އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު، ރައީސުލްޖުމްހޫރިއްޔާގެ ހުވާ ކުރައްވާ ޖަލްސާއަށް އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުން ހުރަސް ނާޅާނެ ކަަމަށް ޕީޖީ ލީޑަރު، މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލައާ މެދު ގޮތެއް ނުނިމެނީސް، ނަޝީދު ރިޔާސަތުގައި ހުންނަވައިގެން މުއިއްޒު ކުރައްވާ ހުވަޔަކީ ގާނޫނީގޮތުން ސައްހަ ހުވައެއް ކަމަށް ދެކިވަޑައިނުގަންނަވާ ކަމަށް އެމްޑީޕީގެ ޕީޖީން ވަނީ މީގެ ކުރިން ބުނެފައެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި އެމްޑީޕީގެ ޕީޖީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އަސްލަމް މިއަދު ވިދާޅުވީ، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅުމަށްފަހު، އިންތިހާބީ ރައީސްގެ ހުވައާ ބެހޭ ގޮތުން، ރައީސް އިބްރާހީމް މުހައްމަދު ސޯލިހާ މަޝްވަރާ ކުރެއްވި ކަމަށެވެ.
"(ރައީސް ސޯލިހު) ވިދާޅީ ވަރަށް ދެރަ ކަމެކޭ، އެހެން އެއްގޮތަކަށް ވެސް އެކަން ކުރާކަށް ފެނިވަޑައެއް ނުގަންނަވައޭ. ދެން އަޅުގަނޑު އެ ވާހަކަ ޕާލިމެންޓްރީ ގްރޫޕުގެ މެންބަރުންނަށް ވެސް ދެންނެވިން. މި ދެންނެވި ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށް އުނދަގޫވާ ގޮތަށް، އެފަދަ ޖަލްސާއެއްގަ ވިޔަސް އައުމަކީ ގަބޫލުފުޅު ކުރައްވާ ކަމެއް ނޫން ކަމަށް" އަސްލަމް ވިދާޅުވިއެވެ.
އަސްލަމް ވިދާޅުވީ، ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލައާ މެދު ގޮތެއް ނުނިންމައި، މުއިއްޒު ހުވާ ކުރެއްވުމަށް ޖަލްސާއެއް ބާއްވައިފިނަމަ، އެއީ ގަވާއިދާ ހިލާފު ޖަލްސާއަކަށް ވާނެ ކަމަށެވެ. ނަމަވެސް މަޖިލީހުގެ ޖަލްސާތައް ހުއްޓުވާ ގޮތަށް، ހުވާކުރައްވާ ޖަލްސާ ނުހުއްޓުވާނެ ކަމަށް އަސްލަމް ވިދާޅުވިއެވެ.
"އެހެން ނަމަވެސް، އަޅުގަނޑުމެންގެ ޕާލިމެންޓްރީ ގްރޫޕުގެ ރޫހެއް ނެތް އެފަދަ ޖަލްސާއަކަށް ހުރަސް އަޅާކަށް" އަސްލަމް ވިދާޅުވިއެވެ.
އެމްޑީޕީގެ ޕީޖީން ވެސް ބޭނުންވަނީ ނަޝީދުގެ މައްސަލަ އަވަހަށް ނިމި، ހުވާކުރައްވާ ޖަލްސާގައި ބައިވެރިވެވަޑައިގަންނަވަން ކަމަށް އަސްލަމް ވިދާޅުވިއެވެ. ނަމަވެސް އޭނާ ވަނީ ނަޝީދުގެ ރިޔާސަތުގައި މުއިއްޒު ހުވާކުރައްވާ ނަމަ، އެ ޖަލްސާއަށް ވަޑައިނުގަންނަވަން ބޭނުންވާ މެންބަރުންނަށް އެ ފުރުސަތު އޮތް ކަމަށް ދޭހަވާ ފަދަ މޭރުމަކުން ވާހަކަދައްކަވައިފައެވެ.
"ދެން އެފަދަ ޖަލްސާއެއް އަޅުގަނޑުމެންގެ ޕާލިމެންޓްރީ ގްރޫޕުގައި ތިއްބެވި 55 މެންބަރުން ނުހިމަނައި ވެސް ކޯރަމް ލިބޭނެ" އަސްލަމް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު