އެމްޑީޕީގެ 49 މެންބަރުން ސޮއިކުރައްވައި މަޖިލީހަށް ހުށަހަޅުއްވާފައިވާ، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލައަށް ގޮތެއް ނުނިންމައި، ދައުލަތުގެ ބަޖެޓުގެ މަސައްކަތްތައްވެސް އަދި އެހެން މަސައްކަތެއްވެސް މަޖިލީހުގައި ކުރިއަށް ނުގެންދެވޭނެ ކަމަށް އެޓާނީ ޖެނެރަލް (އޭޖީ) އިބްރާހިމް ރިފްއަތު ވިދާޅުވެއްޖެއެވެ.
އޭޖީ މިހެން ވިދާޅުވެފައި ވަނީ، 2024 ވަނަ އަހަށް ހުށަހަޅާ ބަޖެޓާއި ސަޕްލިމެންޓްރީ ބަޖެޓް ހުށަހަޅަން މިއަދު ބާއްވަން އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ބަޖެޓް ހުށަހެޅުއްވުމަށް ވަޑައިގަތުން ރަނގަޅު ނޫންކަން ފާހަގަކުރައްވައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރަށް ދެއްވި ގާނޫނީ ލަފާގައެވެ.
އެ ލަފާގައި އޭޖީ ވިދާޅުވެފައި ވަނީ އިތުބާރު ނެތްކަމުގެ މައްސަލައިގެ 14 ދުވަހުގެ ނޯޓިސް ދިނުމަށްފަހު، އެންމެ އަވަހަށް އަންނަ ރަސްމީ ބަންދު ނޫން ދުވަހަކު މަޖިލިސް ޖަލްސާއަށް، އިތުބާރު ނެތްކަމުގެ ގަރާރު ހުށަހަޅަންވާނެ ކަމަށް މަޖިލިސް ގަވާއިދުގައި ބަޔާންކޮށްފައިވާ ކަމަށެވެ. އެއަށްފަހު އެ ވަގުތު މަޖިލީހަށް ހުށަހެޅިފައިވާ އެއްވެސް ކަމަކާމެދު ބަހުސް ކުރެވޭނީ ނުވަތަ ގޮތެއް ނިންމަންވާނީ، މަޖިލިސް ރައީސް މަގާމުން ވަކިކުރުމުގެ ގަރާރާމެދު ގޮތެއް ނިންނުމަށްފަހު ކަމަށް ގަވާއިދު ބުނާ ކަމަށްވެސް ވިދާޅުވެފައިވެއެވެ.
އިތުބާރު ނެތްކަމުގެ މައްސަލައިގެ 14 ދުވަހަށްފަހު އެ މައްސަލަ މަޖިލިސް ޖަލްސާއަށް އެޖެންޑާ ކުރުމަކީ ލާޒިމު ކަމަކަށްވާއިރު، އެ ނޯޓިސްގެ މުއްދަތު ހަމަވުމަށްފަހު، މަޖިލީހުގެ ގަވާއިދުގައިވާ ގޮތަށް މަޖިލިސް ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަނާޅައި އެހެން އެއްވެސް ކަމަކާ ބަހުސް ކުރުމަށް ނުވަތަ ގޮތެއް ނިންމުމަށް މަޖިލިސް ގަވާއިދު ތަންދޭ ކަމަށް ނުފެންނަ ކަމަށްވެސް އޭޖީގެ ލަފާގައިވެއެވެ.
އޭޖީ ވިދާޅުވީ، އެގޮތަށް އެކަންތައް ކުރަން މަސައްކަތް ކުރުމަކީ މަޖިލީހުގެ ގަވާއިދު ނަހަމަގޮތުގައި ބޭނުންކުރުން ކަމަށްވާތީ، މިއަދުގެ ޖަލްސާއަށް ބަޖެޓް ހުށަހެޅުން އެޖެންޑާ ކުރެވޭނެ ކަމަށް ނުފެންނަ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު