ލިވަޕޫލްގެ ކޮލަމްބިއާ ފޯވަޑް، ލުއިސް ޑިއާޒްގެ ބައްޕަ ހޯދައި މިނިވަންކުރުމަށް ކުރާ މަސައްކަތް އިތުރުކޮށް، ސިފައިންނާއި ފުލުހުންގެ ބޮޑު އޮޕަރޭޝަނެއް ފަށައިފިއެވެ.
ހުކުރު ދުވަހުގެ ރޭ ލުއިސް ޑިއާޒްގެ މަންމައާއި ބައްޕަ ރަހީނުކޮށްފައިވަނީ ކޮލަމްބިއާގެ ލަ ގުއާޖީރާގެ ބަރަންކާސްގައެވެ. އެ ވަގުތުން ފެށިގެން ކޮލަމްބިއާ ފުލުހުން، ލުއިސް ޑިއާޒްގެ މަންމައާއި ބައްޕަ ހޯދަން މަސައްކަތް ފަށާފައިވާ އިރު، މިހާރު ވަނީ އެ މަސައްކަތަށް ކޮންމެވެސް ވަރެއްގެ ކާމިޔާބީއެއް ލިބިފައެވެ.
އިއްޔެ ހެނދުނުގެ ވަގުތެއްގައި ލުއިސް ޑިއާޒްގެ މަންމަ، ސިލެނިސް މަރުލަންޑާ މިނިވަންކޮށް ދޫކޮށްލައިފައިވާ އިރު، މިހާރު ފުލުހުން މަސައްކަތް ކުރަމުން އަންނަނީ ލުއިސް ޑިއާޒްގެ ބައްޕަ މިނިވަން ކުރުމަށެވެ.
ބައްޕަގެ ހަބަރެއް މިއަދާ ހަމައަށްވެސްވެފައިނުވާ އިރު، ރޭ ލިވަޕޫލުން ކުޅުނު މެޗުގެ ސްކޮޑުގައި ޑިއާޒް ހިމަނާފައެއްވެސް ނުވެއެވެ. ހަބަރުތައް ބުނާ ގޮތުގައި މި ވަގުތު ޑިއާޒް ހުރީ ކޮލަމްބިއާގައެވެ.
ކޮލަމްބިއާ ސަރުކާރުން ޑިއާޒްގެ ބައްޕަ ހޯދަން 120 އަށްވުރެ ގިނަ ސިފައިންގެ އެހީ ހޯދަމުންދެއެވެ. އޭގެ އިތުރުން ފުލުހުންވެސް ހަރަކާތްތެރިވަމުންދާ އިރު، ޑިއާޒްގެ ބައްޕަގެ އެއްވެސް މައުލޫމާތެއް އެނގޭ މީހެއް ހުރި ނަމަ، އެކަން އަންގައި ދިނުމުން 40،000 ޑޮލަރުގެ ފައިސާގެ އިނާމެއް ދޭންވެސް ސަރުކާރުން ވަނީ ނިންމައިފައެވެ.
ކޮލަމްބިއާ ސިފައިން ނެރުނު ބަޔާނެއްގައި ބުނީ ސިފައިން މަގުތަކުގައި ޗެކްޕޮއިންޓްތަކުގައި ބަލާ ފާސްކުރަމުން ދިއުމުގެ އިތުރުން ޑްރޯންތަކާއި ހެލިކޮޕްޓަރު އަދި ރާޑަރު ހަރުކުރި ފްލައިޓްތަކުގައިވެސް ޑިއާޒްގެ ބައްޕަ ހޯދަމުންދާ ކަމަށެވެ.
ލިވަޕޫލް
ލިވަޕޫލް
ލިވަޕޫލް
ލިވަޕޫލް