ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމުގައި މުހައްމަދު ނަޝީދު ހުންނަވައިގެން އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު، ކުރައްވާ ރައީސުލްޖުމްހޫރިއްޔާގެ މަގާމުގެ ހުވާ ގާނޫނުއަސާސީއާ ހިލާފުވާނެ ކަމަށް އެމްޑީޕީ ޕާލިމެންޓްރީ ގްރޫޕް (ޕީޖީ) އިން ބުނެފިއެވެ.
ރައްޔިތުންގެ މަޖިލިހުގެ ރައީސް ކަމުގެ މަގާމުން ރައީސް މުހައްމަދު ނަޝީދު ވަކިކުރަން، އެމްޑީޕީން މަޖިލީހަށް ހުށަހަޅާފައިވާ މައްސަލައިގައި ތްރީލައިން ވިޕެއް ނެރުމަށް އެމްޑީޕީގެ ޕީޖީ ގުރޫޕުން ވަނީ ފާސްކޮށްފައެވެ.
އެގޮތަށް ފާސްކުރުމަށްފަހު މަޖިލީހުގެ ޕާކިން އޭރިއާގައި އެމްޑީޕީގެ ޕީޖީ ގުރޫޕުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ ޕީޖީ ލީޑަރު، މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވީ އިންތިހާބީ ރައީސް ހުވާކުރެއްވުމުގެ ރަސްމިއްޔާތަކީ މަޖިލީހުން ބާއްވާ ރަސްމިއްޔާތެއް ކަމަށާއި ނަޝީދުގެ އިތުބާރު ނެތްކަމުގެ ވޯޓު ނުނަގައި އެ ރަސްމިއްޔާތު ބޭއްވޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.
"ނޮވެންބަރު މަހުގެ 17 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ކުރައްވާ ހުވާ، މި ވޯޓު ނުނިންމާ ރިޔާސަތުން ނިންމާ ނިންމުމެއް އަޅުގަނޑުމެން އެމްޑީޕީގެ ޕާލިމަންޓްރީ ގުރޫޕުގެ ފަރާތުން އެއީ ގާނޫނާއި އެއްގޮތްވާ ގޮތުގެ މަތީން ހުވާ ކުރައްވައިގެން ހުރި ރައީސެއްގެ ގޮތުގައި ނުބަލަން ނިންމާފައިވާނެ،" ޕީޖީ ގުރޫޕުގައި މިއަދު ކުރެއްވި މަޝްވަރާއަށް އިޝާރާތް ކުރައްވަމުން އަސްލަމް ވިދާޅުވިއެވެ.
އަސްލަމް ވިދާޅުވީ އިންތިހާބީ ރައީސް ހުވާކުރައްވާ ޖަލްސާއަށް އެއްބާރުލުން ދޭނީ ނަޝީދުގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގުމަށްފަހު ކަމަށެވެ. އަދި މަޖިލިސް ކުރިއަށް ގެންދަންވާނީ މަޖިލީހުގެ ގަވާއިދާ އެއްގޮތަށް ކަމަށާއި ގަވާއިދާ ހިލާފަށް މަޖިލިސް ހިންގުމުގެ ފުރުސަތު ނަޝީދަށް ނުދެއްވާނެ ކަމަށް ވިދާޅުވިއެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު މުހައްމަދު ނާޝިޒް ވިދާޅުވީ، ނަޝީދު ރިޔާސަތުގައި ހުންނަވައިގެން މުއިއްޒު ހުވާ ކުރެއްވުމަށްފަހު ފޮނުވާ ކެބިނެޓަށް އެމްޑީޕީގެ ރުހުން ނުލިބޭނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު