ލިވަޕޫލްގެ ސްކޮޓްލެންޑް ލެފްޓް ބެކް، އެންޑީ ރޮބަޓްސަންގެ އަތަށް ލިބުނު އަނިޔާގެ ސަބަބުން އޮޕަރޭޝަނެއް ކޮށްފިއެވެ.
ރޮބަޓްސަންއަށް އަނިޔާވީ މިމަހުގެ އިންޓަނޭޝަނަލް ބްރޭކްގައި ސްކޮޓްލެންޑުން ސްޕެއިނާ ދެކޮޅަށް ކުޅުނު ޔޫރޯ 2024 ގެ ކޮލިފިކޭޝަން މެޗުގައެވެ. އެ މެޗުގައި ރޮބަޓްސަން ސްޕެއިންގެ ކީޕަރު އުނައި ސިމޮންގެ ގައިގައި ޖެހުމުން ވެއްޓި ކޮނޑުހުޅަށް ތަދުވެފައިވާ އިރު، ދަނޑުން ބާލަން ޖެހުނީ އަތުގައި ހިފަހައްޓައިގެންނެވެ.
ލިވަޕޫލްގެ ކޯޗު ކްލޮޕް ބުނީ ރޮބަޓްސަން އިއްޔެ ސާޖަރީ ފުރިހަމަކޮށްފައިވާ ކަމަށާއި، އެ ސާޖަރީ ކާމިޔާބު ކަމަށެވެ. އަދި އަނިޔާގެ ސަބަބުން ރޮބަޓްސަން ކުޅުމާ ދުރުގައި ހުންނަން ޖެހޭނީ ކިހާ ދުވަހެއްވަންދެންކަން ޔަގީންކޮށް ބުނަން ނޭނގޭ ކަމަށްވެސް ކްލޮޕް އިއްޔެ ބުނެފައިވެއެވެ.
ރޮބަޓްސަންއަކީ ލިވަޕޫލަށް މުހިއްމު ކުޅުންތެރިއެކެވެ. އޭނާ ވަނީ މިހާތަނަށް މި ސީޒަނުގެ ލީގުގައި ކުޅުނު އަށް މެޗުގައިވެސް މޮޅަށް ކުޅެފައެވެ. ރޮބަޓްސަންއަށް ލިބުނު އަނިޔާއާއެކު ލިވަޕޫލުން އެންމެފަހުން ލީގުގައި އެވަޓަންއާ ދެކޮޅަށް ކުޅުނު މެޗުގައި ވާތްފަޅިން ފަހަތަށް ކުޅުނީ ކޮސްޓަސް ސިމިކަސްއެވެ.
ލިވަޕޫލުން އެންމެފަހުން ލީގުގައި ކުޅުނު މެޗުގެ އިތުރުން ޔޫރޮޕާ ލީގުގައި ލަސްކް ލިންޒާ ދެކޮޅަށް ކުޅުނު މެޗާއި، ޔޫނިއަން ސެއިންޓް-ގިލޮއިސްއާ ދެކޮޅަށް ކުޅުނު މެޗުގައިވެސް ސިމިކަސް ކުޅެފައިވާ އިރު، އީއެފްއެލް ކަޕްގެ ތިންވަނަ ބުރުގައި ލެސްޓާ ސިޓީއާ ދެކޮޅަށް ކުޅުނު މެޗުގައިވެސް ސިމިކަސް ކުޅެފައިވެއެވެ.
ބޭރު ކުޅިވަރު
ބޭރު ކުޅިވަރު
ބޭރު ކުޅިވަރު
ބޭރު ކުޅިވަރު