ކައިވެނި ކުރިތާ ފަސް އަހަރު ފަހުން މަގުބޫލު ތަރިން ކަމުގައިވާ ދީޕިކާ ޕަޑުކޯން އަދި ރަންވީރު ސިންގްގެ ކައިވެނި ފެނިގެންދާ ވީޑިއޯ އާންމުކޮށްފިއެވެ.

އިޓަލީގެ ލޭކް ކޮމޯގައި ކުރިއަށްދިޔަ އެކައިވެނީގެ ވީޑިއޯ ދެމަފިރިން ފުރަތަމަ ރިލީސްކުރީ ކޮފީ ވިތް ކަރަންގެ އެޕިސޯޑުގައެވެ. އެއަށްފަހު ވީޑިއޯ ވަނީ އޮންލައިންކޮށް ރިލީސްކޮށްފައެވެ. މީގެ ކުރިން ކައިވެނީގެ އެކި ފޮޓޯތައް އެ ދެމީހުން ހިއްސާކޮށްފައިވީނަމަވެސް މި ވީޑިއޯ ތަފާތުވެގެން ދަނީ އޭގެ ބިހައިންޑް ދަ ސީން މަންޒަރުތައްވެސް ހިމެނިފައިވުމުންނެވެ.

https://www.youtube.com/watch?v=MwmS2pXlqNs

ވީޑިއޯގައި ދީޕިކާ އަދި ރަންވީރުގެ އިތުރުން އެމީހުންގެ ބައްޕަމެންގެ އިންޓަވިއުއެއްވެސް ފެނިގެން ދެއެވެ.

"އޭނާ އަކީ އަހަރުމެންގެ އާއިލާގެ މީހުނާ މުޅިން ތަފާތު މީހެއް. އަހަރެމެންނަކީ ވަރަށް މަޑުމައިތިރި ބައެއް. މިއީ ވަރަށް ރަނގަޅު ބަދަލެއް. އެއީ އަހަރެމެންގެ އާއިލާއަކީ ވަރަށް ބޯރިން އާއިލާއެއް" ދީޕިކާގެ ބައްޕަ ޕްރަކާޝް ޕަޑުކޯން ބުނެއެވެ.

ރަންވީރުގެ ބައްޕަ ބުނި ގޮތުގައި މީގެ ކުރިން ރަންވީރު އަދި ދީޕިކާ ކައިވެނި ކޮށްފާނެ ކަމަށް ހީވެސް ނުކުރެއެވެ. ނަމަވެސް އެ ދެމީހުންގެ ގުޅުން އެއީ 'ޑެސްޓިނީ' އެއް ކަމުގައި އޭނާ ސިފަކުރެއެވެ.

"އަހަންނަށް ކަމުދިޔައީ ދުނިޔޭގެ ދެން ތިބި މީހުނަށް އޭނާގެ ނުފެންނަ ފަރާތް. އޭނަގެވެސް މަޑުމައިތިރި ސިފައެއް ހުރޭ. އަނެއްކާ ރޯންވެސް ރޯނެ." ރަންވީރާ ގުޅޭގޮތުން ވީޑިއޯގައި ދީޕިކާ ބުނެފައިވެއެވެ. މީގެ އިތުރުން ހުރިހާ ހަފުލާތަކެއް ނިމުނީމަ ކޮންމެވެސް ކަމެއް ބަދަލުވިކަމަށާއި، މީހެއްގެ މީހަކަށް ވުމުގެ އުފާލިބުނު ކަމަށާއި މީހާ އެކީ ކޮމްޕްލީޓް ވުމުގެ އިހްސާސްވިކަމުގައި ދީޕިކާ ބުނެއެވެ.

ދީޕިކާ އަދި ރަންވީރުގެ ކައިވެނީގެ މި ވީޑިއޯ މީސްމީޑިއާގައި ވައިރަލްވެފައިވާއިރު ފޭނުން އަންނަނީ އެއަށް ތައުރީފު ކުރަމުންނެވެ.