ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަ ކޮށްލަން ދިން ބޮމުގެ ހަމަލާގެ ޝަރީއަތް އަވަސް ނުކުރާނެ ކަމަށް އެ މައްސަލަ ބައްލަވާ ގާޒީ ސޮފްވަތު ހަބީބު ވިދާޅުވެއްޖެއެވެ.

ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި އެ މައްސަލައިގެ ޝަރީއަތުގައި ގާޒީ ވިދާޅުވީ، މައްސަލައިގެ ޝަރީއަތް އަވަސް ކުރެވެން ނެތީ ޖާގައިގެ ދަތިކަމުގެ ސަބަބުން ކަމަށާއި ކްރިމިނަލް ކޯޓުގައި ދުވަސްވީ މައްސަލައަކަށް އޮތީ ހަމައެކަނި މި މައްސަލަ ނޫން ކަމަށެވެ. އެހެންކަމުން މި މައްސަލަ އަވަސްކުރުމަށް ވަކި ކަމެއް ނުކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

"އެކަމަކު ދަންނަވާލަން. މި އަންނަ މަހު މި މައްސަލައިގެ ތިން އަޑުއެހުމެއް މިހާރު ވާނީ ތާވަލުކުރެވިފައި،" ގާޒީ ވިދާޅުވިއެވެ.

އެ މައްސަލައިގައި މިއަދު ކުރިއަށް ގެންދިޔައީ ދައުލަތުން ފަރާތުން ހުށަހެޅި ހެކިންގެ ހެކިބަސް ނެގުމުގެ މަރުހަލާއެވެ. ދައުލަތުން ވަނީ އެ މައްސަލައިގައި ދައުވާ އުފުލާފައިވާ މީހުންނާ ދެކޮޅަށް ގިނަ އަދަދެއްގެ ސިއްރު ހެކިންނާއި ފޮރެންސިކް ހެކި އަދި އިންޓެލިޖެންސް ރިޕޯޓުތަކުގެ އިތުރުން ކިތާބީ ހެކި ހުށަހަޅައިފައެވެ.

ނަޝީދު އަވަހާރަ ކޮށްލަން ދިން ހަމަލާގައިވަނީ ނުވަ މީހެއްގެ ދައުވާކޮށްފައެވެ. އޭގެ ތެރެއިން ދެ މީހެއްގެ މައްޗަށް ކުށް ސާބިތުވުމުން ވަނީ ޖަލަށް ލުމަށް ހުކުމްކޮށްފައެވެ.

ނަޝީދަށް ދިން ހަމަލާގެ މޭސްތިރިންނަކީ އަލީ މަނިކު އަދި މުހައްމަދު ތަސްލީމް ކަމަށް ފުލުހުން ވަނީ ކުރިން ބުނެފައެވެ. އަދުހަމްއަކީ ރިމޯޓެއް ބޭނުންކޮށްގެން ބޮން ގޮއްވާލި މީހާއެވެ.