަށްވުރެ ކުޑަކުރަން ނިންމާފައިނުވާނެ ކަމަށް މިފްކޯއިން ބުނެފިއެވެ.

މިފްކޯއިން މަސްގަންނަ އަގު 25 ރުފިޔާއަށްވުރެ ކުޑަކުރަން ފިނޭންސް މިނިސްޓްރީ އާއެކު މަޝްވަރާ ކުރަމުންދާ ކަމަށް އޮންލައިން ނޫހަކުން ވަނީ ރިޕޯޓުކޮށްފައެވެ.

އެކަމާ ގުޅިގެން މިފްކޯއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އެފަދަ މަޝްވަރާއެއް ކޮށްފައިނުވާނެ ކަމަށެވެ. މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައި މަސް ގަންނަ އަގު 17 ރުފިޔާއިން 25 ރުފިޔާއަށް ބޮޑުކުރަން ނިންމީ ރާއްޖެއިން ޔޫރަޕަށް ވިއްކާ މަހުން ނަގާ 22 ޕަސަންޓް ޑިއުޓީ ކަނޑާލަން، ސަރުކާރާއި ޔޫރަޕިއަން ޔޫނިއަން (އީޔޫ) އާއެކު ކުރި މަޝްވަރާތައް ރަނގަޅު ގޮތެއްގައި ކުރިއަށް ގެންދެވިފައިވާތީ ކަމަށްވެސް ބުންޏެވެ.

"މަހުގެ އަގު ބޮޑުކުރި ދުވަހުން ފެށިގެން މިފްކޯއިން ވަނީ މަސްވެރިން އަތުން ސަރުކާރުން ނިންމެވި އަގު ކަމަށްވާ 25 ރުފިޔާއަށް ގަންނަމުންނެވެ. މި އަގު ކުޑަކުރަން މިފްކޯއިން އެއްވެސް ވަރަކަށް ވިސްނުމެއް ނުގެންގުޅޭކަމުގެ ޔަގީންކަން މަސްވެރިންނަށް އަރުވަން،" މިފްކޯއިން ބުންޏެވެ.

އެ ކުންފުނިން ބުނީ މަސްވެރިންނަށް ނުދެވި ހުރި، ރުފިޔާތައް ދިނުމަށް ކުރަންޖެހޭ ކަންކަން ކުރަމުންދާ ކަމަށާއި އެ ފައިސާ ދޭނެ ކަމަށެވެ. އަދި މުޅި ރާއްޖެއަށް ވިއްސާރަކުރަމުން ދިޔަ ނަމަވެސް އުތުރާއި ދެކުނުގައި މަސްވެރިކަން ރަނގަޅު ކަމަށާއި ދުވާލަކު އެވެރެޖުކޮށް 450 ޓަނަށްވުރެ ގިނަ މަސް ކޮންމެ ދުވަހަކު މިފްކޯގެ ސެންޓަރުތަކާއި ބޯޓުތަކަށް ގަންނަމުންދާ ކަމަށްވެސް ބުންޏެވެ.