ރައްޔިތުންގެ މަޖިލީހުގައި ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް މައްސަލަ ކުރިޔަށް ނުގެންދެވިގެން އެމްޑީޕީން ދުސްތޫރީ މައްސަލައެއް ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާތީ، ނަޝީދު ވަކިކުރާ މައްސަލައިގެ ޖަލްސާގެ ރިޔާސަތު ބަލަހައްޓަވަން މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ އުޒުރުވެރިވެވަޑައިގެންފިއެވެ.
ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ތާވަލްކުރި ފަހުން އާލާސްކަންފުޅާ އުޅުއްވާ ކަމަށް ބުނެ ސަލާމުގައި ހުންނެވުމަށް ފަހު އީވާ އެގޮތަށް މަޖިލީހަށް އެންގެވީ އޭނާ އިއްޔެ މަޖިލީހުގެ އަމީން އާންމު ފާތިމަތު ނިޔުޝާއަށް ފޮނުއްވި ސިޓީއެއްގައެވެ.
ނަޝީދު ވަކިކުރާ މައްސަލައިގެ ޖަލްސާގެ ރިޔާސަތު ބަލަހައްޓަވަން އީވާ އަބްދުﷲ އުޒުރުވެރިވެވަޑައިގެންނެވުމުން މިއަދު ބާއްވަން ތާވަލުކުރި ޖަލްސާ ވެސް ވަނީ ކެންސަލްކޮށްފައެވެ.
އެމްޑީޕީގެ 48 މެންބަރުންގެ ސޮޔާއެކު ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުން، ރައީސް ނަޝީދު ވަކިކުރުމަށް މަޖިލީހަށް ހުށަހެޅި އިތުބާރު ނެތްކަމުގެ މައްސަލައާ ގުޅިގެން، މަޖިލިސް ގަވާއިދުގައި ބުނާ 14 ދުވަހުގެ ނޯޓިސް ދިނުމަށްފަހު އެ މައްސަލަ ފުރަތަމަ އެޖެންޑާ ކުރީ މިދިޔަ އާދިއްތަ ދުވަހުގެ މަޖިލިސް ޖަލްސާއަށެވެ.
ނަމަވެސް މަޖިލީހުގެ ނާއިބު ރައީސް އީވާ އަބްދުﷲ އާލާސްކަންފުޅާ އުޅުއްވާތީ ސަލާން ފޮނުވާފައިވުމުގެ ސަބަބުން އެ ޖަލްސާ ބޭއްވޭ ގޮތެއް ނުވިއެވެ. އެހެންވެ، އެ މައްސަލައަށް ހައްލެއް ހޯދުމަށް އެމްޑީީޕީން ސްޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ވެއްދީއެވެ.
ސުޕްރީމް ކޯޓުން ނިންމާފައި ވަނީ މި މައްސަލައިގެ އަޑުއެހުން މާދަމާ ދުވަހުގެ ހެނދުނު 10:00 ގައި ބޭއްވުމަށެވެ.
ނަޝީދުގެ މައްސަލަ މިއަދު ވެސް ކުރިޔަށް ގެންދަން ހަމަޖެހިފައި ވަނިކޮށް އީވާ ރޭ މަޖިލީހަށް ފޮނުވި ސިޓީއެއްގައި ވިދާޅުވީ ނަޝީދު މަގާމުން ވަކި ކުރުމުގެ މައްސަލާގައި ސުޕްރީމް ކޯޓުން ވަކި ގޮތެއް ނިންމުމުގެ ކުރިން މަޖިލީހުގެ ޖަލްސާތައް ކުރިޔަށް ގެންދިޔުމަށް ރިޔާސަތުގައި އިންނަވަން އޭނާ އުޒުރުވެރިވެވަޑައިގަންނަވާ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގައި ސިޔާސީ ޕާޓީއެއްގެ ގޮތުން ތަމްސީލުކުރާ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ، އެމްޑީޕީގެ ފަރާތުން އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވަނީ އެ ކޯޓުން އެކަމުގައި ގޮތެއް ކަނޑައެޅުން މުހިންމު ކަމަށް އެ ޕާޓީ އަދި އެ ޕާޓީގެ ޕާލިމަންޓަރީ ގްރޫޕުން ގަބޫލުކުރާތީ ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.
ސުޕްރީމް ކޯޓަށް ހުށަހަޅައި މިހާރު ކުރިއަށްދާ މައްސަލަ އެ ކޯޓުން ގޮތެއް ކަނޑައަޅައި ނިމުމުގެ ކުރިން ރައްޔިތުންގެ މަޖިލީހުން ވަކިގޮތެއް އިހުތިޔާރުކޮށްގެން ކުރިއަށް ދިއުމަކީ މަޖިލީހުން މީގެ ކުރިން ވެސް އަމަލު ކުރަމުން އަންނަ ގޮތެއް ނޫން ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުން ވަކިގޮތެއް އިހުތިޔާރުކޮށްގެން ކުރިއަށް ގެންދިއުމަކީ ސުޕްރީމް ކޯޓުގައި ބަލަމުންދާ މައްސަލައަށް ނުފޫޒަކަށްވާނެ ކަމަށްވެސް ދެކެވަޑައިގަންނަވާ ކަމަށް އީވާ ވިދާޅުވިއެވެ.
"އެއާއެކު، ވަކިގޮތަކަށް ކަމެއް ކަނޑައަޅައިދިނުމަށް އެދި ކޯޓަށް މައްސަލައެއް ހުށަހެޅުމަށްފަހު، ކޯޓުން ގޮތެއް ކަނޑަނާޅަނީސް ކޯޓަށް ދިޔަ ފަރާތުން ކޯޓުން އަންނާނެ ނިންމުމަކަށް ބެލުމެއް ނެތި،
އަނެއްކާވެސް މަޖިލީހުގައި ވަކިގޮތަކަށް ކަންކުރުމަށް މަސައްކަތް ކުރުންވާނީ ކޯޓުގެ ގަދަރާއި ހުރުމަތަށް އިހުތިރާމް ކުޑަކުރުންކަމަށް ވެސް ދެކެމެވެ،" އީވާ ވިދާޅުވިއެވެ.
"ވީމާ ގާނޫނުއަސާސީގެ މަފްހޫމަށް ބަލައި ތިން ބާރު ވަކިކުރެވިފައިވާ ވެރިކަމުގެ ނިޒާމެއްގެ ގާނޫނު ހެދުމުގެ ބާރާއި އަދުލު އިންސާފު ގާއިމުކުރުމުގެ ބާރުގެ ތެރޭގައި އެއްބާރާއި އަނެއްބާރާ ދެމެދުގައި އޮންނަންޖެހޭ އިހުތިރާމް ކުޑަނުވާނެ ގޮތަށް ނުވަތަ އަރައިރުން ނުވާނެގޮތަށް ޢަމަލުކޮށ،ް ބާރުތައް ވަކިވެފައި އޮންނަ އޮތުމުގެ ތަޞައްވުރަށް ހިޔަނިނޭޅުމުގެ ގޮތުން ސުޕްރީމް ކޯޓުގައި ބަލަމުން ގެންދާ މައްސަލަ ވަކިގޮތަކަށް ނިމެންދެން ރައްޔިތުންގެ މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމުގެ ގަރާރުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ރިޔާސަތުގައި އިނުމަށް އަޅުގަނޑު އުޒުރުވެރިވާ ވާހަކަ ދެންނެވީމެވެ." އީވާ ވިދާޅުވިއެވެ.
އެމްޑީޕީގެ ފަރާތުން ސުޕްރީމް ކޯޓުގައި ވަނީ ދެ އަމުރެއް ނެރެދެއްވުމަށް އެދިފައެވެ. އެއީ، ރައްޔިތުންގެ މަޖިލީހުގެ 205 ވަނަ މާއްދާގެ (ބ)ގައިވާ ގޮތުގެ މަތިން، ރައްޔިތުން މަޖިލީހުގެ ރައީސް މަގާމުން ވަކިކުރަން ހުށަހަޅާފައިވާ މައްސަލައަށް ގޮތެއް ނިންމެވުމުގެ ރިޔާސަތު ބެލެހެއްޓުމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ހާޒިރުނުވާ ހާލަތުގައި، ހާޒިރުވެވަޑައިނުގެންނެވޭ ހާލަތުގައި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު 44 ވަނަ މާއްދާއަށް އަމަލުކުރުން، މަޖިލީހުގެ މައްޗަށް މަޖިލީހުގެ އިދާރާއަށް ލާޒިމުވާނެ ކަމަށް ކަނޑައަޅުވައިދެއްވުމަށެވެ.
މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމަށް ގަރާރެއް ހުށަހެޅިފައިވާނަމަ އެ ވަގުތު މަޖިލީހަށް ހުށަހެޅިފައިވާ އެހެން އެއްވެސް ކަމަކާމެދު ބަހުސް ކުރެވޭނީ ނުވަތަ ގޮތެއް ނިންމަން ވާނީ މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމާ މެދު ގަރާރާ މެދު ގޮތެއް ނިންމެވުމަށްފަހު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 205 ވަނަ މާއްދާގެ (ރ)ގައި ބަޔާންކޮށްފައިވާތީ، ރައްޔިތުން މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމަށް މިހާރު ހުށަހަޅާފައިވާ ގަރާރާ މެދު ގޮތެއް ނިންމުމަށްފަހު ނޫނީ މަޖިލީހުގެ އެހެން އެއްވެސް ޖަލްސާއެއް ކުރިއަށް ނުގެންދެވޭނެ ކަމަށް ކަނޑައަޅުވައި ދެއްވުމަށެވެ.
މަޖިލީހުގެ ގަވާއިދުގެ 44 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ މަޖިލީހުގެ ނައިބު ރައީސް އާއި މަޖިލީހުގެ ނައިބު ރައީސް، ރިޔާސަތު ބަލަހައްޓަން އުޒުރުވެރިވެއްޖެނަމަ ދެން ރިޔާސަތު ބަލަހައްޓަވާނީ މަޖިލީހުގައި މެދުނުކެނޑި އެންމެ ގިނަ ދުވަހު ހިދުމަތްކުރެއްވި ފަސް މެމްބަރުންގެ ތެރެއިން މެމްބަރެއް ކަމަށެވެ. އެގޮތަށް މެމްބަރަކަށް ރިޔާސަތު ބެލެހެއްޓޭނީ ވިދިވިދިގެން ތިން ޖަލްސާގައެވެ. އެގޮތަށް ރިޔާސަތު ބަލަހައްޓާނެ ފަސް މެމްބަރެއް މަޖިލީހުގެ ރައީސް އަދި ނައިބު ރައީސް އިންތިހާބު ކުރުމަށްފަހު ހިނގާ ފުރަތަމަ ދެ ހަފުތާ ތެރޭގައި އިއުލާން ކުރަންވާނެ ކަމަށް އެ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވެއެވެ.
މީގެ ކުރިން މަޖިލީހުގެ ރައީސް އަދި ނައިބު ރައީސް، ރިޔާސަތު ބަލަހައްޓަން އުޒުރުވެރިވާ ހާލަތްތަކުގައި ރިޔާސަތު ބެލެހެއްޓީ ވިލުފުށި ދާއިރާގެ މެމްބަރު ހަސަން އަފީފެވެ. ނަމަވެސް ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތަށް ފަސް މެމްބަރުން އިންތިހާބުކޮށް، އެ ބޭފުޅުންގެ ނަންތައް އިއުލާން ކުރައްވައިފައެއް ނުވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު