އިންޑިއާގައި ކުރިއަށްދާ އައިސީސީ މެންސް ކްރިކެޓް ވޯލްޑް ކަޕްގައި އިއްޔެ ކުޅުނު މެޗުގައި އޮސްޓްރޭލިއާއިން ބޮޑު ތަފާތަކުން ނެދަލޭންޑްސް ބަލިކޮށްފިއެވެ.

އިންޑިއާގެ ވެރިރަށް، ނިއުދިއްލީގެ އަރުން ޖައިތުލޭ ސްޓޭޑިއަމްގައި ކުޅުނު މެޗުގައި އޮސްޓްރޭލިއާއިން ނެދަލޭންޑްސް ބަލިކުރީ 309 ލަނޑުންނެވެ. އޮސްޓްރޭލިއާއިން އެންމެފަހުން ކުޅުނު ތިން މެޗުންވެސް އެޓީމު މޮޅުވެފައިވާ އިރު، މިހާރު ވަނީ ގަދަ ހަތަރެއްގައި ހިފަހައްޓާލުމުގެ އުންމީދު ބޮޑުވެފައެވެ. ހާއްސަކޮށް އިއްޔެގެ މެޗުގައި ހޯދި ބޮޑު މޮޅާއެކު ނެޓް ރަން-ރޭޓް ރަނގަޅުކޮށް، އޮސްޓްރޭލިއާއިން ވަނީ ސެމީގެ އުންމީދު ބޮޑު ކޮށްފައެވެ.

އޮސްޓްރޭލިއާއިން ފަސް މެޗުން ހަ ޕޮއިންޓް ލިބިފައިވާ އިރު، ފަސްވަނައިގައި އޮތް ޕާކިސްތާނަށް ފަސް މެޗުން ލިބިފައި ވަނީ ހަތަރު ޕޮއިންޓެވެ. ހަވަނައިގައި އޮތް އަފްގާނިސްތާނަށްވެސް ފަސް މެޗުން ހަތަރު ޕޮއިންޓް ލިބިފައިވެއެވެ.

ޓޮސް ދިމާވުމުން އޮސްޓްރޭލިއާއިން ބެޓް ކުރަން އަރައި، 50 އޯވަރު ތެރޭގައި އަށް ކުޅުންތެރިން ނުބައިވެގެން 399 ލަނޑު ހެދިއެވެ. އޮސްޓްރޭލިއާގެ ގްލެން މެކްސްވެލް އެންމެ 44 ބޯޅައިން 106 ލަނޑު ހެދިއިރު، އެއީ ކްރިކެޓް ވޯލްޑް ކަޕްގައި އެންމެ އަވަސް ސެންޗަރީއެވެ. މީގެ ކުރިންވެސް އެ ރެކޯޑު ހަދާފައި އޮތީ މެކްސްވެލްއެވެ. އެއީ 2015 ވަނަ އަހަރު 51 ބޯޅައިން ސްރީ ލަންކާއާ ދެކޮޅަށް ހެދި ސެންޗަރީންނެވެ.

އޮސްޓްރޭލިއާގެ އިނިންގްސް ބަދަލުގައި ކުޅެން އަރައި ނެދަލޭންޑްސްއަށް 21 އޯވަރު ތެރޭގައި، ހުރިހާ ކުޅުންތެރިން ނުބައިވެގެން ހެދުނީ 90 ލަނޑެވެ. އޮސްޓްރޭލިއާ އެޑަމް ޒަމްޕާ ވަނީ މެޗުގައި ހަތަރު ވިކެޓް ނަގައިފައެވެ.