ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ ޖަލްސާއާ ގުޅިގެން އެމްޑީޕީގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ އެ ކޯޓުން މިއަދު ބަލައިގެންފިއެވެ.
މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އިއްޔެ ސަލާމުގައި ހުންނެވުމުން ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލައާމެދު ގޮތެއް ނިންމަން އިއްޔެއަށް ތާވަލުކުރި ޖަލްސާ ކުރިއަށް ނުގެންދަން އަމީން އާންމު ފާތިމަތު ނިއުޝާ ނިންމެވީ ގާނޫނުއަސާސީއާއި މަޖިލީހުގެ ގަވާއިދާ ހިލާފަށް ކަމަށް ބުނެ، އެ މައްސަލަ އެމްޑީޕީން ސުޕްރީމް ކޯޓަށް ހުށަހެޅީ އިއްޔެއެވެ.
އެމްޑީޕީގެ ކުރީގެ އޮފީހުގައި އިއްޔެ އެ ޕާޓީގެ ގާނޫނީ ޓީމުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޓީމުގައި ހިމެނިވަޑައިގަންނަވާ މެމްބަރު އަހުމަދު އަބްދުالله އަފީފު ވިދާޅުވެފައިވަނީ، އެމްޑީޕީގެ ފަރާތުން ސުޕްރީމް ކޯޓުގައި ދެ އަމުރެއް ނެރެދެއްވުމަށް އެދިފައިވާނެ ކަމަށެވެ.
"އަޅުގަނޑުމެން އެދިފައިވާނީ ރައްޔިތުންގެ މަޖިލީހުގެ 205 ވަނަ މާއްދާގެ (ބ)ގައިވާ ގޮތުގެ މަތިން، ރައްޔިތުން މަޖިލީހުގެ ރައީސް މަގާމުން ވަކިކުރަން ހުށަހަޅާފައިވާ މައްސަލައަށް ގޮތެއް ނިންމެވުމުގެ ރިޔާސަތު ބެލެހެއްޓުމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ހާޒިރުނުވާ ހާލަތުގައި، ހާޒިރުވެވަޑައިނުގެންނެވޭ ހާލަތުގައި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު 44 ވަނަ މާއްދާއަށް އަމަލުކުރުން، މަޖިލީހުގެ މައްޗަށް މަޖިލީހުގެ އިދާރާއަށް ލާޒިމުވާނެ ކަމަށް ކަނޑައަޅުވައިދެއްވަން،" އަފީފު ވިދާޅުވެފައިވެއެވެ.
އޭގެ އިތުރަށް ރައްޔިތުންގެ މަޖިލީހުގެ ރައިސް މަގާމުން ވަކިކުރުމަށް ގަރާރެއް ހުށަހެޅިފައިވާނަމަ އެ ވަގުތު މަޖިލީހަށް ހުށަހެޅިފައިވާ އެހެން އެއްވެސް ކަމަކާމެދު ބަހުސް ކުރެވޭނީ ނުވަތަ ގޮތެއް ނިންމަންވާނީ މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމާމެދު ގަރާރާ މެދު ގޮތެއް ނިންމެވުމަށްފަހު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 205 ވަނަ މާއްދާގެ (ރ)ގައި ބަޔާންކޮށްފައިވާތީ، ރައްޔިތުން މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމަށް މިހާރު ހުށަހަޅާފައިވާ ގަރާރާމެދު ގޮތެއް ނިންމެވުމަށްފަހު ނޫނީ މަޖިލީހުގެ އެހެން އެއްވެސް ޖަލްސާއެއް ކުރިއަށް ނުގެންދެވޭނެ ކަމަށް ކަނޑައަޅުވައި ދެއްވުމަށް އެދިފައިވާނެ،"
ރައީސް އޮފީހުގެ ކުރީގެ ލީގަލް ކައުންސިލްގެ މަގާމުގައި ހުންނެވި އަފީފު ވިދާޅުވެފައިވަނީ ރައްޔިތުންގެ މަޖިލީހަކީ އަބަދުވެސް ހިނގަހިނގާ ހުންނަންޖެހޭނެ އިދާރާއެއް ކަމަށާއި ގާނޫނުއަސާސީ އަދި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު މާނަކުރަންވާނީ މަޖިލީހުގެ މަސައްކަތް ނުހުއްޓި ކުރިއަށް ގެންދެވޭ ގޮތަށް ކަމަށެވެ. މަޖިލީހުގެ ނައިބު ރައީސް ރިޔާސަތު ބަލަހައްޓަވަން އުޒުރުވެރިވާ ހާލަތެއްގައި ރިޔާސަތު ބަލަހައްޓަން ފަސް މެމްބަރުންނަށް ގަވާއިދު ޖާގަ ދީފައިވާ ކަމަށްވެސް ވިދާޅުވެފައިވެއެވެ.
މަޖިލީހުގެ ގަވާއިދުގެ 44 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ މަޖިލީހުގެ ނައިބު ރައީސްއާއި މަޖިލީހުގެ ނައިބު ރައީސް، ރިޔާސަތު ބަލަހައްޓަން އުޒުރުވެރިވެއްޖެނަމަ ދެން ރިޔާސަތު ބަލަހައްޓަވާނީ މަޖިލީހުގައި މެދުނުކެނޑި އެންމެ ގިނަ ދުވަހު ހިދުމަތްކުރެއްވި ފަސް މެމްބަރުންގެ ތެރެއިން މެމްބަރެއް ކަމަށެވެ. އެގޮތަށް މެމްބަރަކަށް ރިޔާސަތު ބެލެހެއްޓޭނީ ވިދިވިދިގެން ތިން ޖަލްސާގައެވެ. އެގޮތަށް ރިޔާސަތު ބަލަހައްޓާނެ ފަސް މެމްބަރެއް މަޖިލީހުގެ ރައީސް އަދި ނައިބު ރައީސް އިންތިހާބު ކުރުމަށްފަހު ހިނގާ ފުރަތަމަ ދެ ހަފުތާ ތެރޭގައި އިއުލާން ކުރަންވާނެ ކަމަށް އެ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވެއެވެ.
މީގެ ކުރިން މަޖިލީހުގެ ރައީސް އަދި ނައިބު ރައީސް، ރިޔާސަތު ބަލަހައްޓަން އުޒުރުވެރިވާ ހާލަތްތަކުގައި ރިޔާސަތު ބެލެހެއްޓީ ވިލުފުށި ދާއިރާގެ މެމްބަރު ހަސަން އަފީފެވެ. ނަމަވެސް ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތަށް ފަސް މެމްބަރުން އިންތިހާބުކޮށް، އެ ބޭފުޅުންގެ ނަންތައް އިއުލާން ކުރައްވައިފައެއް ނުވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު