ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރުނެތްކަމުގެ މައްސަލައާ ގުޅިގެން އެމްޑީޕީގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައަކީ އެ މައްސަލަ ބެލުމަށް، ސުޕްރީމް ކޯޓުގެ އަސްލީ އިހުތިސާސް ނެތް މައްސަލައެއް ގޮތަށް މާނަ ނުކުރެވޭނެ ކަމަށް ޕީޕީއެމް/ޕީއެންސީގެ ގާނޫނީ ވަކީލު އާއިޝަތު އާޒިމާ ޝުކޫރު ވިދާޅުވެއްޖެއެެވެ.

އެމްޑީޕީން ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅާފައި ވަނީ، މަޖިލިސް ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލައިގެ ޖަލްސާގެ ރިޔާސަތު މަޖިލީހުގެ ނާއިބު ރައީސް ނޫން މީހަކަށް ނުބެލެހެއްޓޭނެ ކަމަށް މަޖިލިސް އިދާރާއިން ގަވާއިދު މާނަކުރި މައްސަލައިގައެވެ.

ނަމަވެސް މަޖިލީހުގެ ނާއިބު ރައީސް މަޖިލީހުގެ ރިޔާސަތަށް ވަޑައިގަތުމަށް އުޒުރުވެރިވެފައިވާތީ، ރައީސް ނަޝީދު މަޖިލިސް ރައީސްކަމުން ވަކިކުރަން، އެމްޑީޕީގެ 48 މެންބަރުން ސޮއިކޮށް މަޖިލީހަށް ހުށަހެޅި އިތުބާރު ނެތްކަމުގެ މައްސަލަ އޮތީ ކުރިއަށް ގެންދެވޭގޮތް ނުވެފައެވެ.

އެ މައްސަލައިގައި އެމްޑީޕީން ބުނަނީ، މަޖިލީހުގެ ރައީސް އާއި ނާއިބު ރައީސް މަޖިލިސް ޖަލްސާގެ ރިޔާސަތު ބަލަހައްޓަން އުޒުރުވެރިވާ ހާލަތުގައި، ޖަލްސާގެ ރިޔާސަތު ބަލަހައްޓަން ގާނޫނުއަސާސީން ކަނޑައަޅާފައިވާ މަޖިލީހުގެ ފަސް މެންބަރުންގެ ތެރެއިން މެންބަރަކަށް ވެސް އިތުބާރު ނެތްކަމުގެ މައްސަލައިގެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓިދާނެ ކަމަށެވެ.

އަނެއްކޮޅުން މަޖިލިސް ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް މަޖިލީހަށް ހުށަހަޅާފައި ވަނިކޮށް އެ މައްސަލަ ނުނިންމައި މަޖިލީހުގައި އެހެން މަސައްކަތެއް ކުރިޔަށް ނުގެންދެވޭނެ ކަމަށްވެސް މަޖިލީހުގެ ގަވާއިދާ ހަވާލާދީ އެމްޑީޕީން ވަނީ ބުނެފައެވެ. ނަމަވެސް މަޖިލިސް އިދާރާއިން އެކަން ގަބޫލެއް ނުކުރެއެވެ. އެގޮތަށް މަޖިލިސް ގަވާއިދު މާނަކުރުމުގެ ހިޔާލުތަފާތުވުން ބޮޑުވެ މަޖިލިސް ވަނީ ޑެޑްލޮކަކަށް ގޮސްފައެވެ.

އެކަމާ ގުޅިގެން އެމްޑީޕީން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލަ ބެލުމުގެ އިހުތިސާސް ސުޕްރީމް ކޯޓަށް ލިބިގެން ނުވާކަމަށް، ސުޕްރީމް ކޯޓުގައި މިއަދު ބޭއްވި ޝަރީއަތުގެ އަޑުއެހުމުގައި މަޖިލިސް ރައީސް ނިސްބަތްވެވަޑައިގަންނަވާ ދަ ޑިމޮކްރެޓްސްއިން ވަނީ ބުނެފައެވެ.

އެ ވާހަކަތަކަށް ރައްދު ދެއްވައި ވާހަކަ ދައްކަވަމުން، އެ މައްސަލައަށް ތަދައްހުލުވި ޕީޕީއެމް/ޕީއެންސީގެ ގާނޫނީ ވަކީ އާޒިމާ ޝަކޫރު ވިދާޅުވީ، މަޖިލީހުގެ ކަންތައްތަަކާބެހޭގޮތުން ކޯޓުތަކަށް ސުވާލު ނުކުރެވޭނެ ކަންތައްތައް ވަރަށް ސާފުކޮށް ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ކަމަށެވެ. ހަމަ އެގޮތަށް، މަޖިލީހުގައި ކަމެއް ހިނގިގޮތުގެ ސައްހަކަން ބެލުމަށް ކޯޓަކަށް މައްސަލައެއް ހުށަނޭޅޭނެ ގޮތްވެސް ގާނޫނުއަސާސީގައި ކަނޑައަޅާފައިވާ ކަމަށްވެސް ވިދާޅުވިއެވެ. އޭގެ އިތުރުން މަޖިލީހުގެ އިމްތިޔާޒުތަކާއި، އެކަމަށް ދޭނެ އަދަބުތައް، މަޖިލީހުގެ އިމްތިޔާޒު ތަކާއި ބާރުތަކުގެ ގާނޫނުން ކަނޑައަޅާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

ނަމަވެސް މިހާރު ސުޕްރީމް ކޯޓުގައި އޮތް މައްސަލަ އެ ކޯޓާ ހަމައަށް އަންނަން ޖެހުނީ، މަޖިލިސް ޑެޑްލޮކަކަށްދާ ހިސާބަށް ދިއުމުން ކަމަށް އާޒިމާ ވިދާޅުވިއެވެ. މައްސަލައިގެ ފަސް ފަހަތަށް ބަލާއިރު، މިދިޔަ ޖޫން މަހުން ފެށިގެން މިފަދަ މައްސަލަތަކެއް މަޖިލީހަށް ހުށަހަޅާފައި އެބަހުރި ކަމަށްވެސް ވިދާޅުވިއެވެ. ނަމަވެސް އޭރު މަޖިލިސް ޖަލްސާތައް ކުރިއަށްދިޔައީ، ހުށަހެޅި އިތުބާރު ނެތްކަމުގެ މައްސަލަ އަނބުރާ ގެންދިއުމުން ކަމަށާއި، އެހެންކަމުން އޭރު މަޖިލިސް ޑެޑްލޮކަށް ގޮސްފައިނުވާ ކަމަށްވެސް ވިދާޅުވިއެވެ. އެ މައްސަލަ ކޯޓަށް ނައީވެސް އެކަން އެ ހިސާބަށް ނުދާތީ ކަމަށްވެސް ވިދާޅުވިއެވެ.

ނަމަވެސް މިހާރު ދިމާވެގެން މިއުޅެނީ އެހެން މައްސަލައެެއް ކަމަށާއި، މި މައްސަލައަށް ކޯޓުން ގޮތެއް ހޯދައިދޭން ޖެހޭ ކަމަށް އާޒިމާ ވިދާޅުވިއެވެ.

"މިހާރު ޖެހިގެން އުޅޭ މައްސަލައަކީ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅީމަ އަންނަނީ އެންމެ ރިސްޓިކްޝަނެއް، އެއީ އެ ޖަލްސާ ޗެއާ ކުރެއްވުމުގެ ރިސްޓިކްޝަން އެ މާއްދާ ލިޔުނުއިރު މަޖިލިސް ރައީސްގެ އާއްމު ޒިންމާތައް އެކަހެރި ކޮށްފައެއް ނުވޭ، އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅިޔަސް، މަޖިލިސް ރައީސަކީ މަޖިލިސް ހިންގުމުގެ ގާނޫނީ ބާރު ލިބިގެންވާ ފަރާތް، ނަމަވެސް އިތުބާރުނެތްކަމުގެ ހުށަހެޅީމަ އެކަހެރިވާ ވާހަކައެއް ނެތް، ކޮންފްލިކްޓް އުފެދެންޏާ ނާއިބު ރައީސަށް އެކަންކަމާ ހަވާލުވެވެނޭ އެެހެންވީމާ އަޅުގަނޑުމެން ދެކެނީ ދައުލަތުގެ ދެ މުވައްޒިފުން އެ ބޭފުޅުންގެ ގާނޫނީ ޒިންމާ އަދާކުރެއްވުމާ ބެހޭ މައްސަލައެއް ކަމަށްމީ، އަޅުގަނޑު ދަންނަވަން މިއުޅޭ ވާހަކައަކީ މަޖިލީހުގެ މެންބަރުންނަށް އޮންނަ އިމްތިޔާޒަށްވުރެން ހަޔާ ރެސްޕޮންސިބިލިޓީއެއް މަޖިލީހުގެ ރައީސް އާއި ނާއިބުރައީސަށް އޮވޭ، މަޖިލިސް ގަވާއިދުން އެކަން އެނގޭނެ، އަދި މުސާރައިގެ ވަކި ޕަސެންޓެއް އިތުރަށް ލިބިވަޑައިގަންނަވާނެ، އެހެންކަމުން އެ ދެބޭފުޅުންނަކީ މަޖިލީހުގައި ތިބި ދައުލަތުގެ މުވައްޒަފުން ނޫނީ ދެ އޮފިޝަލުން، އެ ބޭފުޅުން ކަން ކުރައްވާގޮތަކުން މައްސަލަ މިހިސާބަށް ދިޔައީމަ ޖުޑީޝަލް ރިވިއު ޕްރޮސެސްގެ ދަށުން ސުޕްރީމް ކޯޓަށް މައްސަލަ ބެލުމުގެ ބާރު ލިބިވަޑައިގަންނަވަނީ،" އެ މައްސަލަ ސުޕްރީމް ކޯޓަށް ބެލޭނެކަން ހާމަކޮށްދެއްވަމުން އާޒިމާ ވިދާޅުވިއެވެ.

އެ މައްސަލަ ބެލުމުގެ ބާރު ސުޕްރީމް ކޯޓަށް ލިބިގެންވާ ކަމަށް، ބަންޑާރަ ނާއިބު އޮފީހުގެ ގާނޫނީ ވަކީލު، ފާތުމަތު ހިލްމީ ވެސް ވަނީ ޝަރީއަތަށް ސާފުކޮށްދެއްވައިފައެވެ.

އޭނާ ވިދާޅުވީ، މީގެކުރިންވެސް ރައްޔިތުންގެ މަޖިލީހާ ބެހޭ މައްސަލަތައް ސުޕްރީމް ކޯޓުން ބަލައި، މަޖިލީހުގެ ޕްރޮސްސެސްއާ ބެހޭގޮނުން ގޮތްތަކެއް ނިންމާފައިވާ ކަމަށެވެ. އެ ގޮތުން ބައެއް ގާނޫނުތައް ފާސް ނުކޮށް މަޖިލިސް ޗުއްޓީއަށް ގޮސްގެން ގާނޫނު އަސާސީއާ ހިލާފަށް ޗުއްޓީއަށް ދިޔަކަމަށް ހުށަހެޅި މައްސަލައެއް ވެސް ކޯޓުން ބަލައި ގޮތް ނިންމާފައިވާ ކަމަށެވެ. އަދި ގާނޫނުއަސާސީއާ ހިލާފު ބައިތަކެއް މަޖިލިސް ގަވާއިދުގައި ހިމަނާފައިވާ ކަމަށް ހުށަހެޅި މައްސަލައެއްގައި ކޯޓުން ގޮތް ނިންމާފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.