އަންނަ އަހަރުން ފެށިގެން ސަރުކާރުން ނަސްރުގެ ދުވަހަށް ހާއްސަ ސަމާލުކަމެއް ދޭނެ ކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ނަސްރުގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ދިވެހިންގެ ބަޔަކު ބައިވެރިވެގެން 1988 ވަނަ އަހަރުގެ ނޮވެމްބަރު ތިން ވަނަ ދުވަހު ބަޔަކު ހަތިޔާރާއެކު މާލެ އަރައި، ދިން އުދުވާނީ ހަމަލާގައި ލިބުނު ނަސްރު ފާހަގަ ކުރުމަށެވެ.
މިއަދު ފާހަގަ ކުރަނީ ދިވެހިރާއްޖޭގެ 36 ވަނަ ނަސްރުގެ ދުވަހެވެ.
ނަސްރުގެ ދުވަހުގެ މުނާސަބަތުގައި އިންތިހާބީ ރައީސް ޑރ. މުއިއްޒު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ނަަސްރުގެ ދުވަހުގެ ޒިކުރާ އާކޮށް އެ ދުވަހާ ބެހޭ މައުލޫމާތު ޒުވާނުންނަށް ފުރިހަމަ ގޮތުގައި ފޯރުކޮށްދިނުން މުހިންމު ކަމަށެވެ.
"ނަަސްރުގެ ދުވަހުގެ ޒިކުރާ އާކޮށް އެ ދުވަހާ ބެހޭ މައުލޫމާތު، ހާއްސަކޮށް ޒުވާނުންނަށް ފުރިހަމަ ގޮތުގައި ފޯރުކޮށްދިނުމުގެ މުހިއްމު ކަމަށްޓަކައި، 2024 އިން ފެށިގެން ނަސްރުގެ ދުވަހަށް ދޭންޖެހޭ ސަމާލުކަން ސަރުކާރުން ފުރިހަމަޔަށް ދޭނެ ވާހަކަ ދަންނަވަން،" މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު މިގޮތަށް ވިދާޅުވެފައިމިވަނީ، އެމްޑީޕީން 2018 ވަނަ އަހަރު ވެރިކަމާ ހަވާލުވިފަހުން ނަސްރުގެ ދުވަސް ކުލަގަދަކޮށް ފާހަގަކޮށްފައި ނުވާތީއެވެ. އެކަމާ ގުޅިގެން އާންމުންންގެ ގިނަ ބަޔަކާއި އިދިކޮޅު ފަރާތްތަކުގެ ފާޑު ކިޔުންވެސް ސަރުކާރަށް ވަނީ އަމާޒުވެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު