މި އަހަރުގެ ތިންވަނަ ކްއާޓަރުގައި އެންމެ ގިނަ ވަޒީފާ އުފެދިފައިވަނީ ފަތުރުވެރިކަމުގެ ދާއިރާއިން ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ ގެ ބިޒްނަސް ސާވޭ އިން ދައްކައިފިއެވެ.

އެމްއެމްއޭގެ ބިޒްނަޒް ސާވޭގެ ރިޕޯޓުން ދައްކާ ގޮތުގައި، މި އަހަރުގެ ދެވަނަ ކުއާޓާއަށް ވުރެ ތިން ވަނަ ކުއާޓާގައި ޓޫރިޒަމް ދާއިރާއިން އުފެދިފައިވާ ވަޒީފާތައް ވަނީ އިތުރުވެފައެވެ. އެއީ މައިނަސް 14 އިން 13 އަށެވެ.

ސާވޭ ރިޕޯޓުގައިވާ ގޮތުން ހުރިހާ ސިނާއަތްތަކެއްގައި ވަޒީފާތައް އިތުރުވެފައިވީ ނަމަވެސް، އެންމެ ގިނަ އަދަދަކަށް ވަޒީފާތައް އުފެދިފައިވަނީ ފަތުރުވެރިކަމުގެ ސިނާއަތުގައެވެ. އަދި މި މުއްދަތުގައި ކޮންސްޓްރަކްޝަން ސިނާއަތުގައި ވަޒީފާގެ ފުރުސަތުތައް އިތުރުވެފައިވަނީ މިއަހަރުގެ ދެވަނަ ކުއާޓަރުގައިވެސް އެ ސިނާއަތުގައި ވަޒީފާތައް އުފެދުނު މިންވަރަށް ކަމަށް ރިޕޯޓުގައިވެއެވެ

ސާވޭ ރިޕޯޓުގައިވާ ގޮތުން އެހެން ސިނާއަތްތަކާ އަޅައި ބަލާއިރު، ތިންވަނަ ކުއާޓަރުގައި ފަތުރުވެރިކަމުގެ ސިނާއަތް ކުރި އަރައިފައެއް ނުވެއެވެ. އެއީ އޮފް ސީޒަން ވުމުން ފަތުރުވެރިން އަންނަ ނިސްބަތް ދަށްވުމުންނެވެ.

ނަމަވެސް އަހަރުގެ ފަހު ކުއާޓާގައި ޓޫރިޒަމް ދާއިރާ ކުރި އަރާނެ ކަމަށް ވަނީ ލަފާކޮށްފައެވެ. އެގޮތުން ފަހު ކުއާޓާއަކީ ޕީކް ސީޒަން ކަމަށްވުމުން، ފަތުރުވެރިން އަންނަ ނިސްބަތް ބޮޑުތަނުން އިތުރުވާނެއެވެ. އަދި މިހާރު ހަދާފައިވާ ބުކިން ތަކުންވެސް މި ސިނާއަތުގެ އިގުތިސޯދަށް ކުރިއެރުން ލިބިގެންދާނެ ކަމަށް ރިޕޯޓުގައިވެއެވެ.

މީގެ އިތުރުން އެ ސިނާއަތުން ލިބޭނެ ކަމަށް ލަފާކުރާ އާމްދަނީ ވެސް އިތުރުވާނެ ކަމަށާއި ސިނާއަތުގެ މުވައްޒަފުންނަށް ލިބޭ އާމްދަނީ ވެސް އިތުރުވާނެ ކަމަށް ލަފާކުރެވޭ ކަމަށް ރިޕޯޓުގައިވެއެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ހިސާބުތަކަށް ބަލާއިރު، މި އަހަރުގެ މިހާތަނަށް 1.4 މިލިއަން ފަތުރުވެރިން ރާއްޖެ އައިސްފައިވެއެވެ.