އއ. ރަސްދޫ ބަނދަރުގެ ބޭރު ތޮށިލުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ ދަށުން މިހާރު ކުރިއަށް ދަނީ އެއްގަމު ތޮށި ލުމުގެ މަސައްކަތް ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.

އެމްޓީސީސީން ބުނީ އެ މަސައްކަތަށް ބޭނުންވާ ގަލުގެ އެންމެ ފަހު ޝިޕްމެންޓު ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފައިވާ ކަމަށެވެ.

މި މަޝްރޫއުގެ ދަށުން، 106,552 ކިއުބިކް މީޓަރުގެ ސަރަހައްދެއްގައި ބިން ހިއްކުމާއި 106 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި 1,656 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި 177 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށި ލުމުގެ މަސައްކަތް ހިމެނެއެވެ. އަދި 244 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިން ޖެހުމާއި 11 މީޓަރު ދިގު 11 މީޓަރު ފުޅާ ރޭމްޕެއް ހެދުމާއި 43 މީޓަރު ދިގު ދެ މީޓަރު ފުޅާ ކޮންކްރީޓް ބްރިޖެއް ހެދުމުގެ މަސައްކަތް ހިމެނެއެވެ.

އޭގެ އިތުރުން 20 މީޓަރު ދިގު ދެ މީޓަރު ފުޅާ ކޮންކްރީޓް ބްރިޖެއް ހެދުމާއި 795 އަކަ މީޓަރުގެ ސަރަހައްދެއްގައި ހާބަރު ޕޭވްމަންޓް ހެދުމާއި ނެރު ބައްތި އާއި ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތްވެސް ހިމެނެއެވެ.

އެ މަޝްރޫއަކީ 80.4 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. ޕްލޭނިން މިނިސްޓްރީގެ ފަރާތުން އެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައި ވަނީ މި އަހަރުގެ ޖެނުއަރީގައެވެ.