ކުޑަކުދިންގެ ދިވެހި ވާހަކަ ފޮތް އެޕްލިކޭޝަން "އޯލަ" އަށް އުރިދޫ އެމް-ފައިސާ ބޭނުންކޮށްގެން ފައިސާ ދެއްކޭ ގޮތް ހަދައިފިއެވެ.

އޯލަ އެޕަށް އެމް-ފައިސާގެ ހިދުމަތް ތައާރަފްކޮށްފައި ވަނީ އުރީދޫ މައި އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައެވެ. އެ ރަސްމިއްޔާތުގައި އުރީދޫގެ އިސްވެރިންނާއި އޯލަ އެޕް އުފައްދައި ހިންގާ ޓީމުވެސް ބައިވެރިވިއެވެ.

އެ ރަސްމިއްޔާތުގައި އެމް-ފައިސާ މެދުވެރިކޮށް އެޕަށް ފައިސާ ދެއްކޭ ގޮތް ދައްކާލާފައި ވެއެވެ. އެގޮތުން، އެޕަށް ރަޖިސްޓްރީވުމަށް ފަހު ފައިސާ ދައްކަން ބޭނުންވާ ތިން ގޮތެއް ހިޔާރު ކުރެވެން ހުރެއެވެ. އަދި ބޭނުންވާ ގޮތް ހިޔާރުކުރުމުން އެމްފައިސާގެ ޕޯޓަލްއަށް ޑައިރެކްޓް ކޮށްދެއެވެ. ޕޯޓަލްއަށް ދިއުމަށް ފަހު އެމްފައިސާގައި ރަޖިސްޓާ ކޮށްފައިވާ ނަމްބަރު ޖަހައި، ނަމްބަރަށް ލިބޭ އޯޓީޕީ ކޯޑު ޖެހުމުން އެޕަށް ފައިސާ ދެއްކޭނެއެވެ.

އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އުރީދޫގެ ޗީފް ކޮމާޝަލް އޮފިޝާ (ސީއެފްއޯ) ހުސެއިން ނިޔާޒް ވިދާޅުވީ އުރީދޫއަކީ އަބަދުވެސް ދިވެހި އުފެއްދުންތަކަށް އިސްކަން ދޭ ކުންފުންޏެއް ކަމަށާއި ހާއްސަކޮށް ޑިޖިޓަލް އެޕް ތަކަށް އިސްކަން ދޭ ކުންފުންޏެއް ކަމަށެވެ. އަދި މި ޒަމާނަކީ ހުރިހާ ކަމެއްވެސް ޑިޖިޓަލް ކޮށް ކުރެވޭ ޒަމާނަކަށް ވެފައި "އޯލަ" ފަދަ ދިވެހި ޑިޖިޓަލް އެޕްތައް ނެރުމަކީ ލިބޭ އުފަލެއް ކަމަށް ވިދާޅުވިއެވެ.

"ވަރަށް އުފާވެރި ދުވަހެއް މިއީ، ދިވެހިން ތެރޭގައި ދިވެހި އުފެއްދުންތައް މިގޮތަށް އިންޓަނޭޝަނަލް ޕްލެޓްފޯމަށް ލޯންޗުކުރެވިގެން ދިއުމަކީ. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ މަގުސަދަކީ މި އެޕު އިންޓަނެޝަނަލް ޕްލެޓްފޯމްތަކަށް ފޯރުކޮށްދިނުން،" ނިޔާޒު ވިދާޅުވިއެވެ.

އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އޯލަ އެޕްގެ ކްރިއޭޓިވް ލީޑު ސަމްހަތް އިބްރާހީމް ވިދާޅުވީ އެމްފައިސާ މެދުވެރިކޮށް އެ އެޕަށް ފައިސާ ދެއްކޭނެ ގޮތް ހެދުމާއެކު ގިނަ ބަޔަކަށް ފަސޭހަކަމާއެކު އެޕަށް ފައިސާ ދެއްކޭނެ ކަމަށެވެ. އަދި ގިނަ ބަޔަކަށް އެ އެޕަށް އެކްސެސްވާން ފަސޭހަ ވާނެ ކަމަށް ވިދާޅުވިއެވެ.

"އެމްފައިސާ އިންޓަގްރޭޓް ކުރުމަކީ މި އެފަށް، އަދި އުރީދޫއަށާއި ކުދިންނަށް ކުރިއެރުމެއް ކަމަށް އަޅުގަނޑު އުންމީދުކުރަން" ސަމްހަތް ވިދާޅުވިއެވެ.

އޯލަ އެޕުގައި ދިވެހި ގިނަ ވާހަކަތަކެއް ލިބެން ހުންނަ އިރު، ހޭލުންތެރިކުރުމުގެ ވީޑިއޯތައްވެސް ހުރެއެވެ. އަދި ބެލެނިވެރިންނަށް ވަކި ޕްރޮފައިލަކާއި ކުދިންނަށް ވަކި ޕްރޮފައިލްތައް ހުންނަ އިރު، އެކި ޑިވައިސްތަކުގައި އެޕް ބޭނުން ކުރެވޭނެއެވެ.