ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ހާޒިރުނުވި ނަމަވެސް، މަޖިލީހުގެ ރައީސް މަގާމުން ވަކި ކުރުމުގެ ޖަލްސާ ކުރިއަށް ގެންދިއުމަށް ހުރަސްއަޅާ ދުސްތޫރީ ނުވަތަ ގާނޫނީ ސަބަބެއް ނެތްކަަމަށް ކަނޑައަޅައިދެއްވުމަށް އެޓާނީޖެނެރަލްގެ ފަރާތުން ސުޕްރީމް ކޯޓުގައި އެދިއްޖެއެވެ.

މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ސަލާމުގައި ހުންނެވުމުން ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލައާމެދު ގޮތެއް ނިންމުމުގެ ޖަލްސާ ނުބޭއްވޭނެ ކަމަށް މަޖިލީހުގެ އަމީން އާންމު ފާތިމަތު ނިއުޝާ ވިދާޅުވަމުން ގެންދަވާތީ، އަމީން އާންމުގެ އެ ނިންމެވުން ގާނޫނުއަސާސީ އާއި މަޖިލީހުގެ ގަވާއިދާ ހިލާފު ކަމަށް ބުނެ، އެމްޑީޕީން ފަރާތުން ސުޕްރީމް ކޯޓަށް މައްސަލަ ވެއްދީ މިދިޔަ މަހުގެ 29 ވަނަ ދުވަހުއެވެ.

މިއަދު ވަނީ އެ މައްސަލައިގެ އަޑުއެހުމެއް ސުޕްރީމް ކޯޓުގައި ބާއްވައިފައެވެ. އެ އަޑުއެހުމުގައި މަޖިލިސް ތަމްސީލުކުރެއްވި އެޓާނީ ޖެނެރަލް އޮފީހުގެ ކައުންސެލް ޖެނެރަލް ފާތިމަތު ހަލީމް ވިދާޅުވީ އަމީންއާންމަށް އެފަދަ ގޮތަކަށް މަޖިލީހުގެ މަސައްކަތް ހުއްޓޭ ގޮތަށް އަދި ގާނޫނުއަސާސީގެ 82 ވަނަ މާއްދާގެ (ށ)ގެ މަގުސަދު ހާސިލުނުވާ ގޮތަށް ނިންމެވުމެއް ނިންމެވުމުގެ އިހުތިޔާރު ލިބިގެންނުވާ ކަމަށެވެ. އަމީންއާންމުގެ އެ ނިންމެވުމަކީ ގާނޫނުއަސާސީ އަދި ދުސްތޫރީ ހަމަތަކާ މުޅިން ހިލާފު ނިންމެވުމެއް ކަމަށް ދައުލަތުން ވިދާޅުވިއެވެ.

"ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ހާޒިރު ނުވާ ހާލަތުގައި އަދި އެ ޖަލްސާ ނުބޭއްވި ކިތަންމެ ދިގު މުއްދަތެއް ފާއިތު ވިޔަސް، ނައިބު ރައީސް ނޫން މީހަކަށް އެ ޖަލްސާގެ ރިޔާސަތު ނުބެލެހެއްޓޭނެ ކަމަށް އެ މާއްދާ މާނަ ކުރުމަކީ، ގާނޫނީ ގޮތުން ސައްހަ މާނަކުރުން ކަމަށް ބަލާނެ ދުސްތޫރީ ހަމައެއް އަދި ގާނޫނީ ހުއްޖަތެއް ވެސް" ދައުލަތުގެ ވަކީލު ވިދާޅުވިއެވެ.

ދައުލަތުގެ ވަކީލު ވިދާޅުވީ މަޖިލީހުގެ ގަވާއިދުގެ 44 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މާނަކީ، މަޖިލީހުގެ ރައީސް އަދި މަޖިލީހުގެ ނައިބު ރައީސް، މަޖިލީހުގެ ރިޔާސަތު ބަލެހެއްޓެވުމުގައި އުޒުރުވެރިވާ ހާލަތެއްގައި ކަންކުރަންވީ ގޮތް ކަމަށެވެ. އެގޮތުން އެފަދަ ހާލަތެއްގައި ގާނޫނުއަސާސީގެ 82 ވަނަ މާއްދާގެ (ށ)ގައި ބަޔާންކޮށްފައިވާ ގޮތަށް މަޖިލީހުގެ ރިޔާސަތު ބަލަހައްޓާނެ ފަސް މެންބަރަކު މަޖިލީހުގެ ރައީސް ކަނޑައަޅުއްވަން ވާނެ ކަމަށާއި އަދި އެ ފަސް މެމްބަރުންނަކީ މަޖިލީހުގައި މެދުނުކެނޑި އެންމެ ގިނަ ދުވަހު ހިދުމަތް ކުރެއްވި މެމްބަރުންނަށް ވާން ޖެހޭނެ ކަމަށެވެ. އަދި އެއިން މެމްބަރަކަށް ވެސް މަޖިލީހުގެ ރިޔާސަތު ބެލެހެއްޓޭނީ ވިދިވިދިގެން ތިން ޖަލްސާގައި ކަމަށް ގަވާއިދުގައި ބަޔާންކޮށްފައިވާ ކަމަށް ދައުލަތުގެ ވަކީލު ވިދާޅުވިއެވެ.

އަދި ވިދާޅުވީ މަޖިލީހުގެ ރިޔާސަތު ބަލަހައްޓާނެ މެންބަރަކު އެގޮތަށް ކަނޑައަޅާފައިނުވާނަމަ އަދި އެ ފަސް މެންބަރުން ރިޔާސަތު ބެލެހެއްޓުމަށް ނުކުޅެދިއްޖެ ހާލަތުގައި، އެ ޖަލްސާއެއްގެ ރިޔާސަތު ބަލަހައްޓާނީ، ދެން އެންމެ ގިނަ ދުވަހަކަށް މެންބަރުކަން ކުރެއްވި ބޭފުޅެއް ކަމަށް ގަވާއިދުގައި ބަޔާންކޮށްފައިވާ ކަމަށެވެ. އެހެންވެ ދައުލަތުން ސުޕްރީމް ކޯޓުގައި އެދިވަޑައިގަތީ، މަޖިލީހުގެ ނައިބު ރައީސް، މަޖިލީހުގެ ރިޔާސަތަށް ހާޒިރުނުވިޔަސް، މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދެވޭނެ ކަމަށް ކަނޑައަޅައި ދިނުމަށެވެ.

އަޑުއެހުމުގައި މަޖިލީހުގެ ކައުންސެލާ ޖެނެރަލް ފާތުމަތު ފިލްޒާ ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު މިހާރު އޮތް ގޮތުން މަޖިލީހުގެ ނައިބު ރައީސަށް ރިޔާސަތު ނުބެލެހެއްޓޭ ހާލަތްތަކުގައި، ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހުގައި ކުރިއަށް ގެންދެވޭނީ މަޖިލީހުގެ ގަވާއިދު އިސްލާހުކޮށްގެން ކަމަށެވެ.

އޭނާ އެގޮތަށް ވިދާޅުވީ އެ އަަޑުއެހުމުގައި ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގަންނަވާ ހުސްނުއްސުއޫދު ވަނީ، މަޖިލީހުގެ ރައީސް އަދި ނައިބު ރައީސް މަޖިލީހުގެ ރިޔާސަތު ނުބަލަހައްޓާނަމަ މަޖިލިސް ޑެޑްލޮކުން ފިލައިދާނީ ކިހިނެއްތޯ ސުވާލު ކުރެއްވުމާ ގުޅިގެންނެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން ފިޒްލާ ވިދާޅުވީ، މަޖިލީހުގެ މަސައްކަތްތައް ހުއްޓިފައިވާ ކަމަށް އެމްޑީޕީން ގަބޫލުކުރިޔަސް ހަގީގަތުގައި އެފަދަ ހާލަތެއް މެދުވެރިފައިނުވާ ކަމަށެވެ. އަދި ވިދާޅުވީ މަޖިލީހުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތަށް، ނަޝީދު ވަކިކުރުމުގެ ގަރާރު، މަޖިލީހުގެ ޖަލްސާއަކަށް އަދި ހުށަހެޅިފައިނުވާ ކަމަށެވެ.

"ގަވާއިދަށް އެމަންޑްމަންޓެއް ގެންނަން ޖެހޭނީ. އަޅުގަނޑުމެން މިހާރު ވެސް އެ ލަފާ ދީފައި އޮންނާނީ. މި ހާލަތުގައި އާންމު ޖަލްސާތައް ގެންދިއުމަށް އަދި ހުރަހެއް ނެތް. އެހެންވީމަ، އާންމު ޖަލްސާއެއްގައި ގަވާއިދު އިސްލާހު ކުރުމުގެ ކަންކަން ކުރިއަށް ގެންދިއުމުގެ އިހުތިޔާރު މަޖިލީހަށް އެބައޮތް،" ފިލްޒާ ވިދާޅުވިއެވެ.

މަޖިލީހުގެ ގަވާއިދުގެ 44 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އާންމު މެމްބަރަކު ރިޔާސަތު ބެލެހެއްޓެވުން ހަވާލުކުރެވޭނެ ހާލަތަކީ ކޮބައިތޯ އަދި އެކަމުގައި އަމަލުކުރާ އިންޓަނޭޝަނަލް ޕާލިމެންޓްރީ އުސޫލަކީ ކޮބައިތޯ ފަނޑިޔާރު ސުއޫދު ވަނީ ސުވާލުކުރައްވައިފައެވެ.

ފިޒްލާ ވިދާޅުވީ އެއްވެސް ސަބަބަކާ ލައިގެން، މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމާ ގުޅޭ ޖަލްސާއެއްގެ ރިޔާސަތު ބަލަހައްޓަން މަޖިލީހުގެ ނައިބު ރައީސް އުޒުރުވެރިވިޔަސް، 44 ވަނަ މާއްދާގެ ދަށުން ރިޔާސަތު ބެލެހެއްޓުމަށް ކަނޑައަޅާ ފަސް މެމްބަރުންނަށް، މަޖިލީހުގެ ރައީސްގެ އެފަދަ ހައްސާސް މައްސަލައެއްގެ ރިޔާސަތު ނުބެލެހެއްޓޭނެ ކަމަށެވެ. އެ ފަސް މެމްބަރުންނަކީ ވަކި މައްސަލަތަކެއްގައި ރިޔާސަތު ބެލެހެއްޓުމަށް ކަނޑައަޅާ މެމްބަރުން ކަމަށާއި އަދި އެ މެމްބަރުންނަށް ރިޔާސަތުގައި ހުރެވޭނީ ވިދިވިދިގެން ތިން ޖަލްސާގައި ކަމަށް ފިޒްލާ ވިދާޅުވިއެވެ.

ގާނޫނުއަސާސީގެ 82 މާއްދާގެ ދަށުން މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ ގަރާރެއް ހުށަހަޅާފައިވާ ޖަލްސާގެ ރިޔާސަތުގައި މަޖިލީހުގެ ރައީސް އިނދެގެން ނުވާނެ ކަމަށް ބަޔާންކޮށްފައިވާ ކަމަށެވެ. އެގޮތަށް އެ މާއްދާގައި ބަޔާންކޮށްފައިވަނީ މަސްލަހަތު ފުށުއެރުމުގެ މައްސަލަ ހައްލުކޮށްދިނުމުގެ ގޮތުން ކަމަށާއި މަޖިލީހުގެ ގަވާއިދުގައި މަޖިލީހުގެ ރައީސް މަގާމުން ވަކިކުރައްވާ ޖަލްސާއެއްގެ ރިޔާސަތު ބަލަހައްޓަންވާނީ މަޖިލީހުގެ ނައިބު ރައީސް ކަމަށް ބަޔާންކޮށްފައިވަނީ ވަކި ނިޔަތެއް އޮވެގެން ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމާ ގުޅޭ ޖަލްސާއެއްގެ ރިޔާސަތު ބެލެހެއްޓޭނީ ހަމައެކަނި މަޖިލީހުގެ ނައިބު ރައީސްކަމަށް ގަވާއިދުގައި ބަޔާންކޮށްފައިވަނީ ސަބަބުތަކެއް ހުރުމުން ކަަމަށެވެ. އެގޮތުން މަޖިލިސް ރައީސް ވަކިކުރާ މައްސަލައަކީ، މަޖިލީހުގައި ކުރިއަށްދާނެ އެންމެ ހައްސާސް މައްސަލަ ކަމަށާއި އެހެންކަމުން އެފަދަ މައްސަލައެއްގެ ރިޔާސަތުގައި ހުރުން އެންމެ އައުލާކަން ބޮޑުވެގެން ވަނީ މަޖިލީހުގެ ރައީސަށް ފަހު ދެން އެންމެ އިސްފަރާތް ކަމަށް ފިޒްލާ ވިދާޅުވިއެވެ.