އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓާއި ސަޕްލިމެންޓަރީ ބަޖެޓް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން މިއަދު ތާވަލުކޮށްފައި އޮތް ޖަލްސާއަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވަޑައިނުގަންނަވަން ބަންޑާރަ ނައިބު ލަފާ ދެއްވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަގާމުން ވަކި ކުރުމަށް ހުށަހަޅާފައިވާ ގަރާރުގެ ނޯޓިސްގެ މުއްދަތު ހަމަވެ، އިއްޔެ އާއި އޭގެ ކުރީ ދުވަހުވެސް އެ ގަރާރު ކުރިޔަކަށް ނުދިޔައެވެ. އެއީ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ސަލާމުގައި ހުންނެވުމުން އެ ދެ ފަހަރު ބާއްވަން އޮތް ޖަލްސާވެސް ކެންސަލް ކުރުމުންނެވެ.
އެހެންވެ ނަޝީދު މަގާމުން ވަކި ކުރުމަށް ހުށަހަޅާފައިވާ ގަރާރު ފަހަތަށް ޖައްސާލުމަށްފަހު މި އަހަރަށް ފާސްކުރި ބަޖެޓަށް އިތުރު ކުރަން ހުށަހަޅާފައިވާ ސަޕްލިމަންޓްރީ ބަޖެޓާއި އަންނަ އަހަރަށް ލަފާކުރާ ބަޖެޓު ހުށަހެޅުން މަޖިލީހުގެ އިދާރާއިން ވަނީ މިއަދުގެ ޖަލްސާއަށް ތާވަލުކޮށްފައެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު "ވަން" އަށް ވިދާޅުވީ، މިއަދުގެ ޖަލްސާއަށް ވަޑައިގެން ބަޖެޓު ހުށަހަޅަން ވަޑައިނުގަންނަވަން އަމީރަށް އޭޖީގެ ފަރާތުން ލަފާ ދެއްވީ ނަޝީދު ވަކިކުރުމުގެ ގަރާރު ކުރިއަށް ނުގެންގޮސް، މަޖިލީހުގެ އިތުރު މަސައްކަތެއް ނުކުރެވޭނެ ކަމަށް މަޖިލީހުގެ ގަވާއިދުގައި ބަޔާންކޮށްފައިވާތީ ކަމަށެވެ.
ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، އެންމެ ލަސްވެގެން ކޮންމެ އަހަރެއްގެ ނޮވެމްބަރު މަހުގެ އެއް ވަނަ ދުވަހުގެ ކުރިން އެ އަހަރެއްގެ ދައުލަތުގެ ބަޖެޓު، މަޖިލީހަށް ފިނޭންސް މިނިސްޓަރު ހުށަހަޅަންވާނެ ކަމަށް މަޖިލީހުގެ ގަވާއިދުގައި ބުނެފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު