އެއްވެސް އިދާރާއެއްގެ އަސާސީ ހިދުމަތެއް ހުއްޓާލުމަށް އެ ކޮމިޝަނުން އަންގާފައިނުވާނެ ހުއްޓުވާފައިވަނީ ދައުލަތަށް އިޔާދަނުކުރެވޭ ވަރުގެ ގެއްލުމެއް ވެދާނެ ކަމަށް ބެލެވޭ ކަންކަން ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފިއެވެ.
އޭސީސީން މިރޭ ނެރުނު ބަޔާނެއްގައި ބުނީ، ބައެއް އިދާރާތަކުންނާއި ސަރުކާރު އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކުން ކުރިއަށްގެންދާ ބައެއް މަސައްކަތްތައް އެ ކޮމިޝަނުން ހުއްޓުވާފައިވާނީ އެ ކޮމިޝަނަށް ހުށަހެޅޭ މައްސަލަތަކުގެ ތަހުގީގަށް ކަމަށެވެ. އަދި އެފަދަ ކަންކަން ހުއްޓުވާފައިވާނީ އެކަންކަން ނުހުއްޓުވައިފި ނަމަ ދައުލަތަށާއި ރައްޔިތުންނަށް އިޔާދަނުކުރެވޭނެ ފަދަ ގެއްލުން ލިބިދާނެކަމުގެ އިހުމާލު އޮންނާނެތީ ކަމަށް ބުންޏެވެ.
އޭސީސީން ބުނީ، އެފަދަ އެންގުންތަކަކީ ވަގުތީގޮތުން އަންގާ އެންގުންތަކެއް ކަމަށާއި ކޮމިޝަނުން ބަލަން ޖެހޭ ކަންކަން ބަލައި ނިމުމުން ގެންނަން ޖެހޭ ބަދަލުތައް ގެންނާނެ ކަމަށެވެ.
"ވަކިކަމެއް ވަގުތީ ގޮތުން މަޑުޖައްސާލުމަށް އިދާރާތަކަށް އެންގިނަމަވެސް އެފަދަ އިދާރާތަކުން އާންމު ރައްޔިތުންނަށްދެމުންގެންދާ އަސާސީ ހިދުމަތެއް ނުވަތަ އެތަނެއްގެ އިދާރީ ހިންގުންފަދަ އެއްވެސް ކަމެއް ހުއްޓުވާލުމަށް މި ކޮމިޝަނުން އަންގާފައެއް ނުވާނެއެވެ،" އޭސީސީން ބުންޏެވެ.
އޭސީސީން އިތުރަށް ބުނީ، އެ ކޮމިޝަނުން މަޑުޖައްސާލަން އަންގާ މައްސަލަތަކުގެ ތަހުގީގު ވީހާވެސް އަވަހަށް ނިންމުމަށް ކޮމިޝަނުން ހާއްސަ ސަމާލުމެއް ދޭނެ ކަމަށެވެ.
އޭސީސީން ވަނީ ފުލުހުންގެ ޕޮލްކޯ ފްލެޓްތަކުގެ ކޮމާޝަން ޔުނިޓުތައް ދޫކުރުން މަޑުޖައްސާލަން މި ފަހުން އަންގައިފައެވެ. އަދި ހުޅުމާލޭން ބިން ވިއްކުން ހުއްޓާލަންވެސް ވަނީ އަންގައިފައެވެ.
ޚަބަރު
ޚަބަރު