އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ގެދޮރުވެރިކަމުގެ ސިޔާސަތުގެ ދަށުން އަލަށް ތަރައްގީކުރަން ނިންމާފައިވާ ކ. ފުށިދިއްގަރުފަޅު ހިއްކުމަށް އަންނަ އަހަރުގެ ބަޖެޓުގައި 400 މިލިއަން ރުފިޔާ ހިމަނައިފިއެވެ.

ފިނޭންސް މިނިސްޓްރީން، ރައްޔިތުންގެ މަޖިލީހަށް އިއްޔެ ފޮނުވި އަންނަ އަހަރަށް ލަފާކުރާ ބެޖެޓުގައިވާ ގޮތުން ފުށިދިއްގަރުފަޅު މަޝްރޫއަށް ކުރިއަށް ތިން އަހަރު ޖުމުލަ 1.4 ބިލިއަން ރުފިޔާ ސީދާ ބަޖެޓުން ހަރަދު ކުރާނެއެވެ. އެގޮތުން 2024 ވަނަ އަހަރު 400 މިލިއަން ރުފިޔާ، 2025 ވަނަ އަހަރު 600 މިލިއަން ރުފިޔާ އަދި 2026 ވަނަ އަހަރު 350 މިލިއަން ރުފިޔާ ހަރަދުކުރަން ވަނީ ހިމަނައިފައެވެ.

ފުށިދިއްގަރުފަޅު ހިއްކައި އެތަން ރަށެއްގެ ގޮތުގައި އާބާދުކުރުމަކީ މުއިއްޒު އެންމެ ބޮޑު އެއް ވައުދެވެ. އެ މަޝްރޫއުގެ ތަފުސީލު ދެމުން މުއިއްޒު ވިދާޅުވެފައިވަނީ ވެރިކަމުގެ ފުރަތަމަ ދެތިން މަސް ދުވަހުގެ ތެރޭގައި ފުށި ދިއްގަރުފަޅު ހިއްކަން ފަށައި އަހަރެއްގެ ތެރޭގައި އެ ފަޅު ހިއްކައި ނިންމާލެވޭނެ ކަމަށެވެ.

މުއިއްޒު ވިދާޅުވެފައިވަނީ ފުށިދިއްގަރުފަޅު ހިއްކާނީ ސޭފް އައިލެންޑެއްގައި ހުންނަން ޖެހޭ ހުރިހާ ސިފަތަކާއެކުގައި ކަމަށެވެ. އެގޮތުން މަދުވެގެން ތިން މީޓަރު އުހަށް ހިއްކައި ރިވެޓްމަންޓް ޖަހައި މޫސުމީ ބަދަލުތައް ކުޑަވާނެ ގޮތަށް އެ ފަޅު ހިއްކާނެ ކަމަށް ވިދާޅުވެފައިވެއެވެ.

"ޑްރަޖަރު ގެނެސް އަމަލީ ބިން ހިއްކުން އިރާދަކުރެއްވިއްޔާ ފުރަތަމަ ދެތިން މަސް ތެރޭގައި އަމަލީ ގޮތުން ފަށާނަން. އިރާދަކުރެއްވިއްޔާ އެއަށްވުރެވެސް އަވަހަށް ހަމަ ފުރަތަމަ މަހުގައިވެސް ފެށޭތޯ ބަލާނަން. އެ ފެށޭ ގޮތަށް ގެންގޮސްފައި އެ 1،280 ހެކްޓަރުގެ ބިން އެއްކޮށް ހިއްކާފައި ނޫނީ އަޅުގަނޑުމެން ހުއްޓައެއް ނުލާނަން. 1،280 ހެކްޓަަރަކީ ހުޅުމާލޭގެ ދެ ފިޔަވަހި އެއްކޮށްލީމާ ވާ ވަރުގެ ގާތްގަނޑަކަށް ތިން ގުނަ ބޮޑު. އެހެންވީމާ މިހާ ބޮޑު ސަރަހައްދެއް ފުރަތަމަ އަހަރުގެ ތެރޭގައި ފުށި ދިއްގަރުފަޅުން ހިކޭނެ،" މުއިއްޒު ވިދާޅުވެފައިވެއެވެ.

މުއިއްޒުގެ ރިޔާސީ ވައުދުފުޅަކީ މި ސަރުކާރުން ވެސް ހިއްކަން ފަށާފައިވާ ގިރާވަރުފަޅާއި ގުޅީފަޅުގެ އިތުރަށް، މާލެ އަތޮޅުގެ ދެކުނުގައިވާ ފުށިދިއްގަރު ފަޅު ހިއްކައިގެން 66،000 ގޯތި ދޫކުރުމެވެ. ފުށިދިއްގަރުން ދޫކުރުމަށް ހަމަޖެހިފައިވަނީ 11،970 ގޯއްޗާއި 26،500 ހައުސިން ޔުނިޓެވެ. އެއީ ތިން ކޮޓަރިއާއި ހަތަރު ކޮޓަރީގެ ހައުސިން ޔުނިޓުތަކެވެ.