ވެރިކަން ބަދަލުކުރުމުގެ އިންތިގާލީ މަރުހަލާ ގާތްގަނޑަކަށް ނިމުމަކާ ގާތްވެފައިވާ އިރު، އަދިވެސް ރާއްޖޭގައި އިންޑިއާ ސިފައިން ތިބި ސީދާ އަދަދެއް އަދިވެސް އެނގިވަޑައިނުގަންނަވާ ކަމަށް އިންތިގާލީ ކޮމިޓީތަކުގެ ވެރިޔާ އަދި ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) މިއަދު ވިދާޅުވެއްޖެއެވެ.
ޕީޕީއެމް//ޕީއެންސީ ހިމެނޭ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން އައްޑޫ ސިޓީއަށް މިއަދު ފުރާވަޑައިގަތުމުގެ ކުރިން ނޫސްވެރިންނަށް ދެއްވި އިންޓަވިޔުއެއްގައި އެ ކޯލިޝަން ހިންގުމާވެސް ހަވާލުވެހުންނެވި، އަބްދުއްރަހީމް ވިދާޅުވީ، ރާއްޖޭގައި އިންޑިއާ ސިފައިން އެެބަތިބި ކަމަށާއި ސަރުކާރުންވެސް އެކަމަށް އެއްބަސްވެފައިވާ ކަމަށެވެ.
"އިންޑިއާ ސިފައިން ރާއްޖޭގައި އެބަތިބި. އެކަމަށް ސަރުކާރުންވެސް ވަނީ އެއްބަސްވެވަޑައިގެންފައި. ނަމަވެސް އަޅުގަނޑުމެންނަށް އަދި މިހާތަނަށް އައި އިރުގައި ސާފު އަދަދެއް އޮޅުން ފިލާފައެއް ނެތް." އަބްދުއްރަހީމް ވިދާޅުވިއެވެ.
އަބްދުއްރަހީމް ވިދާޅުވި ގޮތުގައި އިންޑިއާ ސިފައިން ރާއްޖޭގައި ތިބީ، އައްޑޫ ސިޓީ އާއި ހދ. ހަނިމާދޫގެ އިތުރުން ލ. ކައްދޫގައެވެ. ސަރުކާރުން ބުނެފައިވާ ގޮތުގައި ރާއްޖޭގައި އަސްކަރީ އެއްވެސް ކަމެއްގައި އިންޑިއާ ސިފައިންނެއް ނުތިބެއެވެ. އަދި ރާއްޖޭގައި ތިބޭ ބޭރުގެ ސިފައިންނަނީ، ހެލިކޮޕްޓަރާއި ޑޯނިއާ އޮޕަރޭޓް ކުރުމާއި ހިއުމެނިޓޭރިއަން މަސައްކަތުގައި ހަރަކާތްތެރިވާ ސިފައިން ކަމަށް ސަރުކާރުން ބުނެފައިވެއެވެ.
ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަކީ އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ރިޔާސީ ވައުދެކެވެ. ވެރިކަމަށް އިންތިހާބުވެވަޑައިގަތުމަށްފަހު އިންޑިއާގެ ސަފީރާއެކުގައި ބޭއްވެވި ބައްދަލުކުރެއްވުމުގައިވެސް މުއިއްޒު ވަނީ އެ ވާހަކަތައް ދައްކަވައިފައެވެ. އަދި އިންޑިއާގެ ސިފައިން ރާއްޖެއިން ފޮނުވާލުމަށް އެ ގައުމުގެ އެއްބާރުލުން ލިބޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށްވެސް ވިދާޅުވެފައިވެއެވެ.
ރިޔާސީ އިންތިހާބުގައި، މުއިއްޒު އެންމެ ބޮޑަށް ވިއްކި ވާހަކައަކީވެސް އިންޑިއާ ސިފައިން ރާއްޖޭގައި ތިބި ވާހަކައެވެ. ޕީޕީއެމް/ޕީއެންސީގެ ލީޑަރު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްވެސް ވަނީ މުއިއްޒަށް ވެރިކަން ލިބުމުގައި އިންޑިއާ ސިފައިން ފޮނުވާލުމަށް ވީ ވައުދު މުހިންމު ދައުރެއް އަދާކުރިކަން ފާހަގަކުރައްވައި އެ ގައުމުގެ ސިފައިން ރާއްޖެއިން ފޮނުވާލުމަށް މުހުލަތުތަކެއް ދީ، ވެރިކަމުގެ ބޮޑު ބައި ނުނިމެނީސް އެ ގައުމުގެ ސިފައިން ރާއްޖެއިން ފޮނުވާލަން ޖެހޭ ކަމަށް ވިދާޅުވެފައެވެ. އަދި އިންޑިއާ ސިފައިން ރާއްޖެއިން ފޮނުވާލައި، ޗާގޯސް މައްސަލައިގައި ރާއްޖެއަށް ގެއްލުނު ކަނޑުގެ ސަރަހައްދު އަލުން ހޯދައިދެއްވައިފިނަމަ ރައްޔިތުންގެ ފާސް މާކްސް މުއިއްޒަށް ލިބިވަޑައިގަންނަވާނެ ކަމަށް "އިންޑިއާ އައުޓް" ހަރަކާތް ފެއްޓެވި ޔާމީން ވިދާޅުވެފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު