ފަލަސްތީނުގެ ރައްޔިތުންނަށް އެހީތެރިވުމުގެ ގޮތުން، މޯލްޑިވްސް ޕޯޓްސް ލިމިޓަޑް (އެމްޕީއެލް) އިން ފަސް ލައްކަ ރުފިޔާ ހަދިޔާކޮށްފިއެވެ.
މި އެހީ ހަވާލުކުރީ މޯލްޑިވްސް ރެޑް ކްރެސެންޓް (އެމްއާރްސީ) އިން ހިންގާ ފަލަސްތީން ރިލީފް ފަންޑަށާއި އިންޓަނޭޝަނަލް އެއިޑް ކެމްޕޭން (އައިއޭސީ) އިން ހިންގާ ގާޒާ އެމަޖެންސީ ރިލީފް ފަންޑަށެވެ.
އެމްޕީއެލުން މިއަދު ބުނީ އެކުންފުނިންނާއި އެ ކުންފުނީގެ މުވައްޒަފުންގެ ފަރާތުން އެ ދެ ފަނޑަށް ޖުމްލަ 565،000 ރުފިޔާ ހަދިޔާކުރި ކަމަށެވެ.
އެމްޕީއެލުން ބުނީ މި ފައިސާ ހަދިޔާކުރީ އިޒްރޭލުން ގާޒާއަށް ދެމުންދާ ލާއިންސާނީ ހަމަލާތަކާ ގުޅިގެން ހާލުގައި ޖެހިފައިވާ ފަލަސްތީނުގެ ލޮބުވެތި ރައްޔިތުންނަށް އެހީ ފޯރުކޮށްދިނުމަށް ކަމަށެވެ.
ފަލަސްތީނަށް އެހީވުމުގެ ގޮތުން އެމްޕީއެލްގެ އެކި ސަރަހައްދުތަކުގައި ފަންޑް ފޮށިތައް ބަހައްޓަން ވެސް ވަނީ ނިންމާފައިވާ ކަމަށެވެ. އަދި ފަލަސްތީނުގެ ރައްޔިތުންނަށް އިތުރު އެހީ ހޯދުމަށް ރާއްޖޭގައި ހިންގާ އެކި ހަރަކާތްތަކަށް އެ ކުންފުންޏާއި ކުންފުނީގެ މުވައްޒަފުންގެ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ލިބޭނެ ކަމަށްވެސް ބުންޏެވެ.
ގާޒާގައި ހާލުގައި ޖެހިފައިވާ ރައްޔިތުންނަށް އެހީވާން ރާއްޖޭގައި އަންނަނީ އެކި ހަރަކާތްތައް ހިންގަމުންނެވެ. އެގޮތުން އެހީގެ ރުފިޔާ ހޯދުމަށް ގިނަ ހަރަކާތްތަކެއް ކުރިއަށްގެންދާ އިރު، އަންނައުނު ފަދަ ތަކެއްޗާއި ޒަރޫރީ ބޭނުންތަކަށް ބޭނުންވާނެ ތަކެތި ހޯދުމަށްވެސް ގިނަ ހަރަކާތްތަކެއް އަންނަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށް ގެންދަމުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު