ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަގާމުން ވަކި ކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ، އެ މަނިކުފާނުގެ އިތުބާރު ނެތްކަމުގެ މައްސަލައިގެ، ރިޔާސަތު މަޖިލީހުގެ ނާއިބު ރައީސް ނޫން އެހެން މެންބަރަކަށް ނުބެލެހެއްޓޭނެ ކަމަށް މަޖިލިސް އިދާރާއިން ކަނޑައެޅުމާ ގުޅިގެން، އެމްޑީޕީން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގެ އަޑުއެހުންތައް ނިންމާލައިފިއެވެ.

އެމްޑީޕީގެ ފަރާތުން ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅާފައި މިވަނީ، އެ ޕާޓީގެ 48 މެންބަރަކު ސޮއި ކުރައްވައި، ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި އެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ނުގެންގޮސްގެންނެވެ. އެ މައްސަލަ ކުރިއަށް ނުގޮސްގެން އުޅެނީ އެމްޑީޕީ މެންބަރުންނާއި މަޖިލީހުގެ އަމީންއާއްމު ފާތިމަތު ނިއުޝާއާ ދެމެދު މަޖިލިސް ގަވާއިދު މާނަ ކުރުމުގައި އުފެދިފައިވާ ހިޔާލު ތަފާތުވުންތަކާ ގުޅިގެންނެވެ.

ހިޔާލު ތަފާތުވުން އުފެދިފައިވަނީ، މަޖިލިސް ރައީސް ވަކި ކުރުމާބެހޭ މައްސަލައިގައި، މަޖިލީހުގެ ރިޔާސަތު ބެލެހެއްޓުމާ ބެހޭގޮތުން މަޖިލިސް ގަވާއިދުގައި ހިމެނިފައިވާ މާއްދާތައް މާނަ ކުރުމުގައެވެ.

މަޖިލިސް ގަވާއިދުގެ 205 ވަނަ މާއްދާގައި ބުނަނީ، މަޖިލީހުގެ ރައީސް މަގާމުން ވަކި ކުރުމުގެ މައްސަލަ ހުށަހަޅާ ޖަލްސާގެ ރިޔާސަތު ބަލަހައްޓާނީ މަޖިލީހުގެ ނައިބު ރައީސް ކަމަށެވެ. ނަމަވެސް މި މައްސަލައިގައި އެއްވެސް ކަމަކާ ގުޅިގެން އެއިން ބޭފުޅަކަށް ރިޔާސަތު ނުބެލެހެއްޓިއްޖެ ނަމަ ދެން ކަންތައް ކުރަންވީ ގޮތެއް އެ މާއްދާގައި ބުނެފައެއް ނުވެއެވެ.

އެހެންކަމުން މަޖިލީހުގެ އަމީންއާއްމު ނިންމަވާފައި ވަނީ، މަޖިލިސް ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ އެޖެންޑާ ކުރާ ޖަލްސާއެއްގެ ރިޔާސަތު ބަލަހައްޓަން ޖެހޭނީ މަޖިލީހުގެ ނައިބު ރައީސް ކަމަށާއި އެނޫން ގޮތެއް ނޯންނާނެ ކަމަށެވެ.

ނަމަވެސް ހުސްވި އޮކްޓޫބަރު މަހުގެ 29 ވަނަ ދުވަހުން ފެށިގެން މިއަދާ ހަމައަށް ބަންދު ނޫން ކޮންމެ ދުވަހަކު މަޖިލިސް ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ އެޖެންޑާ ކުރަމުން އައި ނަމަވެސް، މަޖިލީހުގެ ނައިބު ރައީސް އީވާ އަބުދުﷲ އާލާސްކަންފުޅާ އުޅުއްވާތީ ސަލާމް ފޮނުއްވަމުން ގެންދަވާތީ، މަޖިލިސް ޖަލްސާ ކުރިއަށް ގެންދެވިފައެއް ނުވެއެވެ.

އެ މައްސަލައިގައި، އެމްޑީޕީ މެންބަރުން ދައްކަވަނީ، މަޖިލިސް ގަވާއިދުގެ 44 ވަނަ މާއްދާއެވެ. އެ މާއްދާގައި ބުނަނީ، މަޖިލީހުގެ ރައީސާއި ނާއިބު ރައީސް މަޖިލީހުގެ ޖަލްސާގެ ރިޔާސަތު ބެލެއްޓުމަށް އުޒުރުވެރިވެއްޖެ ހާލަތެއްގައި، ގާނޫނުއަސާސީގެ ދަށުން އެކަމަށް ކަނޑައަޅާފައިވާ މަޖިލީހުގެ ފަސް މެންބަރުންގެ ތެރެއިން މެންބަރަކަށް ރިޔާސަތު ބެލެހެއްޓޭނެ ކަމަށެވެ.

އެހެންކަމުން އެމްޑީޕީ މެންބަރުން ވިދާޅުވަނީ، މަޖިލީހުގެ ނައިބު ރައީސަށް ޖަލްސާގެ ރިޔާސަތަށް ވަޑައިނުގެންނެވިއްޖެ ނަމަ މި މާއްދާގައި ބުނާގޮތަށް، ރިޔާސަތު ބަލަހައްޓަވަން ކަނޑައެޅުއްވާފައި ތިއްބަވާ ފަސް މެންބަރުންގެ ތެރެއިން މެންބަރަކު ރިޔާސަތަށް ވަޑައިގެން ޖަލްސާ ކުރިއަށް ގެންދެވޭނެ ކަމަށެވެ.

އޭގެ އިތުރުން އިތުބާރު ނެތްކަމުގެ މައްސަލައިގެ 14 ދުވަހުގެ ނޯޓިސް މަޖިލިސް ރައީސް އާއި މަޖިލީހުގެ މެންބަރުންނަށް ދިނުމަށްފަހު، މަޖިލިސް ރައީސް މަގާމުން ވަކި ކުރުމުގެ ގަރާރު މަޖިލިސް ޖަލްސާއަށް ހުށަހެޅުމަށްފަހު، އެވަގުތު މަޖިލީހަށް ހުށަހަޅާފައިވާ އެހެން އެއްވެސް ކަމަކާމެދު ބަހުސް ކުރެވޭނީ ނުވަތަ ގޮތެއް ނިންމަންވާނީ، މަޖިލީހުގެ ރައީސް މަގާމުން ވަކި ކުރުމުގެ ގަރާރާމެދު ގޮތެއް ނިންނުމަށްފަހުގައި ކަމަށް މަޖިލިސް ގަވާއިދުގެ 205 ވަނަ މާއްދާގައި ބުނެފައިވާ މާއްދާވެސް އެމްޑީޕީ މެންބަރުން ސަމާލު ކަމަށް ގެންނަވައެވެ.

އެ ބޭފުޅުން ވިދާޅުވަނީ، އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ނުގެންގޮސް އިތުރު މައްސަލައެއް މަޖިލީހުގައި ކުރިއަށް ނުގެންދެވޭނެ ކަމަށް މި މާއްދާއިން ހާމަވާ ކަމަށެވެ. އެހެންކަމުން އިތުބާރު ނެތްކަމުގެ މައްސަލަ ނުނިމެނީސް މަޖިލީހުގެ އެއްވެސް މަސައްކަތަކަށް އެއްބާރުލުން ނުދިނުމަށް އެމްޑީޕީ ޕީޖީ ގްރޫޕުން ވަނީ ނިންމައިފައެވެ. އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހުގައި ކުރިއަށް ނުގެންދަނީ ގާނޫނުއަސާސީ އާއި މަޖިލީހުގެ ގަވާއިދާ ހިލާފަށް ކަމަށް ބުނެ، އެމްޑީޕީން ވަނީ އެމައްސަލަ ސުޕްރީމް ކޯޓަށްވެސް ހުށަހަޅައިފައެވެ.

އެ މައްސަލައިގައި އެމްޑީޕީން ސުޕްރީމް ކޯޓުގައި ދެ ކަމަކަށް އެދިފައިވެއެވެ. އެއްކަމަކީ އިތުބާރު ނެތްކަމުގެ މައްސަލައިގެ ރިޔާސަތު ބެލެހެއްޓެވުމަށް މަޖިލީހުގެ ނައިބު ރައީސް ހާޒިރު ނުވާ ހާލަތުގައި، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު 44 ވަނަ މާއްދާއަށް އަމަލުކުރުން، މަޖިލީހުގެ މައްޗަށާއި މަޖިލީހުގެ އިދާރާއަށް ލާޒިމުވާނެ ކަމަށް ކަނޑައަޅުވައިދެއްވުމެވެ. ދެވަނަ ކަމަކީ ރައްޔިތުން މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމަށް މިހާރު ހުށަހަޅާފައިވާ ގަރާރާމެދު ގޮތެއް ނިންމެވުމަށްފަހު ނޫނީ މަޖިލީހުގެ އެހެން އެއްވެސް ޖަލްސާއެއް ކުރިއަށް ނުގެންދެވޭނެ ކަމަށް ކަނޑައަޅުއްވައި ދެއްވުމަށެވެ.

މި މައްސަލައިގައި އެޓާނީ ޖެނެރަލްގެ އޮފީހުން ކޯޓުގައި އެދިފައި ވަނީ، ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ހާޒިރުނުވި ނަމަވެސް، މަޖިލީހުގެ ރައީސް މަގާމުން ވަކި ކުރުމުގެ ޖަލްސާ ކުރިއަށް ގެންދިއުމަށް ހުރަސްއަޅާ ދުސްތޫރީ ނުވަތަ ގާނޫނީ ސަބަބެއް ނެތް ކަމަށް ކަނޑައަޅައިދެއްވުމަށެވެ.

މައްސަލައަށް ތަދައްހުލުވި ފަރާތްތަކުގެ ތެރެއިން ދަ ޑިމޮކްރެޓްސްއިން އެދިފައި ވަނީ، މަޖިލިސް ގާނޫނީ ހުސްކަމަކަށް ނާންނަ ކަމަށާއި މަޖިލީހުގެ ގަވާއިދުގެ 205 ވަނަ މާއްދާގެ (ރ)ގައި ބުނާ ހާލަތު ނާންނާތީ މަޖިލިސް ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ނުގެންގޮސްވެސް މަޖިލީހުގެ އެހެން ކަންކަން ކުރިއަށް ގެންދެވޭނެ ކަމަށް ކަނޑައަޅައި ދެއްވުމަށެވެ.

މަޖިލިސް ގަވާއިދުގެ 205 ވަނަ މާއްދާގެ (ރ) ގައި ބުނަނީ މަޖިލިސް ރައީސް މަގާމުން ވަކި ކުރުމުގެ ގަރާރު މަޖިލިސް ޖަލްސާއަށް ހުށަހެޅުމަށްފަހު، އެވަގުތު މަޖިލީހަށް ހުށަހަޅާފައިވާ އެހެން އެއްވެސް ކަމަކާމެދު ބަހުސް ކުރެވޭނީ ނުވަތަ ގޮތެއް ނިންމަންވާނީ، މަޖިލީހުގެ ރައީސް މަގާމުން ވަކި ކުރުމުގެ ގަރާރާމެދު ގޮތެއް ނިންނުމަށްފަހުގައި ކަމަށެވެ.

މައްސަލައަށް ތަދަށްހުލުވި ޕީޕީއެމް/ޕީއެންސީން އެދިފައި ވަނީ، މަޖިލިސް ޖަލްސާގެ ރިޔާސަތު ބެލެއްޓުމާމެދު ހިޔާލު ތަފާތުވުން އުފެދި މަޖިލިސް ހުއްޓިފައިވާ މައްސަލައަށް ސުޕްރީމް ކޯޓުން ގޮތެއް ނިންމައިދީ، މަޖިލިސް ކުރިއަށްދާނެ ގޮތެއް ކަނޑައަޅައި ދިނުމަށެވެ. ދައުލަތް ކުރިއަށްދާނެ ގޮތަކަށް ސުޕްރީމް ކޯޓުން ފަރުވާއެއް ލިބެން ޖެހޭނެ ކަަމަށްވެސް ޕީޕީއެމް/ޕީއެންސީގެ ވަކީލު އާއިޝަތު އާޒިމާ ޝަކޫރު ވިދާޅުވިއެވެ.

މިމައްސަލައިގެ އަޑުއެހުންތައް ނިންމަވާލައްވަމުން މި މައްސަލަ ބައްލަވާ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތުގައި އިނެންވި، ފަނޑިޔާރު މަހާޒް އަލީ ޒާހިރު ވިދާޅުވީ މިއަދުގެ އަޑުއެހުންތަކާ އެކު މި މައްސަލައިގެ އަޑުއެހުންތައް ނިމުނީ ކަމަށެވެ. އަދި ވީހާވެސް އަވަހަށް މި މައްސަލައިގައި ގޮތެއް ނިންމުމަށް ފަނޑިޔާރުންގެ ބެންޗުން މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވިއެވެ. ނަމަވެސް މައްސަލައިގައި ގޮތެއް ނިންމާނެ ވަކި ތާރީހެއް ވިދާޅެއް ނުވެއެވެ.