ފަލަސްތީނުގެ 1،000 މީހުންނަށް ގދ. ވާދޫން ބިން ދޫކުރުމާ ބެހޭ ގޮތުން މަޝްވަރާ ކުރަން ނިންމާފައިވާ ކަމަށް އެ ރަށު ކައުންސިލުން ބުނެފިއެވެ.

ފަލަސްތީނުގެ ރައްޔިތުންނަށް ބިން ދޫކުރުމާ ގުޅޭ ގޮތުން ގޮތެއް ނިންމެވުމަށް ކައުންސިލަށް ހުށަހެޅުއްވީ ކައުންސިލްގެ ރައީސް ހަސަން އަބްދުﷲ އެވެ. އެ މަޝްވަރާ ކުރުން ވަނީ މާދަމާއަށް އެޖެންޑާކޮށްފައެވެ.

ހަސަން "ވަން" އަށް މިއަދު ވިދާޅުވީ 196 ހެކްޓަރުގެ ވާދޫގެ މުޅި އާބާދީއަކީ 1،505 ކަމަށާއި ރަށުގެ ލޭންޑް ޔޫޒް ޕްލޭންގައިވާ ގޮތުން ރަށުގެ މުޅި އާބާދީއަށް ބޯހިޔާވަހިކަން ދިނުމަށްފަހުވެސް އިތުރަށް ބިން ދޭނެ ޖާގަ އެބަ އޮތް ކަމަށެވެ.

"އަޅުގަނޑުމެން ނިންމީ ފަލަސްތީނުގެ 1،000 މީހުންނަށް ކުދިބޮޑު އެންމެންނަށް މި ރަށުން ބިން ދިނުމަށް. އަޅުގަނޑުމެން އިންޓަނޭޝަނަލް ހިއުމަން ރައިޓްސް އޯގަނިޒޭޝަނަކާއެކު މިކަމާ ގުޅިގެން މަސައްކަތް ކުރާނަން. އަދި ދިވެހި ސަރުކާރާވެސް މަޝްވަރާ ކުރާނަން" ހަސަން ވިދާޅުވިއެވެ.

ހަސަން ވިދާޅުވި ގޮތުގައި، އޭނާގެ ހުށަހެޅުމުގެ ބޭނުމަކީ ފަލަސްތީނު ރައްޔިތުން، އެ މީހުންގެ ވަޒަން ދޫކޮށް އެހެން ތަނަކަށް ބަދަލުވާން ބޭނުންވާ ނަމަ، ވާދޫއަށް ހިޖުރަކުރެވެން އޮތްކަން އެ ގައުމުގެ ރައްޔިތުންނަށް އަންގައިދިނުން ކަމަށެވެ. އަދި ކައުންސިލާއި ވާދޫގެ ރައްޔިތުންވެސް ބޭނުންވަނީ ފަލަސްތީން ރައްޔިތުން އެ ރަށަށް ހިޖުރަކުރަން ބޭނުންވާ ނަމަ، އެ ފުރުސަތު ދޭން ކަމަށް ވިދާޅުވިއެވެ.

"ދެން އަޅުގަނޑުމެން ރައްޔިތުންނާ މަޝްވަރާ ކުރީ އިޒްރޭލު މީހުންނަށް ރަށުގެ ސާފިން ޕޮއިންޓް ބޭނުން ނުކުރެވޭ ގޮތް ހެދުމަށް. ދެން ވާދޫއަށް އިޒްރޭލު މީހުންނަށް ނާދެވޭ ގޮތް ހެދުމަށް،" ހަސަން ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވި ގޮތުގައި، ވާދޫއަށް ބަދަލުވާ ފަލަސްތީން ރައްޔިތުން އާމްދަނީ ހޯދުމުގެ މަސައްކަތެއް ކުރުމުގެ ގޮތުން އެ ރަށުން ދަނޑު ބިންތައް ދިނުމަށްވެސް މަޝްވަރާ ކުރަމުންދާ ކަމަށެވެ.