ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފެލްޓު ލިބޭ މީހުންގެ ދާއިމީ ލިސްޓުގައި މާކްސް ދީފައިވާ ގޮތާގުޅޭ ގޮތުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް މައްސަލަ ހުށަހަޅައިފިއެވެ.
އޭސީސީގެ ސީނިއާ ކޮމިއުނިކޭޝަން އޮފިސަރު ނިޝާން މުހައްމަދު ދީދީ "ވަން" އަށް މިއަދު ވިދާޅުވީ، ފުލެޓް ލިސްޓު އާންމުކުރުމާ ގުޅޭ މައްސަލަ ހުށަހެޅީ މިއަދު ކަމަށެވެ.
"އަދި ހުށަހެޅި މައްސަލަތައް ކޮމިޝަންއިން ދަނީ ދިރާސާ ކުރަމުން. އަދި މިއަދު އަވަސް ފިޔަވަޅެއް އަޅަން ޖެހޭތޯ ބަލައި އެކަމާމެދު ގޮތެއް ނިންމާނެ،" ނިޝާން ވިދާޅުވިއެވެ.
ހައުސިން މިނިސްޓްރީން އިއްޔެ ވަނީ ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފެލްޓު ލިބޭ މީހުންގެ ދާއިމީ ލިސްޓު އާންމުކޮށްފައެވެ.
ލިސްޓުގައި ޕޮއިންޓު ދީފައި ހުރި ގޮތާމެދު ހިތްހަމަ ނުޖެހި، ގިނަ ބަޔަކު ދަނީ ހައުސިން މިނިސްޓްރީގައި މިއަދު ހެނދުނުން ފަށައިގެން އިހުތިޖާޖު ކުރަމުންނެވެ. އަދި ޕޮއިންޓު ދިން ގޮތް ހާމަކުރުމަށް ގޮވާލައި، ލިސްޓު ބާތިލުކުރުމަށް ފަހު އަލުން ޕޮއިންޓު ދިނުމަށްވެސް ބައެއް މީހުން ދަނީ ގޮވާލަމުންނެވެ.
މިނިސްޓްރީއަށް އެއްވެ ތިބި މީހުންނާ ބައްދަލުކުރެއްވުމަށް ވަަޑަައިގެން ވާހަކަ ދައްކަވަމުން ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަދި ގެދޮރުވެރިޔާ ކޮމިޓީގެ ޗެއާ، އަކުރަމް ކަމާލުއްދީން ވިދާޅުވީ ލިސްޓާމެދު އެއްވެސް ޝަކުވާއެއް ވާނަމަ ޕޯޓަލް މެދިވެރުކޮށް ޝަކުވާ ހުށަހެޅުމަށް މިހާރު ހުޅުވާލާފައިވާ ކަމަށެވެ.
ގެދޮރުވެރިޔާ ސްކީމުން ދޫކުރާ 4،000 ފްލެޓު އުސޫލުން ބޭރުން ހަވާލުކުރަން އުޅޭކަމަށް ބުނެ އޭސީސީއަށް މައްސަލައެއްވެސް ހުށަހަޅާފައި ވެއެވެ. އެކަމާ ގުޅިގެން މީޑިއާތަކާ ވާހަކަ ދައްކަމުން އާމުންގެ އެކުވެރި ޖަމިއްޔާގެ ރައީސް މިދުއަމް ސައުދު ވިދާޅުވީ ފްލެޓަށް ޕޮއިންޓު ދޭ ގޮތުގެ އުސޫލެއް ނެތް ކަމަށާއި، އެހެން ކަމުން ޕޮއިންޓު ދީފައި ހުރީ ކިހިނެތްކަން ސާފު ނުވާ ކަމަށެވެ.
"އޭސީސީން މިއަދު ޖަވާބު ދޭން ޖެހޭ ދުވަސް، އާދިއްތަ ދުވަސް މިއީ. އެހެން އޮއްވާ ހޮނިހިރު ދުވަހެއްގަ ލިސްޓު ނެރެގެން މި އުޅެނީ" މިދުއަމް ވިދާޅުވިއެވެ.
މިދުއަމް ވިދާޅުވީ ފްލެޓު ލިބުނު އެންމެނަކީ ފްލެޓު ލިބުމަށް ޝަރުތު ހަމަނުވާ ބައެކޭ ނުދެންނެވޭނެ ކަމަށާއި ނަމަވެސް އެކަން ކޮށްފައި އޮތް އުސޫލު ކަމުނުދާ ކަމަށެވެ.
ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓު ލިބޭ މީހުންގެ ދާއިމީ ލިސްޓު އާންމުކުރީ އިއްޔެއެވެ. 3 ކޮޓަރީގެ ފުލެޓްގެ ދާއިމީ ލިސްޓުގައި ހިމެނޭ މީހުންގެ ތެރެއިން ފަހި ދިރިއުޅުން ކޯޕަރޭޝަނުން މިހާރު އިމާރާތް ކުރަމުންދާ 4000 ފުލެޓް ލިބޭ މީހުންގެ ތެރޭގައި ހިމެނެނީ 76 އިން ފެށިގެން މަތިން މާކްސް ލިބިފައިވާ މީހުންނެވެ. އަދި ދެ ކޮޓަރީގެ އެޕާޓްމެންޓް ލިބޭ މީހުންގެ ތެރޭގައި ހިމެނެނީ 73 ޕޮއިންޓުން ފެށިގެން މަތިން މާކްސް ލިބިފައިވާ މީހުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު