ޖަރުމަން ބަންޑަސް ލީގާގައި ރޭ ބަޔާން މިއުނިކުން ކުޅުނު މެޗުގައި 8-0ގެ ނަތީޖާއަކުން ޑާމްސްޓަޑްޓް ބަލިކޮށްފިއެވެ.
ބަޔާނުން އަމިއްލަ ދަނޑުގައި ރޭ ކުޅުނު މެޗުގައި ތަފާތު ބޮޑު ސްކޯލައިނެއް ފެނިގެން ގޮސްފައިވާ އިރު، ޖުމުލަ ތިން ރަތް ކާޑުވެސް ފެނިގެން ދިޔައެވެ. މެޗުގެ ހަތަރު ވަނަ މިނެޓުގައި ބަޔާންގެ ޖޯޝުއާ ކިމިކަށް ރަތް ކާޑު ދެއްކި އިރު ޑާމްސްޓަޑްޓްގެ ދެ ކުޅުންތެރިންނަށް ފުރަތަމަ ހާފުގައި އިތުރު ދެ ރަތް ކާޑު ދެއްކިއެވެ. އެއީ 21 މިނެޓުގައި ކްލައުސް ޖަސޫލާއަށް ދެއްކި ރަތް ކާޑާއި މަޓޭޖް މަޖްލިކާއަށް ދެއްކި ރަތް ކާޑެވެ.
ރޭގެ މެޗުގައި ބަޔާނުން ޖެހި އަށް ގޯލުވެސް ދެވަނަ ހާފުގައި ފެނުނު އިރު، އިންގްލެންޑްގެ ކެޕްޓަން ކޭން ވަނީ ހެޓްރިކް ފުރިހަމަ ކޮށްފައެވެ. އެއީ 51 ވަނަ މިނެޓުގައި ޖެހި ގޯލާއި 69 އަދި 88 ވަނަ މިނެޓުގައި ޖެހި ގޯލުތަކުންނެވެ.
ކޭން ރޭގެ މެޗުގައި ޖެހި އެއް ގޯލު ވަރަށް ބޮޑަށް ފާހަގަކޮށްލެވުނެވެ. އެއީ އަމިއްލަ ހާފު ތެރެއިން މަތިން ފޮނުވާލި ބޯޅައެއް، ގޯލްކީޕަރު ބޯމަތިން ގޯލަށް ވައްޓާލައިގެން އޭނާ ޖެހި ފުރިހަމަ ގޯލެކެވެ.
ކޭންގެ އިތުރުން ބަޔާންގެ ގޯލުތައް ޖެހީ ލެރޮއީ ސާނޭއާއި ޖަމާލް މުސިއާލާ އަދި ތޯމަސް މުލާއެވެ. ސާނޭއާއި މުސިއާލާ ވަނީ ކޮންމެ ކުޅުންތެރިޔަކު ދެ ގޯލު މެޗުގައި ޖަހައިފައެވެ. ރޭގެ މެޗުގައި ބަޔާންގެ ރަސްމީ ގޯލްކީޕަރު، މެނުއަލް ނޯޔާ ކުޅެން ނުކުމެފައިވެއެވެ. އެއީ 2022 ވަނަ އަހަރު ޑިސެމްބަރު މަހު، ސްކީ ކުރަން އުޅެނިކޮށް ފައިބިންދައިގެން ދިޔަ ފަހުން އޭނާ ކުޅުނު ފުރަތަމަ މެޗެވެ.
ބަޔާން މި ވަގުތު ޖަރުމަނު ލީގުގެ އެއްވަނައިގައި އޮތީ އެއް ޕޮއިންޓްގެ ލީޑެއްގައެވެ. އެއީ ދެވަނައިގައި އޮތް ބަޔާން ލެވަކޫސަންއަށްވުރެ މެޗެއް އިތުރަށް ކުޅެގެންނެވެ. މިރޭ ލެވަކޫސަންއިން ނުކުންނާނީ ފްރެއިބާގާ ދެކޮޅަށެވެ.
ބަޔާން މިއުނިކް
ބަޔާން މިއުނިކް
ބަޔާން މިއުނިކް
ބަޔާން މިއުނިކް