ނ. މަނަދޫގައި، އަނިޔާވެރި ގޮތަކަށް އެ ރަށު އަންނާރުމާގޭ، ނައީމާ މޫސާ މަރާލި މައްސަލައިގެ ތަހުގީގުގެ ބައެއް ރިޕޯޓުތައް ތައްޔާރު ކުރެވިފައިނުވާތީ އެ މައްސަލައިގެ ތުހުމަތުވާ މީހުންނަށް އަދިވެސް ދައުވާކުރަން ނުފޮނުވާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން "ވަން" އަށް މިއަދު ބުނީ ނައީމާގެ މަރުގެ މައްސަލައިގެ ރިޕޯޓުތައް ތައްޔާރުކޮށް ނިމުމުން، ތުހުމަތުވާ މީހުންނަށް ދައުވާކުރަން ފޮނުވާނެ ކަމަށެވެ. ނަމަވެސް އެއީ ކޮން ރިޕޯޓުތަކެއްކަން ފުލުހުން ނުބުނެއެވެ.
"މައްސަލައާ ގުޅޭ އިތުރު ރިޕޯޓުތަކެއް ދަނީ ތައްޔާރުކުރެވުމުން. އެ ރިޕޯޓުތައް ނިމުމުން އެ މައްސަލަގައި ދައުވާ ކޮށްދިނުމަށް ޕީޖީއަށް ފޮނުވާނެ" ފުލުހުން ބުންޏެވެ.
ނައީމާގެ މަރުގެ މައްސަލައިގައި އެ ރަށުގެ ތިން މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އެއީ، އަހުޒަމް އަބްދުއްޝުކޫރު (23އ) އާއި ރިފާޝް އަބޫބަކުރު (21އ) ގެ އިތުރުން ހަސަން ފަވާޒު (21އ)އެވެ. އެ އެންމެންވެސް ވަނީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައެވެ.
އަމިއްލަ ގޭގައި އެކަނި ދިރިއުޅެމުންދިޔަ ނައިމާ މަރާލާފައި އޮއްވައި ފެނުނީ މިދިޔަ އޭޕްރީލް މަހުގެ ހަތްވަނަ ދުވަހު، އޭނާގެ ހަބަރެއް ނުވެގެން އޭނާ ދިރިއުޅޭ ގެއަށް ގޮސް، އެގޭ ކޮޓަރި ދޮރު ވައްޓާލައި، ކޮޓަރިއަށް ވަން އިރު ކޮޓަރި ތެރޭ ބިންމަތީގައި އޮއްވައެވެ. އޭނާގެ ހަށިގަނޑުން ގިނަ އަދި ފުން ޒަހަމްތަކެއް ހުރިކަން ވަނީ އެނގިފައެވެ.
ރައީސް އޮފީހުގައި މިމަހުގެ 25 ވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) ހުސެއިން ޝަމީމު ވިދާޅުވެފައިވަނީ ނައީމާގެ މަރުގެ މައްސަލައިގައި ތުހުމަތުކުރެވޭ މީހުންނަށް ދައުވާކުރެވޭ ވަރަށް ހެކި ލިބިފައިވާ ކަމަށެވެ. އަދި ތަހުގީގު ފުރިހަމަ ނުވަނީ ޑީއެންއޭ ރިޕޯޓްތައް އަދި ނުލިބޭތީ ކަމަށެވެ.
ނައީމާގެ މަރުގެ މައްސަލަ ތަހުގީގު ކުރަމުންދާތާ މިހާރު ހަ މަސް ދުވަސްވެފައިވާ އިރު، ޕީޖީ އޮފީހުން ގެންދަނީ ތަހުގީގުގެ މުއްދަތު ފުލުހުންނަށް ކޮންމެ 15 ދުވަހަކުން އިތުރުކުރަމުންނެވެ.
"ވަން" އެނގިފައިވާ ގޮތުގައި ނައީމާ މަރާލުމަށް އެ ގެއަށް ވަދެފައިވަނީ އަހުޒަމްއެވެ. ފާރައަށް ރިފާޝް ހުރި އިރު، އެ ދެ މީހުން އަރުވައިގެން ނައީމާ ގެއަށް ގެންގޮސްދިން ކާރު ދުއްވަން އިނީ ފަވާޒްކަންވެސް އެނގިފައިވެއެވެ.
އެނގިފައިވާ ގޮތުގައި ނައީމާއަށް ހަމަލާދިނުމަށް އަހުޒަމް އެ ގެއަށް ވަނީ ހެޒްމެޓް ސޫޓެއް ލައިގެންނެވެ. އޭނާ ވަނީ ނައީމާ ގަޔަށް ވަޅި ހެރީ އޭނާ ކަމަށް އިއުތިރާފުވެފައެވެ.
ފުލުހުން ވަނީ އަހުޒަމް ކުށަށް އިއުތިރާފުވެ، ކިޔައިން ދިން މައުލޫމާތުގެ އަލީގައި ނައީމާއަށް ހަމަލާދިނުމަށް ބޭނުންކުރި ކަމަށް ބެލެވޭ ދެ ވަޅި އާއި އެ މީހުން ލައިގެން ތިބި އަންނައުނު އަންދާލުމަށްފަހު ވަޅުގަނޑަކަށް ލާފައި ހުއްޓައި ހޯދައިފައެވެ. މީގެ އިތުރުން އެ މީހުން ދުއްވި ކާރުވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައެވެ.
ނައީމާގެ މަރުގެ މައްސަލައިގައި މޯޓިވްއާ ގުޅޭ ގޮތުން ފުލުހުން އަދި މައުލޫމާތެއް ހާމައެއް ނުކުރެއެވެ. ނަމަވެސް މަނަދޫން "ވަން" އަށް މައުލޫމާތު ދިން މީހުން ބުނެފައިވަނީ އެ މަރަކީ ސިހުރާ ގުޅުން ހުރި ކަމެއް ކަމަށް ބެލެވޭ ކަމަށެވެ. ނައިމާއަކީ ސިހުރު ހަދާ މީހެއް ކަމަށް އޭނާގެ އާއިލާއިންވެސް ތުހުމަތުކުރާ ކަމަށެވެ. ނައީމާއަކީ އެހާ ތަނަވަސް މީހަކަށް ނުވާތީ ފައިސާގެ ބޭނުމުގައި މަރާލާނެ ކަމަށް ނުބެލެވޭ ކަމަށްވެސް އެ ރަށުން ވާހަކަ ދެއްކި މީހުން ބުނެފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު