ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު މިހާރު އޮތް ގޮތުން މަޖިލީހުގެ ނައިބު ރައީސަށް ރިޔާސަތު ނުބެލެހެއްޓޭ ހާލަތްތަކުގައި، ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހުގައި ކުރިއަށް ގެންދެވޭނީ މަޖިލީހުގެ ގަވާއިދު އިސްލާހުކޮށްގެން ކަމަށް ރައްޔިތުންގެ މަޖިލިހުގެ ކައުންސެލް ޖެެނެރަލް ފާތުމަތު ފިލްޒާ ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ސަލާމުގައި ހުންނެވުމުން ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލައާމެދު ގޮތެއް ނިންމުމުގެ ޖަލްސާ ނުބޭއްވޭނެ ކަމަށް މަޖިލީހުގެ އަމީން އާންމު ފާތިމަތު ނިއުޝާ ވިދާޅުވަމުން ގެންދަވާތީ، އަމީން އާންމުގެ އެ ނިންމެވުން ގާނޫނުއަސާސީ އާއި މަޖިލީހުގެ ގަވާއިދާ ހިލާފު ކަމަށް ބުނެ، އެމްޑީޕީން ފަރާތުން ސުޕްރީމް ކޯޓަށް މައްސަލަ ވެއްދީ މިދިޔަ މަހުގެ 29 ވަނަ ދުވަހުއެވެ.

މިއަދު ވަނީ އެ މައްސަލައިގެ އަޑުއެހުމެއް ސުޕްރީމް ކޯޓުގައި ބާއްވައިފައެވެ. އެ އަަޑުއެހުމުގައި ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގަންނަވާ ހުސްނުއްސުއޫދު ވަނީ، މަޖިލީހުގެ ރައީސް އަދި ނައިބު ރައީސް މަޖިލީހުގެ ރިޔާސަތު ނުބަލަހައްޓާނަ،މަ މަޖިލިސް ޑެޑްލޮކުން ފިލައިދާނީ ކިހިނެއްތޯ ސުވާލު ކުރައްވައިފައެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން ފިޒްލާ ވިދާޅުވީ، މަޖިލީހުގެ މަސައްކަތްތައް ހުއްޓިފައިވާ ކަމަށް އެމްޑީޕީން ގަބޫލުކުރިޔަސް ހަގީގަތުގައި އެފަދަ ހާލަތެއް މެދުވެރިފައިނުވާ ކަމަށެވެ. އަދި ވިދާޅުވީ މަޖިލީހުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތަށް، ނަޝީދު ވަކިކުރުމުގެ ގަރާރު، މަޖިލީހުގެ ޖަލްސާއަކަށް އަދި ހުށަހެޅިފައިނުވާ ކަމަށެވެ.

"ގަވާއިދަށް އެމަންޑްމަންޓެއް ގެންނަން ޖެހޭނީ. އަޅުގަނޑުމެން މިހާރު ވެސް އެ ލަފާ ދީފައި އޮންނާނީ. މި ހާލަތުގައި އާންމު ޖަލްސާތައް ގެންދިއުމަށް އަދި ހުރަހެއް ނެތް. އެހެންވީމަ، އާންމު ޖަލްސާއެއްގައި ގަވާއިދު އިސްލާހު ކުރުމުގެ ކަންކަން ކުރިއަށް ގެންދިއުމުގެ އިހުތިޔާރު މަޖިލީހަށް އެބައޮތް،" ފިލްޒާ ވިދާޅުވިއެވެ.

މަޖިލީހުގެ ގަވާއިދުގެ 44 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އާންމު މެމްބަރަކު ރިޔާސަތު ބެލެހެއްޓެވުން ހަވާލުކުރެވޭނެ ހާލަތަކީ ކޮބައިތޯ އަދި އެކަމުގައި އަމަލުކުރާ އިންޓަނޭޝަނަލް ޕާލިމެންޓްރީ އުސޫލަކީ ކޮބައިތޯ ފަނޑިޔާރު ސުއޫދު ވަނީ ސުވާލުކުރައްވައިފައެވެ.

ފިޒްލާ ވިދާޅުވީ އެއްވެސް ސަބަބަކާ ލައިގެން، މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމާ ގުޅޭ ޖަލްސާއެއްގެ ރިޔާސަތު ބަލަހައްޓަން މަޖިލީހުގެ ނައިބު ރައީސް އުޒުރުވެރިވިޔަސް، 44 ވަނަ މާއްދާގެ ދަށުން ރިޔާސަތު ބެލެހެއްޓުމަށް ކަނޑައަޅާ ފަސް މެމްބަރުންނަށް، މަޖިލީހުގެ ރައީސްގެ އެފަދަ ހައްސާސް މައްސަލައެއްގެ ރިޔާސަތު ނުބެލެހެއްޓޭނެ ކަމަށެވެ. އެ ފަސް މެމްބަރުންނަކީ ވަކި މައްސަލަތަކެއްގައި ރިޔާސަތު ބެލެހެއްޓުމަށް ކަނޑައަޅާ މެމްބަރުން ކަމަށާއި އަދި އެ މެމްބަރުންނަށް ރިޔާސަތުގައި ހުރެވޭނީ ވިދިވިދިގެން ތިން ޖަލްސާގައި ކަމަށް ފިޒްލާ ވިދާޅުވިއެވެ.

ގާނޫނުއަސާސީގެ 82 މާއްދާގެ ދަށުން މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ ގަރާރެއް ހުށަހަޅާފައިވާ ޖަލްސާގެ ރިޔާސަތުގައި މަޖިލީހުގެ ރައީސް އިނދެގެން ނުވާނެ ކަމަށް ބަޔާންކޮށްފައިވާ ކަމަށެވެ. އެގޮތަށް އެ މާއްދާގައި ބަޔާންކޮށްފައިވަނީ މަސްލަހަތު ފުށުއެރުމުގެ މައްސަލަ ހައްލުކޮށްދިނުމުގެ ގޮތުން ކަމަށާއި މަޖިލީހުގެ ގަވާއިދުގައި މަޖިލީހުގެ ރައީސް މަގާމުން ވަކިކުރައްވާ ޖަލްސާއެއްގެ ރިޔާސަތު ބަލަހައްޓަންވާނީ މަޖިލީހުގެ ނައިބު ރައީސް ކަމަށް ބަޔާންކޮށްފައިވަނީ ވަކި ނިޔަތެއް އޮވެގެން ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމާ ގުޅޭ ޖަލްސާއެއްގެ ރިޔާސަތު ބެލެހެއްޓޭނީ ހަމައެކަނި މަޖިލީހުގެ ނައިބު ރައީސްކަމަށް ގަވާއިދުގައި ބަޔާންކޮށްފައިވަނީ ސަބަބުތަކެއް ހުރުމުން ކަަމަށެވެ. އެގޮތުން މަޖިލިސް ރައީސް ވަކިކުރާ މައްސަލައަކީ، މަޖިލީހުގައި ކުރިއަށްދާނެ އެންމެ ހައްސާސް މައްސަލަ ކަމަށާއި އެހެންކަމުން އެފަދަ މައްސަލައެއްގެ ރިޔާސަތުގައި ހުރުން އެންމެ އައުލާކަން ބޮޑުވެގެން ވަނީ މަޖިލީހުގެ ރައީސަށް ފަހު ދެން އެންމެ އިސްފަރާތް ކަމަށް ފިޒްލާ ވިދާޅުވިއެވެ.