(3 ނޮވެމްބަރުގެ އަދަދާ ގުޅޭ)
أبــــو أمـــامـــة أسـعـد بـــــن زُرارة رضــى اللّــــه عــنـــه އަކީ ނައްޖާރުވަންހައިގެ ނަޤީބެވެ. އިސްލާމީ ދައުލަތަށްޓަކައި އިންތިހާދަރަޖައިގެ ބޮޑެތި ގިނަގުނަ ޚިދުމަތްތަކެއް އަދާކުރައްވަމުން ގެންދެވި ބޭކަލެކެވެ. އެކަލޭގެފާނު މަދަނީ ދައުރުގެ އެންމެ ކުރީކޮޅުގައި (ކައުސާހިބާ މަދީނާއަށް ގެމަށްވަޑައިގެންނެވިތާ އަހަރެއްހައި ދުވަހުގެ ތެރޭގައި) މާތް اللّــــه ގެ ރަޙްމަތަށް ގެންދަވައިފިއެވެ. އިސްލާމީ ތަޙްރީކުގެ އިސްސަފުންގެ އެ ވަކިވެވަޑައިގެންނެވީ ނުހަނު ބުޠޫލަތްތެރި ފަހުލަވާނެކެވެ. ލާމަސީލު ހެތްވެކެވެ. ވިސްނުންތެރި ޤާއިދެކެވެ. އެކަމަކީ އިސްލާމީ ދައުލަތުގެ ޤާއިދު އަޢުޡަމް صـلّـــــى اللّــــه عــلـيــــه وسـلّـــــم އަށް ޝަޚްޞީގޮތުންވެސް ލިބިވަޑައިގެންނެވި ވަރަށްބޮޑު ހިތާމަފުޅެކެވެ. މޮޅިވެރިކަމެކެވެ. ނަމަވެސް އެ ހިތާމަވެރި ހިތްދަތި ވަގުތުގައި އިސްލާމްދީނުގެ ދުޝްމިނު ޔަހޫދީން އެކަންތައްވެސް ހަދައިލީ ނުހަނު ވިހަ ޕްރޮޕެގެންޑާގެ ވަސީލަތަކަށެވެ. މުސްލިމުންގެ ހިތާމަޔާއި ހިތްދަތިކަން އެތައްގުނައެއް އިތުރުކޮށްލިއެވެ. އެތައްގުނަޔަކަށް ފަށްފަށްކޮށްލިއެވެ. ޔަހޫދީންނާއި އެބައިމީހުންގެ ބައިވެރީންކަމުގައިވާ މުނާފިޤުން އަޑުއަރުވަމުން ގެންދިޔައެވެ. "ކޮބާ ކިހިނަކުން ހީވޭހެއްޔެވެ؟ محـمّــد ގެފާނަކީ (صـلّـــــى اللّــــه عــلـيــــه وسـلّـــــم) ތެދުވެރި ނަބީބޭކަލެއް ކަމުގައިވާނަމަ އެކަލޭގެފާނުގެ މިހާ ތެދުވެރި ބައިވެރިޔަކު މިފަދަ ވަގުތެއްގައި އަވަހާރަވީސްހެއްޔެވެ؟" أسعــد رضــى اللّـــه عـــنــــه އަވަހާރަވުމުން ޔަހޫދީންނާއި އެބައިމީހުންގެ އެކުވެރި މުނާފިޤުން އުފާފާޅުކޮށް "ގިތެލުން ބައްތި ދިއްލިއެވެ."
ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم ގެ ހަތަރުފަރާތްޕުޅުން އަމާޒުކުރަމުން ގެންދިޔަ މަލާމާތުގެ ވިހަ ތީރުތަކާ ވިދިގެންވެސް އެމާތް ސާހިބާ ދެއްވީ ނަބީބޭކަލަކު އެފަދަ ވަގުތެއްގައި ދެއްވާނެ ޖަވާބެވެ. ޙަދީޘްކުރެއްވިއެވެ.
"أبـــو أمــامـــة ގެ އަވަހާރަވުމަކީ ހިތާމަހުރި ކަމެކެވެ. ޔަހޫދީންނާއި ޢަރަބި މުނާފިޤުން ބުނަމުން އެބަގެންދެއެވެ. މިއުޅުއްވަނީ ނަބީބޭކަލެއްކަމުގައިވާނަމަ އެކަލޭގެފާނުގެ އެކުވެރިޔާ މިފަދަ ވަގުތެއްގައި އަވަހާރައެއް ނުވީހެވެ. އެކަމަކު އަރަހުށި މާތް اللّــــه ގެ މިންވަރުފުޅުގައި ހުރިގޮތަކުން ސަލާމަތްވެ ދިނިގަތުމަކީ އަހުރެންގެ އިޚްތިޔާރުގައިވާ ކަމެއްނޫނެވެ. އަހުރެންނަކަށް އަހުރެންގެ އެކުވެރިޔަކުވެސް މިންވަރުފުޅުގައިވާ ގޮތަކުން އެއްކިބައެއް ނުކުރެވޭނެއެވެ." މިހާކުޑަކުޑަ ހާދިސާއަކާ ގުޅިގެންވެސް ޔަހޫދީން ފާޅުކުރި ރައްދު ޢަމަލުން އެނގެނީ ދުޝްމިން ޔަހޫދީންގެ ހިތްތަކުގައިހުރި މުލިހިތައް އުމަގުވެ ދޮސްގަންނަމުން ދިޔަލެއް ވަރުގަދަކަމެވެ.
ނައްޖާރުވަންހައިގެ ބޭކަލުން ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم ގެ އަރިހަށް ވަޑައިގެން ދެންނެވިއެވެ. "އަޅުގަނޑުމެންނަށް ކޮންމެވެސް ނަޤީބަކު ޢައްޔަންކޮށް ދެއްވާށެވެ!" ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم އެބޭކަލުންގެ ހިތްޕުޅުތަކަށް ތަސައްލީ ދެއްވުމަށްޓަކައި ވިދާޅުވިއެވެ. "انــتـــم أخــوالـــى وانــا بـمافـيـكــــم وانــا نـقيــبكـــم"!
އިސްލާމީ ދައުލަތް ދުވަހުން ދުވަހަށް ތަރައްޤީވަމުން އާރުލަމުން އައިއިރު ޔަހޫދީން ތިބީ ނުހަނުބޮޑަށް ހަސަދަވެރިވެފައެވެ. ނަމަވެސް އެ ތަރައްޤީއަށް ހުރަސްއަޅާން ފާޅުގައި ޙަރަކާތެއް ހިންގާން ނުކުޅެދިފައެވެ. އެބައިމީހުންގެ އަމިއްލަ އިޚްތިޔާރުގައި ސޮއިކޮށްފައިވާ މަދީނާގެ މީޘާޤުގެ ޝަރުޠުތައް އެކަމަށް ހުރަސްއަޅާތީއެވެ. އެބައިމީހުންގެ ލޯމަތީގައި ޢާންމުންގެ އެތައްބަޔަކާއި ޚުދު އެބައިމީހުންގެ ބޮޑުންކުރެ ބަޔަކު ދިޔައީ އިސްލާމީ ދިދައިގެ ދަށަށް ވަންނަމުންނެވެ. ސަރުދާރުންނާއި ޚާނުގާހުތަކާއި ދާރުލްއިފްތާތަކުން ތިބީ ބަސްހުއްޓިފައެވެ. ހައިރާންކަމާއެކު އެމަންޒަރު ބަލަހައްޓައިގެންނެވެ. ދާދިއަވަހަށް ފެންނާންފެށީ ޙައްޤު ދީނުގެ ތަޙްރީކުގެ ވަރުނުލާ ރާޅުތައް ޚުދު އެބައިމީހުންގެ އަމިއްލަ ގޯތިގެދޮރަށް ވަންނާން ފެށިތަނެވެ. ޔަހޫދީންގެ ވިޔަފާރިވެރި ޒިހުނިއްޔަތުގެ ކެތްތެރިކަމުގެ ތަށި ފުރިގެން ބަންޑުންވާން ފަށައިފިއެވެ. އާދެ، އެހެންނުވާނީ ކީއްވެގެންތޯއެވެ. ވަކިވެގެން އެދަނީ އެބައިމީހުންގެ އަމިއްލަ މީހުންނެވެ.
ކޮންމެ އިންޤިލާބީ ތަޙްރީކަކީވެސް ބާރާއި ނުފޫޒު ހުންނަ ތަޙްރީކެވެ. އެގޮތުން އިސްލާމީ ތަޙްރީކުންވެސް ޔަހޫދީންނާ ކުރިމަތިކުރުވަމުން ގެންދިޔައީ ޚުދު ޔަހޫދީ ޢާއިލާތަކުގެ ޖޯޝުހުރި ޒުވާނުންނެވެ. ބައްޕައިންނާ ދެކޮޅަށް ސަފުހެދީ ފިރިހެން ދަރީންނެވެ. އެބޭބެއިންގެ މޫނުމަތީގައި ބަހުސުކުރާންފެށީ ޅީދަރިންނެވެ. އަންހެންދަރީން ބައްސެރިވީ މަންމައިންނާއެވެ. ކާފަދަރީން ކާފައިންނާއެވެ. އަޅުން ބަސްބުނާންފެށީ ސާހިބުންގެ މޫނުމަތީގައެވެ. ޔަހޫދީންނަށް ޚުދު އެބައިމީހުންގެ ތެރެއިން ދާޚިލީ ޙަމަލަތަކާ ކުރިމަތިލާންޖެހުމުން ޔަހޫދީ ޒިހުނިއްޔަތުގެ މުސްކުޅީންގެ ރުޅި ދިޔައީ ހައްދުން ނެއްޓެމުންނެވެ. ޙާލަތު މިގޮތަށް ބަދަލުވާން ފެށުމުން ޔަހޫދީންގެ މޭގެތެރޭގައިވާ ހަރުފަތައް ގުދުގުދުލައްވާން ފަށައިފިއެވެ. ޚާއްޞަކޮށް ޤަބީލާއެއްގެ ސަރުދާރަކު ނުވަތަ ނުފޫޒުހުރި ޝަޚްޞިއްޔަތަކު އިސްލާމްދީނުގެ ފިޠުރީ ގޮވައިލުމަށް ލައްބައިކައޭ ވިދާޅުވެ ޖަވާބުދެއްވައިފި ކަމުގައިވާނަމަ ހަސަދަޔާއި ނިކަމެތިވުމުގެ އިޙްސާސުގެ ސަބަބުން ޔަހޫދީންގެ މުޅި މުޖްތަމަޢު ތުރުތުރުއަޅައެވެ.
މިދެންނެވި ބާވަތުގެ އެއްމިސާލަކީ أبــــوقـيس بـــن أبـِــــى أنـس އެވެ. އެކަލޭގެފާނުގެ ހިތްޕުޅުން އިސްލާމްދީނަށް ޖާގަދެއްވުމެވެ. އާދެ، އެކަލޭގެފާނު އިސްލާމްވެވަޑައިގެންނެވި ދުވަހު ޔަހޫދިއްޔަތުގެ މެއިން ހޫނުއެރިވަރެއް ދަންނަވާކަށެއްވެސް ނޭނގެއެވެ. އެކަލޭގެފާނަކީ މަދީނާގެ މާތް އަޝްރާފެކެވެ. ޤަދަރުހުރި ބޮޑުންކުރެވެސް އެއްވަނަ ނަންބަރުގައި ގުނައިލެވޭ ބޭކަލެކެވެ. އެކަލޭގެފާނުގެ ލަފާދާރު ޠަބީޢަތުގައި ހެޔޮކަމަކަށް އެނބުރިވަޑައިގެންވެމުގެ ރޫޙު އެންމެފުރަތަމަ އުފެދުނީ ޖާހިލިއްޔަ ޒަމާނުގައެވެ. ފިޠުރަތުގެ މަގުދެއްކެވުމުގެ ސަބަބުން އެކަލޭގެފާނު ބުދަށް އަޅުކަންކުރެއްވުން ދޫކޮށްލެއްވިއެވެ. ޖުނުބުވެރިވެއްޖެނަމަ ހިނައިގަތުން ލާޒިމުކަމުގައި ކަނޑައެޅުއްވިއެވެ. ޙައިޟުގައިތިބޭ އަންހެނުންނާ ދުރުހެލިވެ ވަޑައިގެންނެވއެވެ. ދެން ކުރިމަތިލެއްވީ ނަޞްރާނިއްޔަތާ (ކްރިސްޓިޔަނިޓީއާ) ވީފަރާތަށެވެ. ގޭގައި އަޅުކަންކުރާ ތަނެއް ހައްދަވައިގެން އެތާނގައި އަޅުކަންކުރައްވައި އުޅުއްވިއެވެ. ތާހިރުކަންމަތީގައި ހުންނަވައިގެން މެނުވީ އެތަނަށް ވެދެވަޑައިގަތުމާ ދުރުވެވަޑައިގެންނެވިއެވެ. ވިދާޅުވެ އުޅުއްވީ އެކަލޭގެފާނު އަޅުކަންކުރައްވަނީ إبــــراهــيـــــم ގެފާނުގެ ވެރިރަސްކަލާނގެ ރަސްކަންފުޅަށް ކަމުގައެވެ. އެކަލޭގެފާނަކީ ޢުމުރުފުޅުން ނުހަނު ދުވަސްވީ ބޭކަލެކެވެ. ނަމަވެސް ކުޑަވެސް ފަސްޖެހިވަޑައިގެންނެވުމެއްނެތި ޚިޔާލުފާޅުކުރައްވައި ވާހަކަފުޅު ދައްކަވައި އުޅުއްވި ބޭކަލެކެވެ. އެކަލޭގެފާނަކީ ޖާހިލިއްޔަތުގައިވެސް މާތް اللّــــه ގެ މަތިވެރިވަންތަކަން އިޢުލާންކުރައްވައި އުޅުއްވި ބޭކަލެކެވެ. އެކަލޭގެފާނުގެ ހިތްޕުޅުގެ ޖަޒުބާތު ފާޅުކުރައްވައި އުޅުއްވީ ޅެމުގެ ތައްގަނޑަށް ފައްތަވައިގެންނެވެ. އެކަލޭގެފާނުގެ ބައެއް ޅެންތައް ފޮތްފޮތުގައި ނަކަލުވެފައި އެބަހުއްޓެވެ. އެ ޅެންތަކުން އެކަލޭގެފާނުގެ ހެޔޮލަފާކަމާއި ސީރަތުގެ ރީތިކަން ސާބިތުވެއެވެ. ކުރީންވެސް ދެންނެވި ފަދައިން ޔަހޫދީން އެކަލޭގެފާނު "އަތުއަޅުވައިލެވޭތޯ" މަސައްކަތް ކުރިކަމުގައިވިޔަސް އެކަލޭގެފާނުގެ ޞާލިޙު ފިޠުރަތު އެކަލޭގެފާނަށް މަގުދެއްކީ ޙައްޤު ދީނާ ދިމާޔަށެވެ. އިސްލާމްދީނުގެ ދާޢީ صـلّـــــى اللّــــه عــلـيــــه وسـلّـــــم ފިޔަވައި އެހެން އެކަކުގެ ވާހަކައަކުންވެސް އެކަލޭގެފާނަކަށް ހިތްޕުޅު ހަމަޖެހުމެއް ލިބިވަޑައެއް ނުގެންނެވިއެވެ. ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم މަދީނާއަށް ހިޖުރަޔަށް ވަޑައިގެންނެވުމާއެކު أبــــوقـيس ގެ ނަސީބުފުޅު ހޭލައިގަތުމުގެ ވަގުތު ޖެހިއްޖެއެވެ. އިސްލާމްދީނަށް ވެދެވަޑައިގެންފިއެވެ. އެކަލޭގެފާނު ނުހަނު ފުރިހަމަޔަށް އިސްލާމްދީނަށް ޢަމަލުކުރައްވަމުން ގެންދެވިއެވެ. މި ހާދިސާއިން ޔަހޫދީންގެ ހިތްތަކަށް ކުރާނެ ބާރު އޮތީ ހަމަހީކޮށްލުމެވެ. އެހެންކަމާއެކުވެސް މިއީ ޔަހޫދީންގެ ނިސްބަތުގައި "ގެދޮށު ބޭކަލެކެވެ." އަވަށްޓެރިޔެކެވެ. "ގޭ ބޭކަލެއް" ނޫނެވެ.
އެހައިތަނުން ޔަހޫދީންގެ އަމިއްލަ ގޭތެރެއިންވެސްވަނީ އެބައިމީހުންގެ ލަގޮނޑި ފަޅައިގެންދާފަދަ އެތައް ހާދިސާތަކެއް ހިނގާން ފަށައިފައެވެ. އޭގެތެރެއިން އެބައިމީހުންގެ ވިސްނުން ހަމައިން ނައްޓައިލި އެއް ހާދިސާއަކީ އެބައިމީހުންގެ ދަރަޖަމަތިވެރި އަދި ޤަދަރުހުރި ޢާލިމެއްގެ ވިސްނުންފުޅަށްއައި އިންޤިލާބެވެ. ތާރީޚު ހެކިވާގޮތުގައި ދުނިޔެވަންތަ މީހުންގެ ކިބައިގައި ޙައްޤު ޤަބޫލުކުރުމުގެ ހަކަތަ ތަންކޮޅެއް ކުޑައެވެ. ދީނީ މީހުންކަމުގައިވިޔަސް ދުނިޔެވަންތަ މީހުން ކަމުގައިވިޔަސްވެހެވެ. ނަމަވެސް ސަލާމަތް ފިޠުރަތުގެ މީހުންނަކީ ކޮންމެ ދާއިރާއެއްގައިވެސް ތިބޭ ބަޔެކެވެ. ޙައްޤާއި ތެދުޙަޤީޤަތުގެ އިރު އޭގެ ފުރިހަމަ ފާންކަމާއެކު އުދަވެ އޭގެ ރަންދޯދިތައް ފަތުރާން ފެށުމުން އެންމެންނަކަށް ތަޢައްޞުބުގެ ހޮހަޅަތަކަށްވަދެ ފިލައެއް ނުތިބެވެއެވެ. އަދި ކީއްތޯއެވެ. ޙައްޤުގެ ދޯދިތަކަށްޓަކައި ހިތާއި ސިކުނޑީގެ ދޮރުތައް ހުޅުވައިލެވިދެއެވެ. ތެދުފުޅެކެވެ. މިގޮތުން ޙައްޤާ ތަބާވާ މީހުންގެ ޢަދަދު ތަންކޮޅެއް މަދެވެ. އެހެނީ އެފަދަ މީހުން ޙައްޤުގެ އަހުލުވެރީންގެ ސަފަށް އަންނަނީ މަގާމުތަކާއި މަޞްލަޙަތުތަކުގެ ވަރަށް ވަރުގަދަ ހިލިހިލާތަކެއް ކޮށައިލައިފައެވެ. މިގޮތުން އަންނަ މީހުންގެ ޢަދަދު ނިސްބަތުން މަދުވިކަމުގައިވިޔަސް އެއަންނަ މީހުންނަކީ ފިސާރި މީހުންނެވެ. ނުހަނު ބުރަދަން ހުންނަ މީހުންނެވެ.
ޔަހޫދިއްޔަތުގެ ހިލިހިލާތައް ކޮށްޓަވައިލެއްވުމަށްފަހު އެބައިމީހުންގެ ސަފުން ނުކުމެވަޑައިގެން ޙައްޤުގެ އަހްލުވެރީންގެ ދިދައިގެ ދަށަށް ވެދެވަޑައިގެންނެވި އެއްބޭކަލަކީ ޔަހޫދީންގެ ދަރަޖަމަތިވެރި ޢާލިމެއްކަމުގައިވާ عـبــد اللّــه بـــن ســلام އެވެ. އިސްލާމްވެވަޑައިގެންނެވުމުގެ ކުރީން އެކަލޭގެފާނުގެ ނަންފުޅަކީ حصيـن އެވެ. އެކަލޭގެފާނަކީ ކުރީންވެސް ދެންނެވި ފަދައިން ވަރަށް ނާދިރު ފެންވަރުގެ ޢިލްމުވެރިޔެކެވެ. ތަޤްވާވެރިޔެކެވެ. ދީނީ ލީޑަރެކެވެ. އެކަލޭގެފާނުގެ ވަންހަޔަކީ ޤައިނުޤާޢުވަންހައެވެ. عـبــد اللّــه بـــن ســلام އިސްލާމްވެވަޑައިގެންނެވިގޮތުގެ ވާހަކަ އެކަލޭގެފާނުގެ ތިމާގެފުޅު ބޭކަލެއް އެކަލޭގެފާނުގެ އަރިހުން ރިވާކުރައްވައިފައިވެއެވެ.
"މާތް اللّــــه ގެ ދަޢުވަތާއިގެން ވަޑައިގަންނަވާ ސާހިބާއާ ބެހޭ ވާހަކަ އަޅުގަނޑަށް އިވުމާއެކު އަޅުގަނޑު އެކަލޭގެފާނުގެ މަޢުލޫމާތު ހޯދީމެވެ. އެކަލޭގެފާނުގެ ސިފަފުޅުތަކާއި، ނަންފުޅުތަކާއި އެކަލޭގެފާނުގެ ދަޢުވަތު އޮންނާނެ ބާވަތާ ބެހޭގޮތުން އަޅުގަނޑު ހުރީ މަޢުލޫމާތު އެއްކޮށްގެންނެވެ. އެކަމަށް އަހްލުވެރިވެގެންނެވެ. އެހެނީ އަޅުގަނޑުމެން ތިބީ އެކަލޭގެފާނު ވަޑައިގެންނެވުމުގެ އިންތިޒާރުގައެވެ. އެކަލޭގެފާނާ ބެހޭގޮތުން (މަދީނާއަށް ހިޖްރަޔަށް ވަޑައިގެންނެވުމާ ބެހޭގޮތުން) އިވެމުންދިޔަ ޚަބަރުތަކާމެދު އަޅުގަނޑު ހިތުގެއަޑީން އުފާކުރީމެވެ. އެކަމަކު އެއްވެސް މީހެއްގެ ގާތުގައި އެކަމާބެހޭ އެއްވެސް ވާހަކައެއް ނުދައްކަމެވެ. އެގޮތުގައި އަޅުގަނޑު ހުއްޓައި رســـول اللّــــه صـلّـــــى اللّــــه عــلـيــــه وسـلّـــــم މަދީނާއަށް ގެމަށް ވޮޑިގެންފިއެވެ. އެކަލޭގެފާނު މަޑުކުރެއްވީ ޤުބާގައެވެ. عَـمــــرو بـــن عـــــوف ވަންހައިގެ ބޭކަލުންގެ އަރިހުގައެވެ.
އެދުވަހު މީހަކު އައިސް އަޅުގަނޑުމެންނަށް އެޚަބަރު ދީފިއެވެ. އޭރު އަޅުގަނޑު އޮތީ އަޅުގަނޑުމެންގެ ކަދުރު ބަގީޗާއެއްގެ ކަދުރު ރުކެއްގެ ކުރީގައެވެ. މަސައްކަތުގައި މަޝްޣޫލުވެގެންނެވެ. އަޅުގަނޑުގެ ބޮޑުދައިތަ خــالــدة بـــنت الحـــارث ރުއްދޮށުގައި އިންނެވިއެވެ. رســـول اللّــــه صـلّـــــى اللّــــه عــلـيــــه وسـلّـــــم ވަޑައިގެންނެވި ޚަބަރު އިވޭއިރަށް އަޅުގަނޑަށް ބާރަށް ތަކުބީރުކިޔާން ފަށައިގަނެވިއްޖެއެވެ. ބޮޑުދައިތަޔަށް އަޅުގަނޑުގެ ތަކްބީރުގެ އަޑު އިވިވަޑައިގެންނެވުމާއެކު ވިދާޅުވިއެވެ. "މާތް اللّــــه ތިބާ ގެއްލެނި ކުރައްވާށިއެވެ. مـــوســى بـــن عــمـــــران ވަޑައިގެންނެވި ޚަބަރު އިވުނަސް ތިބާ ތިޔައަށްވުރެ ބޮޑަކަށް އުފާފާޅެއް ނުކުރީމުހެވެ." އަޅުގަނޑު ބުނެފީމެވެ. "ލޯބިވާ ބޮޑުދައިތާފުޅާއެވެ! މާތް اللّــــه ގަންދެމެވެ! މިއީ مـــوســى بـــن عــمـــــران ގެ އަޚެކެވެ. ތަބާވެވަޑައިގަންނަވަނީ مـــوســى بـــن عــمـــــران ވެސް ގެންނެވި ދީނަށެވެ. ގޮވައިލައްވަނީ ހަމަ އެދީނަށެވެ." ބޮޑުދައިތަ ވިދާޅުވެއްޖެއެވެ. "އޭ އަހަރެންގެ އަޚާގެ ދަރިފުޅާއެވެ! މިއީ ޤިޔާމަތާ ކައިރިވުމުން ފޮނުއްވާނެކަމަށް އަހަރެމެންނަށް ޚަބަރުދެވިގެންދާ ނަބިއްޔާ ހެއްޔެވެ؟" އަޅުގަނޑު ދެންނެވީމެވެ. "އާދޭހެވެ. މިއީ އެ ނަބިއްޔާއެވެ." ދެން އަޅުގަނޑު މާތް اللّــــه ގެ ދަޢުވަތާއިގެން ވަޑައިގެންނެވި ސާހިބާގެ އަރިހަށް ހާޒިރުވެ އިސްލާމްވެއްޖައީމެވެ. އެއަށްފަހު ގެއަށްއައިސް އަޅުގަނޑުގެ ޢާއިލާގެ މީހުންނަށްވެސް އިސްލާމްދީނަށް ދަޢުވަތު ދީފީމެވެ. އެބައިމީހުންވެސް އިސްލާމްދީން ޤަބޫލުކޮށްފިއެވެ." (ސީރަތު އިބްނު ހުޝާމް، ޖިލްދު ދޭއް، ޞަފުޙާ 139، 138)
(ނުނިމޭ)
ދީން
ދީން
ދީން
ދީން