އަންނަ އަހަރުގެ މަޖިލިސް އިންތިހާބު ބާއްވަން 61 މިލިއަން ރުފިޔާގެ ބަޖެޓެއް އިލެކްޝަންސް ކޮމިޝަން (އީސީ)އަށް ކަނޑައަޅައިފިއެވެ.
ފިނޭންސް މިނިސްޓްރީން ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވާ އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގައިވާ ގޮތުން އީސީއަށް ވަނީ 62.5 މިލިއަން ރުފިޔާގެ ބަޖެޓެއް ކަނޑައަޅައިފައެވެ. އޭގެތެރެއިން 61 މިލިއަން ރުފިޔާ މަޖިލިސް އިންތިހާބަށް ހާއްސަކުރި އިރު 1.5 މިލިއަން ރުފިޔާ ހާއްސަކުރީ ކައުންސިލްތަކުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ބައި-އިލެކްޝަންސްތައް ބޭއްވުމަށެވެ.
އީސީން މީގެ ކުރިން ބުނެފައިވަނީ މަޖިލިސް އިންތިހާބު ބާއްވަން ނިންމާފައިވަނީ އަންނަ އަހަރުގެ މާޗުމަހުގެ ތެރޭގައި ކަމަށެވެ.
މަޖިލީހުގެ އިންތިހާބީ ދާއިރާތައް ކަނޑައަޅާފައިވާ ގޮތުގެ ވަގުތީ ރިޕޯޓުގައިވާ ގޮތުން މަޖިލީހަށް އަންނަ އަހަރު ހަ ދާއިރާއެއް އިތުރުވާނެއެވެ. އެހެންކަމުން މަޖިލީހަށް 2024 ވަނަ އަހަރު 93 ދާއިރާއަކަށް މެންބަރުން އިންތިހާބު ކުރަންޖެހޭނެއެވެ.
- ހުޅުމާލެ މެދު ދާއިރާ
- ހުޅުމާލެ އުތުރު ދާއިރާ
- ހިތާދޫ ދާއިރާ (ހިތާދޫ، މާޅޮސް، ދަރަވަންދޫ)
- ހުރާ ދާއިރާ (ހުރާ، ހިންމަފުށި، ގުޅީ)
- ކޮލަމާފުށި ދާއިރާ (ކޮލަމާފުށި، ދެއްވަދޫ)
- ފޭދޫ އުތުރު ދާއިރާ (ފޭދޫ، މަރަދޫފޭދޫ)
އެ ބަދަލާއެކު އޭދަފުށި، ވިލިނގިލި އަދި މީދޫ ދާއިރާގައި އޮންނާނީ އެ ދާއިރާއަށް ނިސްބަތްވާ ރަށް އެކަންޏެވެ. އަދި އިންތިހާބީ ބައެއް ދާއިރާތަކުގެ ނަމަށްވެސް ވަނީ ބަދަލު ގެނެސްފައެވެ.
އެގޮތުން ހުޅުމާލެ ދާއިރާގެ ނަން، ހުޅުމާލެ ދެކުނުދާއިރާ، ގުރައިދޫ ދާއިރާގެ ނަން މާފުށި ދާއިރާ، ތ. ގުރައިދޫ ދާއިރާގެ ނަން ގުރައިދޫ ދާއިރާ އަދި ފޭދޫ ދާއިރާގެ ނަން ފޭދޫ ދެކުނު ދާއިރާގެ ނަމަށް ވަނީ ބަދަލުކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު