(31 އޮކްޓޯބަރުގެ އަދަދާ ގުޅޭ)

މުސްލިމުން މަދީނާއަށް ހިޖުރަކުރުމަށްފަހު އުންމަތުގެ ޤާއިދު صـلّـــــى اللّــــه عــلـيــــه وسـلّـــــم ގެ ކުރިފުޅުމަތީގައިއޮތީ އުންމަތް ބިނާކުރެއްވުމުގެ ވަރަށްފުޅާ މަސައްކަތްޕުޅުތަކެކެވެ. އަދި އެހައިމެ ކަފިތައް ގިނަ މަޝްރޫޢެކެވެ. މެދުކެނޑުމެއްނެތި ގިނަ ޢަދަދަކަށް މަދީނާއަށް ހިޖުރަކުރައްވަމުން ގެންދެވި މުހާޖިރުން އާބާދުކުރެއްވުމެވެ. އެބޭކަލުންނަށް މަޢީޝީ ވަސީލަތްތައް ހޯއްދަވައިދެއްވުމަކީވެސް ކުރިމަތިލައްވާން ޖެހިވަޑައިގެންފައިއޮތް ވަރަށްބޮޑު ގޮންޖެހުމެކެވެ. އަނެއްކޮޅުން ކޮންމެ ހިނދުކޮޅަކީވެސް މައްކާގެ ޤުރައިޝުން މަދީނާއަށް ޙަމަލަދިނުމުގެ ނުރައްކަލަށް ހުށަހެޅިފައިވާ ހިނދުކޮޅެކެވެ. ދުވާލަކަސް ރޭގަނޑަކަސް މުސްލިމުން ތިބޭންޖެހިފައިއޮތީ ހަނގުރާމައިގެ ހަތިޔާރު އަޅައިގެންނެވެ. އެހެންކަމުން ދިފާޢީގޮތުން ދައުލަތް ހަރުދަނާކުރެއްވުންވެސް އޮތީ ލާޒިމުވެފައެވެ. މިހުރިހައި ކަމަކަށްވުރެވެސް ދަތިކަމަކަށްވެފައިވަނީ ނުވަރޭފެނުތެރޭގައިއޮތް އިސްލާމީ ދައުލަތުގައި އެ މުޖުތަމަޢުގެ ތެރޭގައިތިބި ގިނަޢަދަދެއްގެ ޣަދަރުވެރީންގެ ފިތުނަވެރިކަމެވެ. ހަދަމުންގެންދިޔަ ނުބައެވެ. ޚިޔާލުކޮށްލަމާތޯއެވެ؟ އިސްލާމީ ދައުލަތް އޮތީ އެ ދައުލަތުގެ ޅަފަތުގެދާނުގައެވެ. އިތުރު ސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم ގެ ހަފަރާތްޕުޅުން އެމާތް ސާހިބާ ވަށައިލައިފައިވަނީ މައްސަލަތަކެވެ. ކެހިވެރި ނުބައި ރޭވުންތަކެވެ. އެހުރިހައި ކަމެއްގެ އުފެއްދުންތެރީންނަކީ ކޮންބައެއްތޯއެވެ؟ ޔަހޫދީންނެވެ. އެއްކައުވަންތަކަން ޤަބޫލުކުރާކަމުގެ ދަޢުވާވެރީންނެވެ. إبــــراهــيـــــم عــلــيـــه الـسّــلام އާއި مـــوســى عــلـيــــه الـسّــلام ގެ މައްޗަށް ފިދާވާ ޕަރުވާނާއިންކަމުގައި ދަޢުވާކުރާ މީހުންނެވެ. ތައުރާތުގެ ޙާމިލުންކަމުގައި ދަޢުވާކުރާ މީހުންނެވެ. ޢިލްމުވެރިކަމާއި ފިޤުހުވެރިކަމާއި ތަޤްވާވެރިކަމާއި ވަރަޢަވެރިކަމުގެ ފާރަވެރީންކަމުގައި ހެދިގެންއުޅޭ މީހުންނެވެ.

އިތުރު ސާހިބާ މަދީނާއަށް ވަޑައިގެންނެވިތާ ކުރީކޮޅުގައި ޔަހޫދީން ތިބީ ވަރަށް ފޮނި އުންމީދުތަކެއް މުސްލިމުންނާ ގުޅުވައިގެންނެވެ. އެބައިމީހުންނަށް ފެނުނުގޮތުގައި މަދީނާގައި އަލަށް ޤާއިމުވި ބާރަކީ އެބައިމީހުން ވެސް ފަދައިން ބަނޫ އިސްމާޢީލާ ދެކޮޅަށް ހަނގުރާމަކުރާ ބާރެކެވެ. ޔަހޫދީން އެ ނަބީބޭކަލުންތަކެއްގެ ނަންފުޅު ދުލުކުރީން ކިޔައިލައިއުޅޭ ނަބީބޭކަލުންނަށް އެބައިމީހުންނަށްވުރެވެސް މާބޮޑަށް އިޙްތިރާމްކުރާ ބައެކެވެ. މުސްލިމުންވެސް ޤިބުލައެއް ކަމުގައި ބަލަނީ އެބައިމީހުންވެސް އަޅުކަމުގެ މަރުކަޒެއް ކަމުގައި ބަލާ ބައިތުލްމަޤްދިސެވެ.

އެހެންކަމުން ޔަހޫދީން ޚިޔާލީފޮލާ ކައްކަމުން ގެންދިޔައީ محـمّــد صـلّـــــى اللّــــه عــلـيــــه وسـلّـــــم އާއި އެކަލޭގެފާނުގެ އެކުވެރީން މާގިނަދުވަހެއްނުވެ އެބައިމީހުންގެ ތައްގަނޑަށް ފައްތައިލެވިދާނެ ކަމުގައެވެ. ޢާންމުކޮށް ޔަހޫދީންނަށް މިފަދަ ވިސްނުމެއް އައީ އެބައިމީހުންނަކީ ޙައްޤާއި ބާޠިލުގެ ބިންގަލުގެ މަތީގައި ވިސްނާ ބަޔަކުކަމުގައި ނުވާތީއެވެ. އެބައިމީހުންގެ ކަށީގައި ހިފައިފައިހުންނަ ފަދައިން މުސްލިމުންނާ މެދުވެސް "ވިޔަފާރިވެރި" ވިސްނުމެއް ގެންގުޅުނީތީއެވެ. ޔަހޫދީން ވިސްނިގޮތުގައި ވަޒަނާއި ގޯތިގެދޮރު ދޫކޮށްލައްވައިފައި މަދީނާއަށް ވަޑައިގަންނަވަމުން ގެންދެވި މުހާޖިރުންނަކީ އެބައިމީހުންނަށް ނުހަނު ފަސޭހަކަމާއެކު އެބައިމީހުންގެ ކޮށިކޮށްޓަށް ވައްދައިލެވިދާނެ "ކަންބަޅި" ތަކެކެވެ. ނުހަނު ފަސޭހަކަމާއެކު ދަލުގައި ޖައްސައިލެވޭގޮތަށް ތިލަވަމުންއައި "މަސްތަކެކެވެ.___" ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم ނުހަނު ދުރަށް ވިސްނައިވަޑައިގެން މަދީނާގައި އިސްލާމީ ދައުލަތެއް ބިނާކުރައްވައި އެދައުލަތުގެ ފަހުބަސް ވިދާޅުވާ ޙާކިމަކަށް ވެވަޑައިގެންނެވުމަށްޓަކައި އެކުލަވައިލެއްވި މީޘާޤާއި ސިޔާސީ ތަންޒީމުގައި ޔަހޫދީން އެހައި ފަސޭހައިން ބައިވެރިވީ އެ ވިސްނުމުގައެވެ. ޔަހޫދީންގެ ސިޔާސީ ހޭލުންތެރިކަމުގެ ދަޢުވާތަކާއެކުވެސް އެބައިމީހުންގެ ގަބުކަމުގެ ސަބަބުން އެބައިމީހުން ހީކުރީ މަދީނާގައި ކުރިލަމުން ހެދެމުންދިޔަ ސިޔާސީ ބާރު އަބަދުވެސް އޮންނާނީ އެބައިމީހުންގެ މުށުތެރޭގައި ކަމުގައެވެ.

ނަމަވެސް ދާދިއަވަހަށް އެބައިމީހުންގެ ހުވަފެން ބިލާހަކަށް ވެއްޖެއެވެ. އިސްލާމްދީނުގެ މަލަސް މަދީނާގެ ބިމުގައި އިންދައިލެވުމާއެކު އެގަހުގެ ކުދި ނިރުތައް ފާޅުވަމުން ފަލަވެ އެގަހުގެ މައި ތަނޑުގެ މައްޗަށް ސީދާވެ ބަޑިބަޑިލައިފައި ހެދިގަތީ ޚާލިޞް އިސްލާމީ ގޮތުގައެވެ. އިސްލާމީ މުޖުތަމަޢު ޔަހޫދީންނަށް ކަށަވަރުކޮށްދިނީ އެ މުޖުތަމަޢަކީ ޔަހޫދީންނަށް ފަސޭހައިން ޝިކާރަކޮށްލެވޭނެ ބައެއް ނޫންކަމެވެ. މުސްލިމުންނަކީ ޚުދު ޝިކާރަވެރީން އެބައިމީހުންގެ އަތްމަތީގައި ޝިކާރަވެގެންދާފަދަ އުރަޕުހުރި ބައެއްކަމެވެ. ޔަހޫދީންގެ ލޯމަތީގައި މަޑުމަޑުން ފުޅާވަމުންދިޔައީ ފިސާރި އިންޤިލާބީ މިޒާޖެއްގެ ބާރުހުރި ދައުލަތެކެވެ. އެ ދައުލަތެއްގެ ދުސްތޫރީ މުޢާހަދާގައި ޚުދު އެބައިމީހުންވެސް ބައިވެރިވެފައިވާ ދައުލަތަކީ އެބައިމީހުންގެ އަތުގައި އޮތް ކުޅޭއެއްޗަކަށް ނުވާނެކަން ޔަހޫދީންނަށް އެނގޭން ފަށައިފިއެވެ. އިނގިލި ހަރައިލެވޭނެ ލޯވަޅެއް އެ މުޖުތަމަޢުން ނުފެންނާނެކަން ކަށަވަރުވެއްޖެއެވެ. މަދީނާގެ އާ ދައުލަތުން އެބައިމީހުން ހޯދާން މަސައްކަތްކުރި މަޤާމާ ބެހޭގޮތުން ދާދިއަވަހަށް އެބައިމީހުން މާޔޫސްވާން ޖެހިއްޖެއެވެ.

ޔަހޫދީންވަނީ މަދީނާގެ އައު ދައުލަތުގެ ތަފާތު އިދާރާތަކާއި ޙަރަކާތްތަކަށް ނުފޫޒު ފޯރުވައި އަތްދަށުލާން ހުއްޓުމެއްނެތި މަސައްކަތް ކޮށްފައެވެ. އެކަމަކު އެއިން ކޮންމެފަހަރަކުވެސް ޔަހޫދީންނަށް ޖެހުނީ އިސްކޮޅާ އެއްވަރުގެ ބޮޑު އަނގައެއް ހުޅުވައިގެން ތިބޭށެވެ. އެ ރިޔާސަތުގެ ޤާއިދާއި ފުރަދާނައިން އެއްކިބައިގައި އޮއްވައި ޢާންމު މެންބަރަކުވެސް އެބައިމީހުންގެ ބުޅީގައި އެޅުވޭގޮތެއް ނުވިއެވެ.

އަނެއްކޮޅުން ޔަހޫދީންގެ އަމިއްލަ މީހުންކުރެ އެތައްބަޔަކުވެސް އިންސާނިއްޔަތުގެ މުހުސިން ހުށަހަޅުއްވަމުން ގެންދެވި ތެދުވެރި ދަޢުވަތުގެ ކުރިމަތީގައި ބޯލަނބާލައި އެ ދަޢުވަތް ޤަބޫލުކުރާން ފަށައިފިއެވެ. "އެ ނުރައްކާތެރި" އިންޤިލާބީންނަކީ އާދައިގެ ސޮހޮލުންނެއް ނޫނެވެ. ޔަހޫދީންގެ އެންމެ މަތީފަންތީގެ ޢާލިމުންވެސް އޭގެތެރޭގައި ހިމެނިވަޑައިގެންނެވިއެވެ. އެހެންކަމުން ޔަހޫދީންގެ ލޯހުޅުވޭން ފަށައިފިއެވެ. ތިމާމެންގެ މުޤައްދަސްކަމުގެ ބާޒާރު މުޅީން ލޫޓުވައިލެވި ވީރާނާވާން ފަށައިފިކަން އިޙްސާސްކުރެވޭން ފަށައިފިއެވެ. އަމިއްލަ ކޮށީގެ ކަންބަޅިތައް އެކަތީގެ ފަހަތުން އަނެކަތި ނުކުންނަމުންދާކަން ޤަބޫލުކުރެވޭން ފަށައިފިއެވެ. އެއީ ޔަހޫދީންގެ ގާތުގައި ވަރަށް އަގުބޮޑު ވިޔަފާރިޔެކެވެ.

އޭރު ޔަހޫދީންނަށް ތިބެވުނީ މަދީނާގެ މީޘާޤުގެ ސަބަބުން އިސްލާމީ ރިޔާސަތުގެ ނިޒާމު ޤަބޫލުކުރާންވެސް ޖެހިފައެވެ. ދެވަނަޔަށް އެދައުލަތުގެ ދިފާޢީ ކަންކަމުގައި މުސްލިމުންގެ ޙަލީފުންކަމުގައިވެސް ވެވިފައެވެ. ތިންވަނަޔަށް އެ ބޭނުމެއްގައި ޔަހޫދީން އެހުރިހައި ކަމެއްކުރި މަޤްޞަދުގައިވެސް ވަނީ ނާކާމިޔާބުވެފައެވެ. ނަތީޖާއެއްގެގޮތުން އެބައިމީހުންގެ އެތެރެހަށީގައި އުފެދޭންފެށީ ހަސަދައިގެ އުދާސްގަނޑެވެ. އެބައިމީހުންގެ އެތެރެހަށީގެ ނުހިކޭ ފާރުތަކުން ފައިބާންފެށީ އޭގެ ފާދިޔައެވެ. ޚާއްޞަކޮށް މުސްލިމުންގެ ޤިބުލަ ބަދަލުކުރުމުން ޔަހޫދީންގެ ހަށިތަކުގެ ހުރިހައި ލޯވަޅުތަކަކުންވެސް ފާދިޔަ ނުކުންނާން ފަށައިފިއެވެ. ޔަހޫދީންގެ ޖަޒުބާތު އެންމެފުރަތަމަ ފާޅުވާންފެށީ ނުބައި ނުލަފާކަމުގެ މަގުންނެވެ. ދެން ފެތުނީ ހަލާކުކުރުމާއި ގެއްލުންދިނުމުގެ ނިރުބަވެރި ތައްގަނޑަށެވެ. ދެން ޚިޔާރުކުރީ ޣަދަރުވެރިކަމުގެ ސިފައެވެ. އަންނަނިވި ޞަފުޙާތަކުގައި އަލިއަޅުވައިލެވޭތޯ އަޅުގަނޑު މަސައްކަތްކުރާނީ ޔަހޫދީންގެ މިދެންނެވި ހަސަދަވެރި ޠަބީޢަތާއި ނީހައިގެ ސަބަބުން އެއުރެން ހިންގައިފައިވާ ދެކޮޅުވެރި ޙަރަކާތްތަކަށެވެ. އިންސާނިއްޔަތަށް އެންމެ ހެޔޮއެދިވަޑައިގަންނަވާ އެންމެ މާތް ސާހިބާއަށް އެކަމުގެ ސަބަބުން އުފުއްލަވާން ޖެހިވަޑައިގެންނެވި ތަކުލީފުތަކަށެވެ. އިސްލާމީ ދައުލަތުން ކުރާންޖެހުނު ބުރަމަސައްކަތްތަކަށެވެ.

މަދީނާގެ އައު އިސްލާމީ ދައުލަތުން ކުރިމަތިލާންޖެހުނު މަސްއޫލިއްޔަތުތައް ގިނަގުނައެވެ. އުފުލާންޖެހުނު ޒިންމާތައް ވަރަށް ބޮޑެވެ. އެހެންކަމުން އެ ދައުލަތުގެ ތެދުވެރި ކޮންމެ މުވާޠިނެއްގެ ޙަޔާތަކީވެސް ވަރަށް އަގުބޮޑު ރައުސުމާލެކެވެ. މުސްލިމުންގެ އައު ދައުލަތުގެ ތަރައްޤީގައި އެއިން ކޮންމެ މެންބަރެއްގެ ދައުރު ވަރަށް މުހިންމެވެ. އޭގެތެރެއިން އެންމެ ބޭކަލަކު މިދުނިޔެއާ ވަކިވެވަޑައިގެންނެވުމަކީވެސް ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم އަށާއި އެމާތް ސާހިބާގެ މިތުރު ޞަޙާބީންގެ ހިތްޕުޅުތަކަށް ބަރުދާސްތުކުރައްވާން ނުހަނު ދަތިފުޅު ބުރައެކެވެ.

أبــــو أمـــامـــة أسـعـد بـــــن زُرارة رضــى اللّــــه عــنـــه އަކީ ނައްޖާރުވަންހައިގެ ނަޤީބެވެ. އިސްލާމީ ދައުލަތަށްޓަކައި އިންތިހާދަރަޖައިގެ ބޮޑެތި ގިނަގުނަ ޚިދުމަތްތަކެއް އަދާކުރައްވަމުން ގެންދެވި ބޭކަލެކެވެ. އެކަލޭގެފާނު މަދަނީ ދައުރުގެ އެންމެ ކުރީކޮޅުގައި (ކައުސާހިބާ މަދީނާއަށް ގެމަށްވަޑައިގެންނެވިތާ އަހަރެއްހައި ދުވަހުގެ ތެރޭގައި) މާތް اللّــــه ގެ ރަޙްމަތަށް ގެންދަވައިފިއެވެ. އިސްލާމީ ތަޙްރީކުގެ އިސްސަފުންގެ އެ ވަކިވެވަޑައިގެންނެވީ ނުހަނު ބުޠޫލަތްތެރި ފަހުލަވާނެކެވެ. ލާމަސީލު ހެތްވެކެވެ. ވިސްނުންތެރި ޤާއިދެކެވެ. އެކަމަކީ އިސްލާމީ ދައުލަތުގެ ޤާއިދު އަޢުޡަމް

صـلّـــــى اللّــــه عــلـيــــه وسـلّـــــم އަށް ޝަޚްޞީގޮތުންވެސް ލިބިވަޑައިގެންނެވި ވަރަށްބޮޑު ހިތާމަފުޅެކެވެ. މޮޅިވެރިކަމެކެވެ. ނަމަވެސް އެ ހިތާމަވެރި ހިތްދަތި ވަގުތުގައި އިސްލާމްދީނުގެ ދުޝްމިނު ޔަހޫދީން އެކަންތައްވެސް ހަދައިލީ ނުހަނު ވިހަ ޕްރޮޕެގެންޑާގެ ވަސީލަތަކަށެވެ. މުސްލިމުންގެ ހިތާމަޔާއި ހިތްދަތިކަން އެތައްގުނައެއް އިތުރުކޮށްލިއެވެ. އެތައްގުނަޔަކަށް ފަށްފަށްކޮށްލިއެވެ. ޔަހޫދީންނާއި އެބައިމީހުންގެ ބައިވެރީންކަމުގައިވާ މުނާފިޤުން އަޑުއަރުވަމުން ގެންދިޔައެވެ. "ކޮބާ ކިހިނަކުން ހީވޭހެއްޔެވެ؟ محـمّــد ގެފާނަކީ (صـلّـــــى اللّــــه عــلـيــــه وسـلّـــــم) ތެދުވެރި ނަބީބޭކަލެއް ކަމުގައިވާނަމަ އެކަލޭގެފާނުގެ މިހާ ތެދުވެރި ބައިވެރިޔަކު މިފަދަ ވަގުތެއްގައި އަވަހާރަވީސްހެއްޔެވެ؟" أسعــد رضــى اللّـــه عـــنــــه އަވަހާރަވުމުން ޔަހޫދީންނާއި އެބައިމީހުންގެ އެކުވެރި މުނާފިޤުން އުފާފާޅުކޮށް "ގިތެލުން ބައްތި ދިއްލިއެވެ."

(ނުނިމޭ)