ގާޒާއަށް ނިއުކްލިއާ ބޮމެއް ވައްޓާލުމަކީ އިޒްރޭލަށް ލިބިގެންވާ އިހުތިޔާރެއް ކަމަށް އިޒްރޭލުގެ ހެރިޓޭޖް މިނިސްޓާ އަމިޗާއީ އެލިޔާހޫ ވިދާޅުވުމުން ދިވެހި ސަރުކާރުން އެކަން ކުށްވެރިކޮށްފިއެވެ.

އެލިޔާހޫ އެހެން ވިދާޅުވީ އިޒްރޭލުގެ ރޭޑިއޯއަކަށް ދިން އިންޓަވިއެއްގައި، އިޒްރޭލުން ހަނގުރާމައިގައި ކުރިހޯދަން ކުރެވިދާނެ ކަންތައްތަކާ ގުޅޭގޮތުން ވާހަކަ ދައްކަވަމުންނެވެ.

އެކަމާ ގުޅިގެން ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނުގައި ބުނީ ގާޒާގެ ކުށެއް ނެތް މައުސޫމު ރައްޔިތުންނާ ދެކޮޅަށް އިޒްރޭލުން މިހާރުވެސް ހަރުކަށި އަސްކަރީ އޮޕަރޭޝަންތައް ހިންގަމުންދާ ދަނޑިވަޅެއްގައި މިނިސްޓަރަކު އެފަދަ ވާހަކައެއް ދެއްކުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ.

އަދި އިޒްރޭލުން ބައިނަލްއަގުމާވީ ގާނޫނުތަކާ ހިލާފަށް ހިންގަމުންދާ އަމަލުތައް ކުށްވެރިކޮށް، އެކަން ހުއްޓުވުމަށް ބައިނަލްއަގުވާމީ މުޖުތަމައުން ގޮވާލާ ގޮވާލުންތަކަށް އިޒްރޭލުން އެކަށީގެންވާ އިޖާބައެއް ދީފައި ނުވާތީ އެކަމާވެސް ކަންބޮޑުވާ ކަމަށް ސަރުކާރުން ބުންޏެވެ.

ބަޔާނުގައި އިތުރަށް ބުނީ އިޒްރޭލުން ގާޒާއަށް ދޭ ހަމަލާތައް ހުޓުވުމަށް މިހާރުން މިހާރަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް ބައިނަލްއަގުވާމީ މުޖުތަމަށް ރާއްޖޭން ގޮވާލާ ގޮވާލުން ތަކުރާރުކުރާ ކަމަށެވެ. އަދި ހަމަލާ ބަދަލުކުރުން ހުއްޓުވުމަށާއި ގާޒާއަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް ކުރާ މަސައްކަތްތައް އިތުރަށް ވަރުގަދަ ކުރުމަށް ވަނީ ގޮވާލައިފައެވެ.

އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ މިހާރު ވަނީ ކެބިނެޓު މީޓިންތަކުން އެލިޔާހޫ ސަސްޕެންޑުކުރައްވައިފައެވެ.

އިޒްރޭލުން ގާޒާއަށް ދެމުންދާ ހަމަލާތަކުގައި މިހާތަނަށް 9،700 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފައިވާއިރު، އޭގެ ތެރޭގައި ގިނަ އަދަދެއްގެ ކުޑަކުދިން ހިމެނެއެވެ. އަދި މިއަނަކަށްވުރެ ގިނަ މީހުން ވަނީ ގެދޮރު ސުންނާފަތިވެ މަގުމަތި ވެފައެވެ.