ރާއްޖޭގެ ބަލާލި ކޮންމެ ދިމާލަކުން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ސަރުކާރުގެ އުމްރާނީ ތަރައްގީ ފެނިގެންދާނެ ކަމަށާއި އެކަމުގެ ހަގީގީ މޭސްތިރިއަކީ އޭރުގެ ހައުސިން މިނިސްޓަރު، މިހާރުގެ އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ކަމަށް ޕީއެންސީގެ ޗެެއާޕާސަން އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.
އަދުރޭ އެގޮތަށް ވިދާޅުވީ، ޕީއެންސީއަށް މެންބަރުން އިތުރުކުރުމުގެ ގޮތުން، ޕީޕީއެމް/ޕީއެންސީގެ ބައެއް އިސް ބޭފުޅުންނާއެކު އައްޑޫ ސިޓީއަށް ކުރައްވަމުން ގެންދާ ދަތުރުގައި މިއަދު އައްޑޫގައި ތިބި ސަޕޯޓަރުންނާ ވާހަކަދައްކަވަމުންނެވެ.
އަދުރޭ ވިދާޅުވީ، މުއިއްޒުއަކީ ވަރަށް ގާބިލް، ރިވެތި އަހުލާގެއްގެ، މަޑުމައިތިރި ކެތްތެރިކަމުގެ ލާމަސީލު ނަމޫނާއެއް ކަމަށެވެ. ގައުމަށް ދިމާވާ އެކިއެކި ކަންތައްތަކުގައި ކެއްތެރިކަމާއެކު ސާބިތުވެ ހުންނަވާނެ ބޭފުޅެއްކަން އެކަމުން ދޭހަވާ ކަމަށްވެސް ވިދާޅުވިއެވެ.
ރިޔާސީ ކެމްޕެއިން ތެރޭގައި އެ މަނިކުފާނު ވެވަޑައިގެންނެވި ވައުދުތައް ފުއްދަވައި ދެއްވާނެ ކަމަށާއި އެ ވައުދުތަކުގެ ތެރޭގައި ހިމެނޭ އެއް ވައުދަކީ އައްޑޫ ސިޓީގެ މީދޫން-ހިތަދޫ ގޫޅާލާ ބްރިޖުގެ މަސައްކަތް ކަމަށާއި ފުރަތަމަ 100 ދުވަހުގެ ތެރޭގައި އެ މަސައްކަތް ފައްޓަވާނެ ކަމަށްވެސް ވިދާޅުވިއެވެ.
އަދުރޭ ވިދާޅުވީ، ރައީސް މުއިއްޒުގެ ވެރިކަމުގެ ފަސް އަހަރު ވެގެންދާނީ އައްޑޫ ސީޓީއަށާއި މުޅި ރާއްޖެއަށް ކުރިއެރުމާއި ތަރައްގީ ގެނެސްދޭނެ ފަސް އަހަރަށް ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު