ކޮރެއާ މީހަކު ދިރިދިރިއޮތް ބޯވައެއް ކަނިކޮށް ކަރުގައި އަޅައިގަނެ ހާޓްއެޓޭކެއް ޖެހިއްޖެއެވެ.

ކޮރެއާގައި މަޝްހޫރު ޑިޝްއެއް ކަމަށްވާ ސަން ނަކްޖީ އަކީ އެ ގައުމުގައި ވަރަށް އާންމު ކެއުމެކެވެ. އެ ކެއުމުގައި ދިރިދިރި އޮއްވައި ބޯވަ ކޮށައިލުމަށްފަހު ސޯސްގައި ޖައްސައިގެން ކައެވެ.

ކޮރެއާގެ ގުވަންޖޫ ސިޓީގައި އުމުރުން 82 އަހަރުގެ މީހަކު ވަނީ ސަން ނަކްޖީ ކެއުމަށް މަސައްކަތް ކޮށްފައެވެ. ހޯމަ ދުވަހު ހިނގި އެ ހާދިސާގައި އެ މީހާ ވަނީ ބޯވަ ކަނިކޮށް ކަރުގައި އަޅައިގަނެ ނޭވާ ހާސްވެ ހާޓްއެޓޭކެއް ޖެހިފައިކަމަށް އޮފިޝަލުން ބުނެއެވެ.

ހާދިސާގެ ރިޕޯޓު ލިބުމާއެކު އެ ސިޓީގެ ފަޔަރ ޑިޕާޓްމަންޓުން އޭނާއަށް އެޓެންޑްވެ ސީޕީއާރު ދިން ކަމަށް އޮފިޝަލުން ބުނެއެވެ. ނަމަވެސް އޭނާއަށް ފަހުން ވީގޮތެއް އޮފިޝަލުން ހާމަކޮށްފައެއް ނުވެއެވެ.

ކޮރެއާގައި މީގެ ކުރިންވެސް ސަން ނަކްޖީ ކެއުމުގެ ތެރޭގައި ގިނަ ހާދިސާތަކެއް ވަނީ ހިނގާފައެވެ. ބައެއް މީހުން މަރުވެފައިވާކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.