ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ މިއަދުވެސް ސަލާމުގައި ހުންނެވުމުން، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަގާމުން ވަކިކުރުމުގެ މައްސަލަ އެޖެންޑާކޮށްފައިވާ މިއަދު ޖަލްސާ ވެސް ކެންސަލްކޮށްފިއެވެ.
މިއަދު ބާއްވަން ތާވަލުކުރި ޖަލްސާއަކީ އެމްޑީޕީގެ އެދުމުގެ މަތީން ބާއްވަން އުޅުނު ޖަލްސާއެކެވެ.
އެމްޑީޕީގެ 48 މެންބަރުންގެ ސޮޔާއެކު ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުން، ރައީސް ނަޝީދު ވަކިކުރުމަށް މަޖިލީހަށް ހުށަހެޅި އިތުބާރު ނެތްކަމުގެ މައްސަލައާ ގުޅިގެން، މަޖިލިސް ގަވާއިދުގައި ބުނާ 14 ދުވަހުގެ ނޯޓިސް ދިނުމަށްފަހު އެ މައްސަލަ ފުރަތަމަ އެޖެންޑާ ކުރީ މިދިޔަ އާދިއްތަ ދުވަހުގެ މަޖިލިސް ޖަލްސާއަށެވެ.
ނަމަވެސް މަޖިލީހުގެ ނާއިބު ރައީސް އީވާ އަބްދުﷲ އާލާސްކަންފުޅާ އުޅުއްވާތީ ސަލާން ފޮނުވާފައިވުމުގެ ސަބަބުން އެ ޖަލްސާ ބޭއްވޭ ގޮތެއް ނުވިއެވެ. އޭގެ ފަހުން އެ މައްސަލަ ހޯމަ ދުވަހާއި އިއްޔެއަށްވެސް އެޖެންޑާ ކުރިއެވެ. ނަމަވެސް އީވާ ސަލާމުގައި ހުންނެވުމުން އެ ދެ ޖަލްސާވެސް ކުރިއަކަށް ނުގެންދެވުނެވެ. އެކަމާ ގުޅިގެން އެމްޑީޕީގެ މެންބަރުން އިއްޔެ ވަނީ މަޖިލިސް ތެރޭގައި އިހުތިޖާޖުވެސް ކޮށްފައެވެ.
މަޖިލިސް ގަވާއިދުގެ 205 ވަނަ މާއްދާގައި ބުނަނީ، މަޖިލީހުގެ ރައީސް މަގާމުން ވަކި ކުރުމުގެ މައްސަލަ ހުށަހަޅާ ޖަލްސާގެ ރިޔާސަތު ބަލަހައްޓާނީ މަޖިލީހުގެ ނާއިބު ރައީސް ކަމަށެވެ. ނަމަވެސް މި މައްސަލައިގައި އެއްވެސް ކަމަކާ ގުޅިގެން އެއިން ބޭފުޅަކަށް ރިޔާސަތު ނުބެލެހެއްޓިއްޖެ ނަމަ ދެން ކަންތައް ކުރަންވާ ގޮތެއް އެ މާއްދާގައި ބުނެފައެއް ނުވެއެވެ.
ނަމަވެސް މަޖިލީހުގެ ރައީސާއި ނާއިބު ރައީސް މަޖިލީހުގެ ޖަލްސާގެ ރިޔާސަތު ބެލެއްޓުމަށް އުޒުރުވެރިވެއްޖެ ހާލަތެއްގައި، ގާނޫނުއަސާސީގެ ދަށުން އެކަމަށް ކަނޑައަޅާފައިވާ މަޖިލީހުގެ ފަސް މެންބަރުންގެ ތެރެއިން މެންބަރަކަށް ރިޔާސަތު ބެލެހެއްޓޭނެ ކަމަށް މަޖިލިސް ގަވައިދުގެ 44 ވަނަ މާއްދާގައި ބުނެފައިވެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ނުގެންދަނީ ގާނޫނުއަސާސީއާއި މަޖިލީހުގެ ގަވާއިދާ ހިލާފަށް ކަމަށް ބުނެ އެމްޑީޕީން ވަނީ ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅައިފައެވެ. އެ މައްސަލައިގައި އެމްޑީޕީން ދެ ކަމަކަށް އެދިފައިވެއެވެ.
އެއްކަމަކީ އިތުބާރު ނެތްކަމުގެ މައްސަލައިގެ ރިޔާސަތު ބެލެހެއްޓެވުމަށް މަޖިލީހުގެ ނައިބު ރައީސް ހާޒިރުނުވާ ހާލަތުގައި، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު 44 ވަނަ މާއްދާއަށް އަމަލުކުރުން، މަޖިލީހުގެ މައްޗަށާއި މަޖިލީހުގެ އިދާރާއަށް ލާޒިމުވާނެ ކަމަށް ކަނޑައަޅުވައިދެއްވުމެވެ.
ދެވަނަ ކަމަކީ ރައްޔިތުން މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމަށް މިހާރު ހުށަހަޅާފައިވާ ގަރާރާމެދު ގޮތެއް ނިންމެވުމަށްފަހު ނޫނީ މަޖިލީހުގެ އެހެން އެއްވެސް ޖަލްސާއެއް ކުރިއަށް ނުގެންދެވޭނެ ކަމަށް ކަނޑައަޅުވައި ދެއްވުމަށެވެ.
އެ މައްސަލަ އަންނަ ހޯމަ ދުވަހަށް ސުޕްރީމް ކޯޓުގައި ވަނީ އެޖެންޑާކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު