ބީހައިވް ހޮޓެލްސް ޕްރައިވެޓް ލިމިޓެޑަށް 32،426 އެމެރިކާ ޑޮލަރު ދައްކަން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އަށް ސިވިލް ކޯޓުން ހުކުމް ކޮށްފިއެވެ.

މި މައްސަލައަކީ އެފްއޭއެމްގެ އެދުމުގެ މަތިން ބީހައިވްއިން އެ އެސޯސިއޭޝަނަށް ފޯރުކޮށްދީފައިވާ ފައިސާ އަނބުރާ ދެއްކުމުގެ ގޮތުން އެފްއޭއެމްގެ ނަމުގައި ބޭންކު އޮފް ސިލޯނުގައި ހުޅުވާފައިވާ އެކައުންޓުން ބީހައިވް އަށް ދޫކޮށްފައިވާ ޗެކް އެކައުންޓްގައި ފައިސާ ނެތުމުގެ ސަބަބުން އަނބުރާ ރައްދު ކޮށްފައިވާތީ، ބީހައިވް އަށް ދައްކައި ހަލާސްކުރަންޖެހޭ 32،426 އެމްރިކާ ޑޮލަރާއި، އެފައިސާ ދައްކަން ޖެހޭ މުއްދަތުގައި ދައްކާފައި ނުވާތީ ބީހައިވް އަށް ލިބެމުންދާ ގެއްލުމުގެ ފައިސާ އެކީ އެއްފަހަރާ ހޯދުމަށް އެދި ބީހައިވް އިން އެފްއޭއެމްގެ މައްޗަށް ކޮށްފައިވާ ދައުވާއެކެވެ.

މި ދައުވާގައި 32،426 އެމެރިކާ ޑޮލަރު ދޭންޖެހޭ ކަމަށް ބުނާ ބަޔަށް އެފްއޭއެމުން އެއްބަސްވި ނަމަވެސް ގެއްލުމުގެ ބަދަލުގެ ގޮތުގައި ހޯދަން ހުށަހަޅާފައިވާ ދެ ޕަސެންޓަށް އެފްއޭއެމުން އެއްބަސްވެފައެއް ނުވެއެވެ.

އެފްއޭއެމުން ބުނެފައި ވަނީ، ފަހުން ދައްކާގޮތަށް ބީހައިވް އަށް ފައިސާ ދޫކޮށްފައިވީ ނަމަވެސް އެ ފައިސާ ނުދެއްކޭ ހާލަތުގައި ގެއްލުމުގެ ބަދަލު ދިނުމަށް އެއްބަސްވުމުގައި ނޯންނާނެ ކަމަށެވެ.

ދައުވާއަށް ޖަވާބުދާރީވަމުން އެފްއޭއެމުން ބުނެފައި ވަނީ އެ ފައިސާ ދެއްކިފައި ނުވަނީ، އެސޯސިއޭޝަން މާލީގޮތުން ދަށް ވުމުގެ ސަބަބުންނާއި ބައިނަލް އަގުވާމީ ޖަމިއްޔާތަކުން ލިބެން ޖެހޭ ފައިސާ އެ ދުވަހާ އަހަމައަށް ލިބިފައި ނުވާތީ ކަމަށެވެ. އެހެންކަމުން ދައުވާގައި ހޯދުމަށް އެދިފައިވާ ފައިސާ އަކީ އެފްއޭއެމަށް މިހާރު ދިމާވެފައިވާ ހާލަތުން އެކީ އެއްފަހަރާ ދެއްކޭނެ ފައިސާއެއް ނޫން ކަމަށްވާތީ، އެ ދަރަނި އެއް އަހަރު ދުވަހަށް ބަހާލައިގެން ދެއްކުމަށް އަމުރުކޮށްދިނުމަށްވެސް އެފްއޭމުން އެދުނެވެ.

އެފްއޭއެމުން އެދުނު އެ ކަންތައްތަކަށް ބީހައިވްގެ ފަރާތުން ދެކޮޅު ހަދާފައި ނުވާތީ، ގެއްލުމުގެ ބަދަލުގެ ގޮތުގައި ހިމަނާފައިވާ ދެ ޕަސެންޓަކީ މައާފު ކޮށްފައިވާ އަދަދެއްކަމަށް ނިންމައި، ބީހައިވް ހޮޓެލްސް ޕްރައިވެޓް ލިމިޓެޑަށް އެފްއޭއެމުން ދައްކަން ޖެހޭ 32،426 ޑޮލަރު އެފަރާތަށް ލިބިދިނުމުގެ ގޮތުން އިއްޔެއިން ފެށިގެން އެއް އަހަރު ދުވަހުގެތެރޭގައި ކޮންމެ މަހަކުވެސް އެމަހެއްގެ 10 ގެ ކުރިން އެ މަހަކަށް ޖެހޭ އަދަދަށްވުރެ މަދުނޫން އަދަދެއްގެ ފައިސާ ބީހައިވް އަށް ދައްކައި ދަރަނި ހަލާސްކުރުމަށް ކޯޓުން ވަނީ ހުކުމް ކޮށްފައެވެ.