އެމްޑީޕީން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ދުސްތޫރީ މައްސަލައަކީ، ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ބޭއްވުމާ ގުޅޭ މައްސަލައެއް ނޫން ކަމަށާއި އެ މައްސަލަ ސުޕްރީމް ކޯޓުގައި އޮތަސް މަޖިލީހުގެ ޖަލްސާތައް ކުރިއަށް ގެންދެވޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ބުނެފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަޖިލިސް ރައީސް ކަމުން ވަކި ކުރުމަށްޓަކައި، އެމްޑީޕީގެ 48 މެންބަރުން ސޮއި ކުރައްވައި މަޖިލީހަށް ހުށަހެޅި އިތުބާރު ނެތްކަމުގެ މައްސަލައިގައި މަޖިލިސް އިދާރާ އާއި އެމްޑީޕީ މެންބަރުންނާ ހިޔާލު ތަފާތުވެ، އެ މައްސަލަ ކުރިއަށް ނުގެންދެވި މަޖިލިސް ވަނީ އަނެއްކާވެސް ޑެޑްލޮކަށް ގޮސްފައެވެ.
ހިޔާލު ފަފާތުވުން އުފެދިފައިވަނީ، މަޖިލިސް ރައީސް ވަކި ކުރުމާބެހޭ މައްސަލައިގައި، މަޖިލީހުގެ ރިޔާސަތު ބެލެހެއްޓުމާ ބެހޭގޮތުން މަޖިލިސް ގަވާއިދުގައި ހިމެނިފައިވާ މާއްދާތައް މާނަ ކުރުމުގައެވެ.
މަޖިލިސް ގަވާއިދުގެ 205 ވަނަ މާއްދާގައި ބުނަނީ، މަޖިލީހުގެ ރައީސް މަގާމުން ވަކި ކުރުމުގެ މައްސަލަ ހުށަހަޅާ ޖަލްސާގެ ރިޔާސަތު ބަލަހައްޓާނީ މަޖިލީހުގެ ނާއިބު ރައީސް ކަމަށެވެ. ނަމަވެސް މި މައްސަލައިގައި އެއްވެސް ކަމަކާ ގުޅިގެން އެއިން ބޭފުޅަކަށް ރިޔާސަތު ނުބެލެހެއްޓިއްޖެ ނަމަ ދެން ކަންތައް ކުރަންވީ ގޮތެއް އެ މާއްދާގައި ބުނެފައެއް ނުވެއެވެ.
އެހެންކަމުން މަޖިލީހުގެ އަމީންއާއްމު ނިންމަވާފައި ވަނީ، މަޖިލިސް ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ އެޖެންޑާކުރާ ޖަލްސާއެއްގެ ރިޔާސަތު ބަލަހައްޓަން ޖެހޭނީ މަޖިލީހުގެ ނާއިބު ރައީސް ކަމަށާއި އެނޫން ގޮތެއް ނޯންނާނެ ކަމަށެވެ.
ނަމަވެސް ހުސްވި އޮކްޓޫބަރު މަހުގެ 29 ވަނަ ދުވަހުން ފެށިގެން މިއަދާ ހަމައަށް ބަންދު ނޫން ކޮންމެ ދުވަހަކު މަޖިލިސް ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ އެޖެންޑާ ކުރަމުން އައި ނަމަވެސް، މަޖިލީހުގެ ނައިބު ރައީސް އީވާ އަބުދުﷲ އާލާސްކަންފުޅާ އުޅުއްވާތީ ސަލާމް ފޮނުއްވަމުން ގެންދަވާތީ، މަޖިލިސް ޖަލްސާ ކުރިއަށް ގެންދެވިފައެއް ނުވެއެވެ.
އެ މައްސަލައިގައި، އެމްޑީޕީ މެންބަރުން ދައްކަވަނީ، މަޖިލިސް ގަވާއިދުގެ 44 ވަނަ މާއްދާއެވެ. އެ މާއްދާގައި ބުނަނީ، މަޖިލީހުގެ ރައީސާއި ނާއިބު ރައީސް މަޖިލީހުގެ ޖަލްސާގެ ރިޔާސަތު ބެލެއްޓުމަށް އުޒުރުވެރިވެއްޖެ ހާލަތެއްގައި، ގާނޫނުއަސާސީގެ ދަށުން އެކަމަށް ކަނޑައަޅާފައިވާ މަޖިލީހުގެ ފަސް މެންބަރުންގެ ތެރެއިން މެންބަރަކަށް ރިޔާސަތު ބެލެހެއްޓޭނެ ކަމަށެވެ. އެހެންކަމުން އެމްޑީޕީ މެންބަރުން ވިދާޅުވަނީ، މަޖިލީހުގެ ނައިބު ރައީސަށް ޖަލްސާގެ ރިޔާސަތަށް ވަޑައިނުގެންނެވިއްޖެނަމަ މި މާއްދާގައި ބުނާގޮތަށް، ރިޔާސަތު ބަލަހައްޓަވަން ކަނޑައެޅުއްވާފައި ތިއްބަވާ ފަސް މެންބަރުންގެ ތެރެއިން މެންބަރަކު ރިޔާސަތަށް ވަޑައިގެން ޖަލްސާ ކުރިއަށް ގެންދެވޭނެ ކަމަށެވެ.
އޭގެ އިތުރުން އިތުބާރު ނެތްކަމުގެ މައްސަލައިގެ 14 ދުވަހުގެ ނޯޓިސް މަޖިލިސް ރައީސް އާއި މަޖިލީހުގެ މެންބަރުންނަށް ދިނުމަށްފަހު، މަޖިލިސް ރައީސް މަގާމުން ވަކި ކުރުމުގެ ގަރާރު މަޖިލިސް ޖަލްސާއަށް ހުށަހެޅުމަށްފަހު، އެވަގުތު މަޖިލީހަށް ހުށަހަޅާފައިވާ އެހެން އެއްވެސް ކަމަކާމެދު ބަހުސް ކުރެވޭނީ، ނުވަތަ ގޮތެއް ނިންމަންވާނީ، މަޖިލީހުގެ ރައީސް މަގާމުން ވަކި ކުރުމުގެ ގަރާރާމެދު ގޮތެއް ނިންނުމަށްފަހުގައި ކަމަށް ވެސް މަޖިލިސް ގަވާއިދުގެ 205 ވަނަ މާއްދާގައި ބުނެފައިވާ މާއްދާވެސް އެމްޑީޕީ މެންބަރުން ސަމާލު ކަމަށް ގެންނަވައެވެ.
އެބޭފުޅުން ވިދާޅުވަނީ، އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ނުގެންގޮސް އިތުރު މައްސަލައެއް މަޖިލީހުގައި ކުރިއަށް ނުގެންދެވޭނެ ކަމަށް މި މާއްދާއިން ހާމަވާ ކަމަށެވެ. އެހެންކަމުން އިތުބާރު ނެތްކަމުގެ މައްސަލަ ނުނިމެނީސް މަޖިލީހުގެ އެއްވެސް މަސައްކަތަކަށް އެއްބާރުލުން ނުދިނުމަށް އެމްޑީޕީ ޕީޖީ ގްރޫޕުން ވަނީ ނިންމައިފައެވެ. އަދި އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހުގައި ކުރިއަށް ނުގެންދަނީ ގާނޫނުއަސާސީ އާއި މަޖިލީހުގެ ގަވާއިދާ ހިލާފަށް ކަމަށް ބުނެ، އެމްޑީޕީން ވަނީ އެމައްސަލަ ސުޕްރީމް ކޯޓަށްވެސް ހުށަހަޅައިފައެވެ.
އެ މައްސަލައިގައި އެމްޑީޕީން ސުޕްރީމް ކޯޓުގައި ދެ ކަމަކަށް އެދިފައިވެއެވެ. އެއްކަމަކީ އިތުބާރު ނެތްކަމުގެ މައްސަލައިގެ ރިޔާސަތު ބެލެހެއްޓެވުމަށް މަޖިލީހުގެ ނައިބު ރައީސް ހާޒިރުނުވާ ހާލަތުގައި، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު 44 ވަނަ މާއްދާއަށް އަމަލުކުރުން، މަޖިލީހުގެ މައްޗަށާއި މަޖިލީހުގެ އިދާރާއަށް ލާޒިމުވާނެ ކަމަށް ކަނޑައަޅުވައިދެއްވުމެވެ. ދެވަނަ ކަމަކީ ރައްޔިތުން މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމަށް މިހާރު ހުށަހަޅާފައިވާ ގަރާރާމެދު ގޮތެއް ނިންމެވުމަށްފަހު ނޫނީ މަޖިލީހުގެ އެހެން އެއްވެސް ޖަލްސާއެއް ކުރިއަށް ނުގެންދެވޭނެ ކަމަށް ކަނޑައަޅުވައި ދެއްވުމަށެވެ.
އެ މައްސަލަ ސުޕްރީމް ކޯޓުގައި މާދަމާއަށް ވަނީ އެޖެންޑާ ކޮށްފައެވެ.
މި މައްސަލަ މިހެން އޮއްވައި، މަޖިލިސް ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ އެޖެންޑާކުރި މިއަދުގެ ޖަލްސާގެ ރިޔާސަތަށް ވަޑައިގަތުމަށް އުޒުރުވެރިވާ ކަމަށް މަޖިލީހުގެ ނާއިބު ރައީސް އަނެއްކާ މިވަނީ މަޖިލީހުގެ އިދާރާއަށް އަންގަވައިފައެވެ. އެކަން އަންގަވައި މަޖިލީހުގެ އަމީން އާއްމު ފާތުމަތު ނިއުޝާއަށް އީވާ ފޮނުއްވި ސިޓީގައި ވިދާޅުވެފައި ވަނީ، މަޖިލިސް ރައީސް މަގާމުން ވަކި ކުރުމުގެ މައްސަލައިގައި ސުޕްރީމް ކޯޓުން ވަކި ގޮތެއް ނިންމުމުގެ ކުރިން މަޖިލީހުގެ ޖަލްސާތައް ކުރިޔަށް ގެންދިޔުމަށް ރިޔާސަތުގައި އިންނަވަން އޭނާ އުޒުރުވެރިވެވަޑައިގަންނަވާ ކަމަށެވެ.
ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަށް، ކޯޓުން ގޮތެއް ކަނޑައަޅައި ނިމުމުގެ ކުރިން ރައްޔިތުންގެ މަޖިލީހުން ވަކިގޮތެއް އިހުތިޔާރުކޮށްގެން ކުރިއަށް ދިއުމަކީ މަޖިލީހުން މީގެ ކުރިން ވެސް އަމަލު ކުރަމުން އަންނަ ގޮތެއް ނޫން ކަމަށާއި އެކަން އެހެން އޮއްވައި، ރައްޔިތުންގެ މަޖިލީހުން ވަކިގޮތެއް އިހުތިޔާރުކޮށްގެން ކުރިއަށް ގެންދިއުމަކީ ސުޕްރީމް ކޯޓުގައި ބަލަމުންދާ މައްސަލައަށް ނުފޫޒަކަށްވާނެ ކަމަށްވެސް ދެކެވަޑައިގަންނަވާ ކަމަށް ވެސް އީވާ ވިދާޅުވެފައިވެއެވެ.
"އެއާއެކު، ވަކިގޮތަކަށް ކަމެއް ކަނޑައަޅައިދިނުމަށް އެދި ކޯޓަށް މައްސަލައެއް ހުށަހެޅުމަށްފަހު، ކޯޓުން ގޮތެއް ކަނޑަނާޅަނީސް ކޯޓަށް ދިޔަ ފަރާތުން ކޯޓުން އަންނާނެ ނިންމުމަކަށް ބެލުމެއް ނެތި، އަނެއްކާވެސް މަޖިލީހުގައި ވަކިގޮތަކަށް ކަންކުރުމަށް މަސައްކަތް ކުރުންވާނީ ކޯޓުގެ ގަދަރާއި ހުރުމަތަށް އިހުތިރާމް ކުޑަކުރުން ކަމަށް ވެސް ދެކެމެވެ،" އީވާ ވިދާޅުވިއެވެ.
"ވީމާ ގާނޫނުއަސާސީގެ މަފްހޫމަށް ބަލައި ތިން ބާރު ވަކިކުރެވިފައިވާ ވެރިކަމުގެ ނިޒާމެއްގެ ގާނޫނު ހެދުމުގެ ބާރާއި އަދުލު އިންސާފު ގާއިމުކުރުމުގެ ބާރުގެ ތެރޭގައި އެއްބާރާއި އަނެއްބާރާ ދެމެދުގައި އޮންނަންޖެހޭ އިހުތިރާމް ކުޑަނުވާނެ ގޮތަށް ނުވަތަ އަރައިރުން ނުވާނެގޮތަށް ޢަމަލުކޮށ،ް ބާރުތައް ވަކިވެފައި އޮންނަ އޮތުމުގެ ތަޞައްވުރަށް ހިޔަނިނޭޅުމުގެ ގޮތުން ސުޕްރީމް ކޯޓުގައި ބަލަމުން ގެންދާ މައްސަލަ ވަކިގޮތަކަށް ނިމެންދެން ރައްޔިތުންގެ މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމުގެ ގަރާރުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ރިޔާސަތުގައި އިނުމަށް އަޅުގަނޑު އުޒުރުވެރިވާ ވާހަކަ ދެންނެވީމެވެ." އީވާ ވިދާޅުވިއެވެ.
އެކަމާ ގުޅިގެން މަޖިލީހުގެ މީޑިއާ ޑައިރެކްޓަރު ހަސަން ޒިޔާއު ވަން އޮންލައިން އަށް ވިދާޅުވީ، އެމްޑީޕީން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކީ މަޖިލީހުގެ ޖަލްސާތައް ކުރިއަށް ގެންދިއުމާ ބެހޭ މައްސަލައެއް ނޫން ކަމަށެވެ. މަޖިލިސް ޖަލްސާއެއް މިއަދު ބޭއްވި ނަމަވެސް ގަވާއިދުގެ 205 ވަނަ މާއްދާގައި ބުނާގޮތަށް، މަޖިލިސް ޖަލްސާގެ ރިޔާސަތަށް މަޖިލީހުގެ ނައިބު ރައީސަށް ވަޑައިގެންނެވޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އެމްޑީޕީން ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅާފައި ވަނީ، ގަވާއިދުގެ 44 ވަނަ މާއްދާ، އެ ބޭފުޅުން މާނަކުރާގޮތަށް ޖަލްސާ ކުރިއަށްނުގޮސްގެން ކަަމަށްވާތީ، އެމްޑީޕީން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލަ އާއި، މަޖިލިސް ޖަލްސާ ކުރިއަށް ގެންދިއުމާބެހޭ މައްސަލައަކީ ދެ މައްސަލައެއް ކަމަށާއި އެކަމުގެ ސަބަބުން މަޖިލިސް ޖަލްސާ ބާއްވަން ހުރަހެއް ނެތް ކަމަށްވެސް ވިދާޅުވިއެވެ.
އެހެން ކަމުން މަޖިލިސް ޖަލްސާގެ ރިޔާސަތަށް ވަޑައިގަތުމަށް، ސުޕްރީމް ކޯޓުގައި މައްސަލައަކީ އުޒުރަކަށް ނުދެއްކޭނެ ކަމަށް މީގެކުރިންވެސް އީވާއަށް މަޖިލިސް އިދާރާއިން ދަންނަވާފައިވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އަދި މިހާރުވެސް މަޖިލިސް އިދާރާގެ ސްޓޭންޑައީ އެއީ ކަމަށްވެސް ވިދާޅުވިއެވެ.
ނަމަވެސް އާލާސްކަންފުޅާ އުޅުއްވާތީ ފޮނުއްވަމުން ގެންދެވި ސަލާމުގެ ބަދަލުގައި، މަޖިލީހުގެ މިއަދުގެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވުމަށް އުޒުވެވަޑައިގަންނަވާ ކަމަށް އީވާ ވިދާޅުވެފައިވާތީ، ދެން އޮންނަ މަޖިލިސް ޖަލްސާއަކަށް މަޖިލިސް ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ އެޖެންޑާ ނުކުރައްވާނެ ކަމަށް މަޖިލިސް އިދާރާއިން ވަނީ ބުނެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު