އަންނަ އަހަރަށް 49.5 ބިލިއަން ރުފިޔާގެ ބަޖެޓެއް ފިނޭންސް މިނިސްޓްރީން ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފިއެވެ.
ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، އެންމެ ލަސްވެގެން ކޮންމެ އަހަރެއްގެ ނޮވެމްބަރު މަހުގެ އެއް ވަނަ ދުވަހުގެ ކުރިން އެ އަހަރެއްގެ ދައުލަތުގެ ބަޖެޓު، މަޖިލީހަށް ފިނޭންސް މިނިސްޓަރު ހުށަހަޅަންވާނެ ކަމަށް މަޖިލީހުގެ ގަވާއިދުގައި ބުނެފައިވެއެވެ.
ފިނޭންސް މިނިސްޓްރީން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ، ބަޖެޓާއި ބަޖެޓާ ގުޅޭ ތަފުސީލުތައް މަޖިލީހަށް ފޮނުވީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ. ނަމަވެސް ބަޖެޓާ ގުޅޭ އިތުރު މައުލޫމާތުތައް ރައްޔިތުންގެ މަޖިލީހަށް ބެޖެޓް ބަޔާނާއެކު ހިއްސާކުރާނެ ކަމަށް ބުންޏެވެ.
މި އަހަރަށް ލަފާކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް 42.6 ބިލިއަން ރުފިޔާގެ ބަޖެޓެއް ހުށަހެޅި ނަމަވެސް މަޖިލީހުން ފާސްކުރީ 42.8 ބިިލިޔަން ރުފިޔާގެ ބަޖެޓެކެވެ.
މިއަދު މަޖިލީހުގެ ޖަލްސާއަށް ބަޖެޓް ހުށަހަޅަން ތާވަލުކުރި ނަމަވެސް ނަޝީދު ވަކިކުރުމުގެ ގަރާރު ކުރިއަށް ނުގެންގޮސް، މަޖިލީހުގެ އިތުރު މަސައްކަތެއް ނުކުރެވޭނެ ކަމަށް މަޖިލީހުގެ ގަވާއިދުގައި ބަޔާންކޮށްފައިވާތީ މިއަދުގެ ޖަލްސާއަށް ބަޖެޓު ހުށަހަޅަން ވަޑައިނުގަންނަވަން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރަށް ބަންޑާރަ ނައިބުގެ ފަރާތުން ލަފާ ދެއްވުމުން މަޖިލީހަށް ވަޑައިގެންފައެއް ނުވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު